ޚަބަރު

މެލޭޝިޔާ އާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިވެއްޖެ- ރައީސް


ފަހަކަށް އައިސް މެލޭޝިޔާ ސަރުކާރާއި، ދިވެހިރާއްޖެ އާއި ދެމެދު އޮތީ އެންމެ ރަނގަޅު ގުޅުމެއް ނޫންކަމަށާއި، ނަމަވެސް  މެލޭޝިޔާއަށް ކުރެއްވި ދަތުރުފުޅުގެ ސަބަބުން އެގުޅުން ރަނގަޅުވެ، އެގައުމުގެ ސަރުކާރާއި ދިވެހިރާއްޖެއާ ދެމެދު އިތުރު ގާތްގުޅުންތަކެއް އުފެދިގެން ގޮސްފައިވާކަމަށް  ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، މެލޭޝިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

މެލޭޝިޔާއަށް ކުރެއްވީ ގިނަ ގޮތްގޮތުން ކާމިޔާބު ދަތުރުފުޅެއްކަން ފާހަގަކުރައްވަމުން ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވީ، މެލޭޝިޔާގެ ބޮޑުވަޒީރު ނަޖީބު ރަޒާގްއާއި ބަދަލުކުރައްވައި ބޭއްވުނު މަޝްވަރާތަކުގައި އަލިއަޅުވާލެވުނު އޮން އެރައިވަލް ވިޒާގެ މުއްދަތު 90 ދުވަހައް ބަދަލުކުރަން މެލޭޝިޔާގެ ސަރުކާރުން ނިންނަވާފައިވާކަމަށެވެ. އަދި  މެލޭޝިޔާގެ ޤައުމީ ތެޔޮކުންފުނިން ރާއްޖެއަށް އަލުން ސާފުކުރި ތެޔޮ ފޯރުކޮށްދިނުމުގެ މަސަކަތައް ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމަށްވެސް ވިދާޅުވިއެވެ. އަދި މެލޭޝިޔާ އަކީ އިޤްތިޞާދީ ގޮތުން ވަރުގަދަ ޤައުމެއްކަމަށާއި، އެޤައުމުގެ އިންވެސްޓަރުން ރާއްޖެ ގެނައުމަށް ބޭނުންވާކަމަށެވެ. އެކަން ކުރާއިރު، އެއްޤައުމު އަނެއް ޤައުމަށް ޓެކްސްދައްކަން ނުޖެހޭ ގޮތަށް، އެވޮއިޑެންސް އޮފް ޑަބަލް ޓެކްސޭޝަން އެގްރީމެންޓެއްގައި ރާއްޖެއާއެކު ސޮއިކުރުމަށް މެލޭޝިޔާއިން ވެސް ބޭނުންވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ ކަންބޮޑުވާ ކަމެއްގެ ގޮތުގައި މެލޭޝިޔާގެ ބޮޑުވަޒީރު ފާހަގަކުރެއްވީ ވިޔަފާރީގެ ދާއިރާގެ ދެތިން ކަމެއްކަމަށާއި، ނަމަވެސް ރާއްޖޭގެ އަދުލު އިންސާފުގެ ދާއިރާތަކުގެ މަސައްކަތްތަކަށް ސަރުކާރަށް ނުފޫޒު ނުފޯރުވޭނެކަމާއި، އެފަދަ ކަންކަން ޤާނޫނުތަކާއެކު ކިޔައިދެއްވުމުން ބޮޑުވަޒީރު އެކަން ގަބޫލުފުޅުކުރެއްވިކަމަށެވެ. އަދި މެލޭޝިއާ އަކީ، ކޮމަންވެލްތުގެ މުހިންމު ޤައުމަކަށްވާތީ، ކޮމަންވެލްތުގެ ތެރޭގައި ރާއްޖެއަށް ޖެހޭ ކަންކަމުގައި ރާއްޖެއަށް އެހީތެރިވެދެއްވުމަށްވެސް މެލޭޝިޔާގެ ބޮޑުވަޒީރަށް އިލްތިމާސް ކުރައްވާފައިވާނެކަމަށެވެ.

ރައީސްގެ ވާހަކަފުޅުގައި، މިދިޔަ އަހަރު ކަންތައްތައް ދިމާވި ގޮތުން އެމަނިކުފާނަށް ވަޑައިނުގެންނެވުނު ޤައުމުތަކެއް ހުރިކަންވެސް ފާހަގަކުރެއްވިއެވެ. އެގޮތުން ޕާކިސްތާނާއި ފަލަސްތީނާއި، ޖޯޑަންގެ އިތުރުން އެކުވެރި އަރަބި އިމާރާތަށް ދާން އެމަނިކުފާނަށް ދައުވަތު ލިބިވަޑައިގެންފައިވާތީ ވަގުތު އޮތް މިންވަރަކުން މިއަހަރަށް ބަހާލައްވައިގެން އެދަތުރުތައް ކުރައްވާނެކަމަށްވެސް ރައީސް ޔާމީން ވިދާޅުވިއެވެ. ދެން އެންމެ އަވަހަށް ރައީސުލް ޖުމުހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމް ރަސްމީ ދަތުރުފުޅެއް ކުރެއްވުމަށް ހަމަޖެހިފައިވަނީ އަވައްޓެރި އިންޑިއާ އަށެވެ.