ޚަބަރު

ގޮންޖެހުންތައް ހައްލުކުރުމަށް އެކުގައި މަސައްކަތްކުރަންޖެހޭ


ނޫސްވެރިންނާއި މޯލްޑިވްސް މީޑިއާ ކައުންސިލް ގުޅިގެން މަސައްކަތް ކޮށްފިނަމަ ނޫސްވެރިކަމުގެ ދާއިރާގައި ހުރި ބައެއް ގޮންޖެހުންތައް ހައްލުކުރުމަށް ފަސޭހަވާނެކަމަށް އެކައުންސިލްގެ ރައީސް މުޙައްމަދު ޢާޞިފް ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ތަފާތު މީޑިއާތަކުން ގާތްގަނޑަކަށް ތިރީހަކަށް ނޫސްވެރިން ބައިވެރިވެގެން ރޭ ބޭއްވި ނޫސްވެރިންގެ ފޯރަމްގައި އެފަރާތްތަކުން ބައެއް މީޑިއާތަކަށް ހުރި ގޮންޖެހުންތަކާއި، މީޑިއާގެ ދާއިރާގައި ހުރި ކަންކަން ޙައްލުކުރެވޭނެ ގޮތާ ގުޅޭގޮތުން ޚިޔާލު ފާޅުކޮށްފައިވެއެވެ.

މީޑިއާތަކުގައި ހުރި ކަންބޮޑުވުންތައް މީޑިއާ ކައުންސިލާއެކު ޙިއްޞާކުރުމަށް ރޭ ޝީ ބިލްޑިންގގައި ބޭއްވި ފޯރަމައްފަހު ޕީ.އެސް.އެމްއަށް ދެއްވި އިންޓަވިއުއެއްގައި މީޑިއާ ކައުންސިލްގެ ރައީސް މުޙައްމަދު ޢާސިފް ވިދާޅުވީ، މީޑިއާ ކައުންސިލަކީ ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރައްވާ މުއްސަސާއެއް ކަމަށާއި، ރީތިގޮތުގައި އެމަސައްކަތް ކޮށް ކާމިޔާބުކުރެވޭނެ ކަމުގެ ޔަޤީންކަން އެބައޮތް ކަމަށެވެ.

ރޭގެ ފޯރަމްގައި ރާއްޖޭގެ މީޑިއާ ދާއިރާގައި ހުރި ބައެއް ކަހަލަ ކަންކަން ނޫސްވެރިންނާ ގުޅޭ ބައިނަލްއަޤުވާމީ ޖަމްޢިއްޔާތަކާއި ޙިއްޞާކުރުމާއި، އަބުރާބެހުމުގެ ޤާނޫނަށް އިޞްލާޙު ގެނައުމަށް މިހާރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅުއްވާފައިވާ، ބިލުގައިވާ ކަންކަމާމެދު ހުރި ޚިޔާލުތަފާތުވުންތައް ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ޕާޓީގެ ލީޑަރާ ޙިއްޞާކުރުމާއި ގުޅޭގޮތުންވެސް މަޝްވަރާކޮށްފައިވެއެވެ.