ޚަބަރު

ޕާޓީގެ މެންބަރަކަށް ނުވެ، ޕާޓީގެ ޓިކެޓުގައި އިންތިޚާބަށް ވާދަކުރެވިދާނެ: އިލެކްޝަންސް


  • ޕާޓީ ޓިކެޓުގައި ވާދަކުރާ ނަމަ ޕާޓިގެ ގަރާރު ބޭނުންވާނެ

  • އަމިއްލަގޮތުން ވާދަކުރައްވާ ނަމަ، 50 ސޮއި ބޭނުންވާނެ

  • އިންތިހާބު ބާއްވާނެ ތާރީހެއް އަދި އިއުލާން ނުކުރޭ

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓަކީ ކޮންމެހެން އެޕާޓިގެ މެންބަރަކަށްވުން ލާޒިމް ނޫންކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.


އިލެކްޝަންސް ކޮމިޝަނުގެ ނައިބު ރައީސް އިސްމާޢިލް ހަބީބު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓަރީ ވެފައިވާ މީހަކަށް އަމިއްލަގޮތުން ވާދަ ކުރެއްވިދާނެކަމަށެވެ. އަދި ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރައްވާ މީހަކު އެޕާޓީ އެއްގެ މެންބަރަކަށްވުން ކޮންމެހެން ލާޒިމެއް ނޫންކަމަށްވެސް ޙަބީބު ވިދާޅުވިއެވެ.

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ވާދަކުރައްވާނަމަ، އެ ޕާޓީއަކުން އެ ކެންޑިޑޭޓަކު ހުށަހަޅާކަމުގެ ގަރާރު ހުށައަލަންޖެހޭނެކަން ޙަބީބު ފާހަގަކުރެއްވިއެވެ. އަދި އަމިއްލަގޮތުން ވާދަކުރައްވާ ނަމަ، އެ ދާއިރާ އަކުން އެ މީހަކަށް ތާއީދުކުރާ 50 މީހުންގެ ސޮއި ހުށައަޅަންޖެހޭނެކަންވެސް ހަބީބު ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އަންނަ އަހަރުގެ ކުރީކޮޅު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން މަޖިލިސް އިންތިޚާބު މިފަހަރު ދިމާވާނީ ރޯދަ މަސް ނުވަތަ ރޯދައިގެ ފަހަށްކަމަށް ވަނީ ލަފާކޮށްފައެވެ. އިލެކްޝަންސް ކޮމިޝަނާއި، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ، މަޖިލިސް އިންތިޚާބުގައި ވާދަކުރައްވާ ކެނޑިޑޭޓުންނަށް ކެމްޕެއިންކުރުމަށް ވީހާވެސް ގިނަ ވަގުތު ދިނުމުގެ ގޮތުން، ރޯދަމަހަށްފަހު އެ އިންތިޚާބު ބޭއްވުމަށް މަޝްވަރާކުރައްވާފައެވެ. އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ޤާނޫނުގައި ބަޔާންކުރާ މުއްދަތުގައި އިންތިޚާބު ބާއްވާނެކަމަށެވެ. ނަމަވެސް އަދި ތާރީޚެއް އިއުލާން ނުކުރެއެވެ.

މަޖިލިސް އިންތިޚާބަށް ވާދަކުރައްވާނެކަން ބައެއް ފަރާތްތަކުން އިއުލާންކޮށް މިހާރު ވަނީ ކެމްޕެއިން ފަށާފައެވެ. އަދި ބައެއް ސިޔާސީ ޕާޓީތަކުން ދަނީ ކެންޑިޑޭޓުން ހޮވުމަށް ޕްރައިމަރީ ބޭއްވުމަށްވެސް ތައްޔާރުވަމުންނެވެ.