އައްޑޫ ސިޓީއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފެންބޮޑުވެ ގިނަ ޢަދަދެއްގެ ގެޔަށް ފެންވަދެ އެކިވަރުގެ ގެއްލުން ލިބިއްޖެއެވެ.
އައްޑޫ ސިޓީ ކައުންސިލުން ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ މިހާތަނަށް މައުލޫމާތު ލިބިފައިވަނީ ފޭދޫއިން އެކަނި ކަމަށެވެ. އެ އަވަށުން 36 ގެއަކަށް ފެން ވަނުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންވެފައިވާކަމަށް މައުލޫމާތު ލިބޭ ކަމަށް އެކައުންސިލުން ވިދާޅުވިއެވެ.
އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއަށް މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން މިއަދު އޮރެންޖު ސަމާލުވެސް ނެރުނެވެ. އަދި މިހާރު ވެސް ވަނީ ލ. އަތޮޅުން ފެށިގެން އައްޑޫ ސިޓީއާ ހަމައަށް ރީނދޫ ސަމާލު ނެރެފައެވެ.
ނޭޝަނަލް ޑިޒާސްޓަރ މެނޭޖުމަންޓް އޮތޯރިޓީ، އެންޑީއެމްއޭއިން ވިދާޅުވީ، އައްޑޫ ސިޓީގެ ބައެއް ގޭގެއަށް ފެންވަދެގެން އެކިވަރުގެ ގެއްލުން ލިބުނުކަމުގެ ރިޕޯޓް ލިބިފައިވާކަމަށެވެ. އެގޮތުން ގޭގެއަށް ފެންވަދެގެން ރިޕޯޓްކޮށްފައިވަނީ އައްޑޫ ފޭދޫގެ އިތުރުން ހުޅުމީދޫއަށްކަމަށް އެންޑީއެމްއޭއިން ވިދާޅުވިއެވެ. ގޭގެއަށް ފެންވަދެ ލިބުނު ގެއްލުމުގެ ތަފްސީލް ހޯދަމުން އަންނަކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ. އަދި މިވަގުތު ސިފައިންގެ އެހީތެރިކަމާއެކު ފެން ހިންދުމުގެ މަސައްކަތްކުރަމުން އަންނަކަމަށްވެސް އެންޑީއެމްއޭއިން ވިދާޅުވިއެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވާ ގޮތުގައި މިރޭ 7:30 އާ ހަމައަށް އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ލަފާ ކުރެއްވޭކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ވެސް ވަނީ ލަފާކުރައްވާފައެވެ.
ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ މޫސުން ގޯސްވާނެތީ ސަމާލުވުމަށް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވެސް ވަނީ އިލްތިމާސްކުރައްވައިފައެވެ. އެ އޮތޯރިޓީން މިއަދު ނެރުނު އިރުޝާދުގައި ވިދާޅުވީ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭނީ މި މަހުގެ 24 ވަނަ ދުވަހު ރާއްޖެއަށް އިރުވައި މޫސުން ގާއިމުވުމާ ގުޅިގެން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިން ދުވަހު، ހާއްސަކޮށް އުތުރާއި މެދުރާއްޖެތެރޭގައި ގަދަވަޔާއެކު ކަނޑުތައް ގަދަވާނެ ކަމަށާއި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
އެންޑީއެމްއޭއިންވެސް ވަނީ މޫސުމަށް ސަމާލުވުމަށް އެޅިދާނެ ފިޔަވަޅުތައް ހިއްސާ ކުރައްވާފައެވެ. އެގޮތުން، ގެއަށް ފެން ނުވަންނާނެހެން ރައްކާތެރިފިޔަވަޅު އެޅުމުގެ ގޮތުން ދޮރުމަތީގައި ވެލިބަސްތާ ފަދަތަކެތި ޖެއްސުމާއި ގޭތެރޭގައި ފެންބޮޑުވެއްޖެ ހާލަތެއްގައި ގެއްލުންވެދާނެ ފަދަ މުދާ އުސްތަންތަނަށް ބަދަލު ކުރުމާއި، ގަދަވައިގެ ސަބަބުން ގޭގެ ފުރާޅު އެއްލާލަފާނެ ކަމަށް ލަފާ ކުރެވޭނަމަ ކުރިއާލައި ވައު ފަދަ އެއްޗެއް ބޭނުންކޮށްގެން ހައްޔަރުކުރުން ފަދަ ކަންކަން ކުރުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ކަރަންޓުން ބޭނުންކުރާ ތަކެތި ނިއްވާލާފައި ބެހެއްޓުމަށް ވެސް ވަނީ އިލްމާތިމާސްކުރައްވާފައެވެ.
ކަނޑުދަތުރު ކުރާ ފަރާތްތަކުން ވެސް މޫސުމަށް ސަމާލުވުމަށް ކަމާ ގުޅުންހުރި އިދާރާތަކުން އިލްތިމާސްކުރައްވައެވެ.