ވެލާ ކަނހަބު އަދި މަޑީގެ ބާވަތްތަކާ ކައިރިވެ އުޅޭއިރު އަމަލުކުރަންޖެހޭ އުސޫލުތައް ހަރުދަނާކޮށް އިސްލާހުތަކެއް ގެނެސްފިއެވެ.
މި އިސްލާހުތައް ގެނެސްފައިވަނީ ގުދުރަތީ ގޮތުގައި ނުވަތަ ޠަބިޢީ ގޮތުގައި ހިމާޔަތްކޮށް ރައްކައުތެރިކޮށްފައިވާ ދިރޭ ތަކެއްޗާމެދު އަމަލު ކުރާނެ ގޮތުގައި ކަނޑައަޅާފައި އޮންނަ ޤަވާއިދަށެވެ. 
ވެލަޔާއި ކަހަނބާއި އެތަކެތީގެ މާހައުލުތައް ރައްކައުތެރިކުރުމުގައި އަމަލުކުރާނެގޮތުގެ އުސޫލުތައް އެއްވަނަ ނަމްބަރުގައި ވަނީ ޤުދުރަތީ މާހައުލުގައި ފެންނަ ވެލަޔާއި ކަހަނބުގެ ޠަބީޢަތު ދަމަހައްޓައި އެތަކެއްޗަށާ، މާހައުލަށް ބުރޫނާރާނެފަދައިން އިންސާނުންގެ އަމަލުތައް ބަހައްޓަންވީ ގޮތާއި މިކަމުގައި ގެންގުޅެންވީ އުސޫލުތަކެވެ. އެގޮތުން ވެލާ ކަހަނބާއެކު ފީނާއިރު 6 ފޫޓްގެ ދުރުމިނެއް ބެހެއްޓުމާއި، އަޑުގަދަވާގޮތަށް އެތަކެތީގެ ކައިރީގައި އަމަލުތައް ނުބެހެއްޓުމަށް ވަނީ އިސްލާހުގެނަސްފައެވެ. އަދި މިދިރުމުގެ ޠަބީޢީ އުޅުމަށް ބުރޫއަރާފާނެ އެއްވެސް އަމަލެއް ހިންގުމަކީވެސް މަނާކަމެކެވެ. 
ކަނޑުމަތީގައި އުޅޭއިރު އަނިޔާ ލިބިފައިވާ ވެލާ ކަހަނބު ނުވަތަ މަޑިއެއް ފެނިއްޖެނަމަ ލަސްނުކޮށް ފަރުވާދޭ މަރުކަޒުތަކަށް ގެންދިއުމަށް ވެސް މި އިސްލާހުގައިވެއެވެ. ވެލާ ކަހަނބު އަދި މަޑީގެ އެއްވެސް ބާވަތެއް ދާގަނޑެއްގައި އޮޅިފައިވާނަމަ އެއަށް އަނިޔާ ނުވާގޮތަށް ދާގަނޑުން ނައްޓާލާ، ދާގަނޑު މޫދަށް އެއްލާލުމުގެ ބަދަލުގައި ހިކިފަސްތަނަކަށް އަރުވުމަށްވެސް މި އިސްލާހުގައިބުނެއެވެ. 
		
										
										
			ރާއްޖޭގައި ވެލާ ކަނހަބަށް ފަރުވާދޭ މަރުކަޒުތަކާ ވެޓަރަނީ ޑޮކްޓަރުން މަދުނަމަވެސް ރާއްޖޭގެ އެކިއެކި ރިސޯޓްތަކުގައި މިފަދަ ސެންޓަރުތައް މިހާރު ހުރެއެވެ. އީޕީއޭއިން ބުނީ އެއިން ކޮންމެ ސެންޓަރަކަށް ގެންދިޔަސް އެމީހުން އެދިރުމާ ހަވާލުވެ ފަރުވާދޭނެކަމަށެވެ. 
ވެލާކަހަނބު ޙިމާޔަތްކޮށްފައިވަނީ "ގުދުރަތީ ގޮތުގައި ނުވަތަ ތަބައީ ގޮތުގައި ރައްކާތެރިކުރާ ދިރޭތަކެއްޗާބެހޭ ޤަވާއިދު" އަދި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ 4 ވަނަ މާއްދާގެ ދަށުންނެވެ. އެގޮތުން ވެލާ ބިސް ވިއްކުން 1996ވަނަ އަހަރު ވަނީ މަނާކޮށްފައެވެ. އަދި 2006ވަނަ އަހަރު ވެލާކަހަނބު އެންމެ ގިނައިން ބިސްއަޅާ ކަމަށް ފާހަގަކުރެވިފައިވާ 14 ރަށަކުން ބިސްނެގުން ޤާނޫނީގޮތުން މަނާކުރިއެވެ. 
		
										
			2015 އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ކަނޑުގެ އަނެއް ދިރުމަކީ މަޑީގެ ހުރިހާ ބާވަތެކެވެ. މިބާވަތް ހިމާޔަތް ކުރީ އޭގެ ސަބަބުން ކަނޑުގެ ދިރުމުގެ މުއްސަނދިކަން އިތުރު ކުރުމުގެ ބޭނުމުގައެވެ. އާންމުކޮށް ރާއްޖޭގައި މީހުން ކައި އުޅޭ މަހެއްނޫނެވެ. އެހެންނަމަވެސް ގަސްތުގައި ބައެއް ފަރާތްތަކުން މަޑިއަށް ގެއްލުންދެމުންދާކަން އީޕީއޭއިން ފާހަގަކުރެއެވެ. 
މި އިސްލާހުގައިވާގޮތުން މަޑީގެ ބާވަތްތައް ދިރިއުޅޭކަން ފާހަގަވާ ސަރަހައްދުތަކުގައި ފައްތިޔާ އެޅުމުގެ އުސޫލަށް ވަނީ އިސްލާޙްތަކެއް ގެނަސްފައެވެ. މި އިސްލާހުގައި ވާގޮތުން ފައްތިޔާ އަޅަން ވާނީ ފައްތިޔަލުުގެ ވާ ތަކުގައި މަޑިތައް ނޯޅޭނެހެން އަދި އަނިޔާ ނުވާނެހެންނެވެ. 
ކަނޑުގެ ދިރުމުގެ މުއްސަނދިކަން އިތުރު ކުރުމަށާއި ރާއްޖޭގެ ގުދުރަތީ ރީތިކަން ދައްކުވައިދޭ ގިނަ ތަންތަނެއް ހިމާޔަތް ކުރުމުގެ މަސައްކަތް ސަރުކާރުން ކުރިނަމަވެސް އެތަންތަން ދެމެހެއްޓެނި ގޮތެއްގައި ހިމާޔަތްކޮށް ބެލެހެއްޓޭނެ ތަނެއް ނުފެނެވެ. އަދި މިފަދަ ހަރުކަށި އިސްލާޙްތައް ޤަވައިދުތަކަށް ގެންނައިރު އާންމުން އެކަން ކަންކަމަށް ހޭލުތެރި ކުރުވުމަށް ކުރެވޭ މަސައްކަތްތައްވެސް މަދެވެ.