ޚަބަރު

ގޯތީގެ ޕްލޮޓު ބަދަލުވެދާނެ، ލިބުނު ސައިޒާ ރަށް ބަދަލެއް ނުވާނެ: ޙައިދަރު


  • މާލެ ސަރަޙައްދުން 9001 ގޯތި ދޫކުރޭ

  • އާއްމު ޚިދުމަތްތަކަށް ޖާގަ ދީފައި ނެތް

  • އައު ޚިދުމަތްތަކަށް ޖާގަ ކަނޑައަޅާނެ

  • ގޯތީގެ ޕްލޮޓް ބަދަލުވެދާނެ

  • ސައިޒާ ގޯތި ލިބުނު ރަށް ބަދަލު ނުވާނެ

ގޯތި ދިނުމަށް ނިންމާ ހަވާލުކުރި ލިޔުމާއެއްގޮތަށް އެރަށަކުން ގޯތި ލިބޭނެކަމަށާއި، ނަމަވެސް ގޯތި ކަނޑާ ސަރަޙައްދަށް ބަދަލެއް އައުމަކީ އެކަށީގެންވާކަމެއްކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ.

މިދިޔަ ސަރުކާރުގައި މާލެ ރައްޔިތުންނަށް ޚާއްސަކޮށް ގޯތި ދޫކުރުމަށް ހިންގި މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގައި، 9001 ގޯތި ދޫކޮށްފައިވެއެވެ. ގޯތި ލިބުނު އެންމެނަށް އެކަމުގެ ލިޔުންވެސް ވަނީ ދޫކޮށް ނިންމާފައެވެ. އަދި ހުޅުމާލެއާއި ގުޅިފަޅުން ގޯތި ލިބުނު މީހުންނަށް ބިން ކަނޑާ ހަވާލުކުރުމުގެ މަސައްކަތްތައްވެސް ކޮންމެވެސްވަރަކަށް މިދިޔަ ސަރުކާރުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. އެގްރިމެންޓްތައް ހަވާލުކުރިއިރު، މީގެތެރެއިން ބައެއް މީހުންނަށް ބިން ދޫކުރަން ނިންމާފައިވާ ބައެއް ސަރަޙައްދުތަކަކީވެސް މުޅިން ހިއްކާފައި ނުވާ ސަރަޙައްދުތަކެވެ.

މަލެ ސަރަޙައްދުން ގޯތި ދޫކުރުމުގެ ކަންކަން ކުރިއަށްގެންދިޔަ ގޮތާއި ގުޅޭގޮތުން، ދެން ޢަމަލުކުރާނެ ގޮތައިމެދު އާ ސަރުކާރުގައިވެސް ދަނީ މަޝްވަރާ ކުރައްވަމުންނެވެ.

މިކަމުގެ ތަފުސީލް ދެއްވަމުން، ޕީއެސްއެމް ނިއުސްގެ ރާއްޖެ ޕްރޮގްރާމްގައި ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވީ، ގޯތި ދޭނެކަމަށް ލިޔުން ހަވާލުކުރި އެއްވެސް މީހެއްގެ، އެ ޙައްގު ގެއްލުނަ ނުދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ދެއްވާކަމަށެވެ.

ވަޒީރު ވިދާޅުވީ، ލިސްޓާ އެއްގޮތަށް ގޯތި ދިން ނަމަވެސް، އެކަމުގެ ޢުމްރާނީ ޕްލޭން ހަދާފައި އޮތް ގޮތް ވަރަށް ބޮޑަށް ރިވިއުކުރަންޖެހޭކަމަށެވެ. އެހާ ގިނަ ބަޔަކަށް އެއްފަހަރާ ގޯތި ދޫކުރާއިރު، އެސަޙައްދުތަކަށް ގެންނަންޖެހޭ އަސާސީ ޚިދުމަތްތައް ޤާއިމުކުރުމުގެ ފުރިހަމަ ޕްލޭނެއްވެސް ހަދަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. "ގޮޅި ކަނޑާފައި" ގޯތި ދިންނަމަވެސް، އެކަމުން ރައްޔިތު މީހާ ދިރިއުޅުން ބިނާ ނުކުރެވޭނެކަމަށް ވަޒީރު ވަނީ ވިދާޅުވެފައެވެ. އޭގެ އެކަށީގެންވާ ޕްލޭނެއް މިދިޔަ ސަރުކާރުގައި ނެތްކަމަށް ވަޒީރު ވިދާޅުވިއެވެ.

ހައިދަރު ވިދާޅުވީ މި ހުރިހާ ޚިދުމަތްތަކާއިއެކު، ގުޅިފަޅު، ފިރާވަރުފަޅު އަދި ފުށިދިއްގަރު ފަޅަށްވެސް ވަށާ ޖެހޭ ޕްލޭނެއް ރައީސުލްޖުމްހޫރިއްޔާގެ އެބައޮތްކަމަށެވެ.

"ޑރ.މުޢިއްޒު އިންތިޚާބުވެވަޑައިގަތުމުގެ ކުރިންވެސް އެމަނިކުފާނުގެ ބޯހިޔާވަހިކަމުގެ ތަޞައްވަރު ހާމަކުރެއްވި. އެތަންތަނަށް ބޭނުންވާ ވަސީލަތްތައް، ޚިދުމަތްތައް، މަގުތައް ޕާކުތައް ހިމެނޭގޮތަށް، ވަރަށް ތަފްސީލް ޕްލޭނެއް އެބައޮތް. އަޅުގަނޑުމެންނަން އުނދަގޫ ގޯތީގެ ގޮޅިތައް އެކަނި ދޫކޮށްލަން. އޭގެން ރައްޔިތުންނަށްވެސް ވާނީ އުނދަގޫ." ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ގޯތި ލިބުނު އެއްވެސް މީހެއްގެ ގޯތި ނުގެއްލޭނެކަމުގެ ޔަގީންކަން ސަރުކާރުން ދެއްވާކަމަށެވެ. އެމީހަކަށް ގޯތި ލިބު ރަށަކުން، އެ ސައިޒުގެ ގޯތި ދޫކުރާނެކަމަށާއި، ނަމަވެސް އާއްމު ޚިދުމަތްތައް ޤާއިމުކުރުމަށް ސަރަޙައްދުތައް ކަނޑައަޅާއިރު، ގޯތި ޕްލޮޓް އޮތް ސަރަޙައްދު ބަދަލުވުން އެކަށީގެންވާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ގޯތި ދޭއިރު އެމީހަކަށް ރެޖިސްޓްރީ ދީފައި އޮތް ރަށަކުން ގޯތި ދޭނަން. ނަމަވެސް ފަހަރެއްގައި ޖެހިދާނެ ޕްލޮޓް އޮތް ސަރަޙައްދުން ބަދަލުކުރަން. ހަމަ އެ ރަށަކުން، އެ ބޮޑުމިނުގައި ގޯތި ދޭނަން. އެ ޔަގީންކަން ދެން." ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ، ނުހިއްކާ އޮތް ބިންތަކުން ގޯތި ދިން މައްސަލަވެސް ބަލާނެކަމަށެވެ. ޤަވާއިދު ބުނާގޮތުން ބިން ދޫކުރެވޭނީ ހިއްކާފައި އޮތް ތަނަކުންނެވެ. އެހެންކަމުން އެކަމުގައި ބަންޑާރަ ނައިބުގެ ލަފާއަކަށް އެދިފައިވާކަމަށް ވަޒީރު ޑރ.ހައިދަރު ވަނީ ވިދާޅުވެފައެވެ. އެއާއެކުވެސް ވަޒީރު ވަނީ އެއްވެސް މީހެއްގެ އަތުން ގޯތި ނައަތުލާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މާލެ ސަރަޙައްދުން ބަންޑާރަގޯތި ދޫކުރުމަށްޓަކައި ހިންގާ ބިންވެރިޔާ ސްކީމުގެ ދަށުން ގޯއްޗަށް ހުޅުވާލި ފުރުސަތުގައި ޝަރުޠު ހަމަވި 19639 މީހުންނަށް ގޯތި ލިބުނެއެވެ. އެއީ 9001 ގޯއްޗެވެ. އެގޮތުން ހުޅުމާލެއިން 1351 ގޯތި، ގުޅިފަޅުން 2218 ގޯތި އަދި ގިރާވަރު ފަޅުން 5432 ގޯތި ހިމަނާފައިވެއެވެ. މި ގޯތި ތަކުގެ ތެރެއިން 1250 އަކަފޫޓާއި 1650 އަކަފޫޓާއި 2050 އަކަފޫޓުގެ ގޯތިތައް ދެނީ ހުޅުމާލެއާއި، ގުޅިފަޅާއި ގިރާވަރު ފަޅުންނެއެވެ. އަދި 2450 އަކަފޫޓުން ފެށިގެން 4000 އަކަފޫޓާ ދެމެދުގެ ގޯތިތައް ދޫކުރާނީ ހުޅުމާލެއާއި ގުޅިފަޅުންކަމަށް ކުރީ ސަރުކާރުން ކަނޑައަޅާފައިވެއެވެ.