ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީގެ ދަށުން ތ. ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ އަމަލީ މަސައްކަތް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރްޑީސީއިން މިއަދު ފަށައިފިއެވެ.
މި މަޝްރޫޢުގެ އަމަލީ މަސައްކަތް މިއަދު ރަސްމީކޮށް ފަށާފައިވަނީ އެ ރަށުގެ މައި، ބޮޑުމަގުންނެވެ. މިހާރު ކުރިއަށްދަނީ، މަގުތަކުގެ ކޭބަލް ޖަންގްޝަން އިންސްޓޮލޭޝަންގެ މަސައްކަތެވެ.
އާރްޑީސީން މަޢުލޫމާތު ދެއްވި ގޮތުގައި، މި މަޝްރޫޢަށް ބޭނުންވާ ހޮޅިތައް މި މަހުގެ 22 ވަނަ ދުވަހު ވަނީ އެ ރަށަށް ގެންގޮސްފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި 86.7 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކުރި މި މަޝްރޫޢު ނިންމުމަށް ދީފައިވަނީ 2 އަހަރު ދުވަހުގެ މުއްދަތެކެވެ.
ވޭމަންޑޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ ދަށުން، އެ ރަށުގެ މުހިންމު މުއައްސަސާތައް ހުންނަ މަގުތަކާއި އާންމުކޮށް ބޭނުންކުރާ މަގުތައް ހިމެނޭހެން ޖުމްލަ 7 މަގެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އެއީ، ޖުމްލަ 3.99 ކިލޯމީޓަރުގެ މަގެވެ.
މި އެއްބަސްވުމުގެ ދަށުން މަގުތަކުގެ ސަރވޭތައް ކުރުމާއި، ޑީޓެއިލް ޑިޒައިން އެކުލަވާލުމާއި، މަގުތަކުގައި ފެންހިންދާ ނިޒާމު ޤާއިމުކުރުމާއި، ތާރު އެޅުމުގެ އިތުރުން ފިނިޝިންގ މަސައްކަތްތަކާއި މަގުބައްތި ޖެހުމުގެ މަސައްކަތްތައް ކުރިއަށްދާނެއެވެ.