ޚަބަރު

މަޖިލިސް އިންތިޚާބުގައި ވާދަކުރަން ޕީޕީއެމް/ޕީއެންސީގެ ޓިކެޓަށް ހުލުވާލައިފި


  • ފުރުސަތު ހުޅުވާލާފައިވަނީ ޑިސެންބަރު 7އިން، 11އަށް

  • ޕްރައިމަރީ އޮންނާނީ މިމަހުގެ 23ގައި

  • ފޯމު ހުށަހަޅަންޖެހޭނީ ޕީއެންސީ އޮފީސް، ނުވަތަ ޕާޓީގެ އީމެއިލަށް

ޕީޕީއެމާއި ޕީއެންސީ ހިމެނޭ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޝައުޤުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް ހުޅުވާލައިފިއެވެ. މި ފުރުޞަތު ހުޅުވާލާފައިވަނީ މިއަދުން ފެށިގެން މިމަހުގެ 11 ވަނަ ދުވަހާއިހަމައަށެވެ.


ޕީޕީއެމް/ޕީއެންސީން ހިމެނޭ ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ އެ ކޯލިޝަންގެ ޓިކެޓުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރުމަށް ޝައުޤުވެރިވާ ހުރިހާ ފަރާތްތަކަށް ވާދަކުރުމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ. އަދި އެއްވެސް ދާއިރާއެއްގެ ޕްރައިމަރީއެއް ބާއްވަންޖެހިއްޖެ ނަމަ، ޕްރައިމަރީ އޮންނާނީ މިމަހުގެ 23ވާ ހޮނިހިރު ދުވަހުގެ ހެނދުނު 10އަކުން ހަވީރު 4އަކާއި ހަމައަށް ކަމަށްވެސް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުންޏެވެ. އަދި ޕްރައިމަރީ ބާއްވަންޖެހޭ ދާއިރާތަކުގެ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރާނީ ފޯމު ހުށަހަޅާ ތަރުތީބުންކަމަށް ވެސް މި ބަޔާނުގައިވެއެވެ.

ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ފަރާތުން މަޖިލިސް އިންތިޚާބަށް ހުށަހަޅާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައްވެސް ޢާންމުކޮށްފައިވެއެވެ.

ޕީޕީއެމް/ޕީއެންސީގެ ކެނޑިޑޭޓުންގެ ޝަރުޠުތައް:

• މިއަހަަރުގެ ޑިސެންބަރު 10ވަނަ ދުވަހުގެ ނިޔަލަށް ކޯލިޝަންގައި ހިމެނޭ ދެ ޕާޓީން ކުރެ ޕާޓީއެއްގެ ރަޖިސްޓްރީއެއްގައި ހިމެނިފައިވުން
• ޕާޓީގެ ފަރާތުން އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް އެއްވެސް ފިޔަވަޅެއް އަޅާފައި ނުވާ ފަރާތަކަށްވުން
• ޤާނޫނު އަސާސީންނާއި ޤާނޫނުތަކުން އެއިންތިޚާބަކަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ ކިބައިގައި ހުންނަވާ ޝަރުތުތައް ފުރިހަމަވާ ފަރާތަކަށްވުން

މީގެ އިތުރުން، ކުރިމަތިލުމަށް ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ކެންޑިޑޭޓުންގެ ޝަރުތުތައް ހަމަކުރުމަށް ބަލާއިރު، ޝަރުތުތަކުގެ އިތުރުންވެސް އެހެނިހެން ބައެއް ކަންކަމަށް ބަލާނެކަމަށް ބަޔާނުގައި ހާމަކޮށްފައިވެއެވެ. އެގޮތުން، އަބުރުވެރި ނަޒާހާތްތެރި ފަރާތެއްތޯ ބެލުމާއި، މަޖިލީހާއި، ޚާއްސަ މަޖިލީހުގެ ތަޖުރިބާ ލިބިފައިވަނީ ކިހާވަރަކަށްތޯ ބެލުމާއި، ޤާނޫނާއި، ޤާނޫނު އަސާސީއަށް ފަރިތަ މިންވަރު ބެލުމާއި، ޕާޓީއަށް ޚިދުމަތްކޮށްފައިވަނީ ކިހާ މިންވަރަކަށްތޯ ބެލުން ފަދަ ކަންކަން، ހިމެނެއެވެ.