ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ %42 ސަރަޙައްދު ޔަހޫދީންގެ ސީދާ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފަލަސްޠީނުގެ ކަމާބެހޭ އިދާރާޔަކުން ހާމަކޮށްފިއެވެ.
ހުޅަނގު އައްސޭރީގައި ޣައިރުޤާނޫނީ ގޮތުގައި ވަޒަންވެރިވެފައިވާ ޔަހޫދީންގެ 592 ސަރަހައްދެއް ބިނާކޮށް، ހުޅަނގު އައްސޭރީގެ ބިމުގެ %42 ޔަހޫދީންގެ ބާރުގެ ދަށަށް ގެންގޮސްފައިވާ ކަމަށް ފަލަސްޠީނުގެ ވޯލް އެންޑް ސެޓްލްމަންޓް ރެސިސްޓަންސް އިދާރާއިން ހާމަކޮށްފިއެވެ.
ތަފާސްހިސާބުތައް ދައްކާ ގޮތުގައި، މި އަހަރުގެ ޖުލައި މަހުގެ ނިޔަލަށް އިރުމަތީ ޤުދުސް ހިމެނޭ ގޮތަށް ހުޅަނގު އައްސޭރީގައި ދިރިއުޅޭ ޣައިރުޤާނޫނީ ވަޒަންވެރިންގެ ޢަދަދު ވަނީ 780,000 އަށް އަރައިފިވެ.
މީގެ ތެރެއިން 333,600 މީހުން އިރުމަތީ ޤުދުސްގައި ޤާއިމުކޮށްފައިވާ އާބާދީތަކުގައި ދިރިއުޅެމުންދާއިރު، ބާކީ 446,400 މީހުން ދިރިއުޅެމުންދަނީ ހުޅަނގު އައްސޭރީގެ އެކި ކަންކޮޅުތަކުގައި ޤާއިމުކޮށްފައިވާ 192 އާބާދީއާއި 400 ޖަގަހައިގައެވެ. މީގެ ތެރޭގައި ދަނޑުވެރިކަމާއި އެކި ބޭނުންތަކަށް ޚާއްޞަކޮށްގެން ހަދާފައިވާ 231 ޖަގަހަވެސް ހިމެނޭ ކަމަށް އެ އިދާރާއިން މަޢުލޫމާތުދެއެވެ.
1995 ވަނަ އަހަރުގެ އޮސްލޯ 2 އެއްބަސްވުމުގެ ދަށުން ހުޅަނގު އައްސޭރި އޭރިއާ އޭ، ބީ، އަދި ސީ އަށް ބަހާލާފައިވާއިރު، މުޅި ހުޅަނގު އައްސޭރީގެ %60 ހިއްސާކުރާ އޭރިއާ ސީ އަކީ ޔަހޫދީންގެ ފުރިހަމަ އިދާރީ އަދި އަސްކަރީ ކޮންޓްރޯލް އޮންނަ ސަރަޙައްދެކެވެ.
ޔަހޫދީ ސަރުކާރުގެ ރަސްމީ ނިންމުންތަކާ ޙަވާލާދީ އިދާރާއިން ބަޔާންކޮށްފައިވާ ގޮތުގައި، ހުޅަނގު އައްސޭރީގެ 5,660 އަކަކިލޯމީޓަރުގެ ބޮޑު ސަރަޙައްދުގެ %42 ޔަހޫދީންގެ ބާރުގެ ދަށުގައި އޮތްއިރު، އޭރިއާ ސީ"ގެ %71 އަދި އުރުދުން ވާދީ (ޖޯޑަން ވެލީ) ގެ %91 ބިން އޮތީ އެމީހުންގެ ބާރުގެ ދަށުގައެވެ.
2023 ވަނަ އަހަރުގެ އޮކްޓޫބަރު މަހު ޣައްޒާއާ ދެކޮޅަށް ޔަހޫދީން ފެށި ޢުދުވާނާ ގުޅިގެން، ހުޅަނގު އައްސޭރީގައި ޔަހޫދީ ސިފައިން ދެމުންގެންދާ ޙަމަލާތަކާއި ޣައިރުޤާނޫނީ ވަޒަންވެރިންގެ ފަރާތުން ކުރިމަތިވާ ގޯނާތައް ވަނީ އިންތިހާއަށް އިތުރުވެފައެވެ. މީގެ އިތުރުން ޔަހޫދީ ވަޒަންވެރިންނަށް ވަކިން ޚާއްޞަ މަގުތައް ހެދުމާއި، ފަލަސްޠީނުގެ ރައްޔިތުންގެ މިނިވަން ދަތުރުފަތުރަށް ހުރަސްއެޅުމަށް އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައިވެއެވެ.