ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި ގުޅިގެން ށ. ގޮއިދޫގައި ދަނޑުވެރިކަމުގެ ފުޑް ޕްރޮސެސިން ފެސިލިޓީއެއް އެޅުމުގެ މަސައްކަތް ކުރަމުންދާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއްޖެއެވެ.
ގޮއިދޫގައި ޤާއިމުކުރާ ފުޑް ޕްރޮސެސިން ފެސިލިޓީއަކީ ސާކް ޑިވެލޮޕްމަންޓް ފަންޑް ޕްރޮޖެކްޓުގެ ދަށުން ހިންގާ މަޝްރޫޢެކެވެ.
މި ފުޑް ޕްރޮސެސިން ފެސިލިޓީއާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގޮއިދޫ ކައުންސިލްގެ ރައީސް އިބްރާހިމް ޝާހިދު ވިދާޅުވީ، މިއީ އެރަށުގައި ދަނޑުވެރިކަން ފުޅާ ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށެވެ. މި މަސައްކަތުގެ ދަށުން ދަނޑުވެރިން ތަމްރީނު ކުރުމަށް ދަނޑުވެރިންގެ ގްރޫޕެއް މިހާރު އެކުލަވާލާފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ.
މި ތަމްރީނު ޕްރޮގްރާމްގެ ތެރެއިން މިހާރު މައުލޫމާތު ސެޝަންތައް ގެންދެވިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ، ދަނޑުވެރިކަމުގައި ދިމާވާ އެންމެ ބޮޑު ގޮންޖެހުމަކީ މާކެޓް ކުރުމުގައި ދިމާވާ ދަތިތައް ކަމަށެވެ. އެގޮތުން ދަނޑުވެރިން ހައްދާ ތަކެތި ރަނގަޅު އަގެއްގައި ނުވިކުމަކީވެސް ދިމާވާ ގޮންޖެހުމެއްކަމަށް ޝާހިދު ވިދާޅުވިއެވެ. ޝާހިދު ވިދާޅުވީ، ދަނޑުވެރިން ހައްދާ ތަކެއްޗަށް ހަމަ އަގު ލިބެންވާއިރު ބައެއް ސަބަބުތަކާހުރެ ހަލާކުވެގެން ދާކަމަށެވެ.
"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ގޮންހުމަކަށްވޭ މިސާލަކަށް ރަމަޟާންމަށް ބަލާލި ކަމުގައި ވީނަމަވެސް ރާއްޖެއަށް ބޭނުންވާ ވަރަށް ކަރާ ރާއްޖޭގައި އެބަ ހެއްދޭ. އެކަމަކު ކުޑަ އަގެއްގައި ރާއްޖޭގެން ބޭރުން ކަރާ ގެނައީމަ އަޅުގަނޑުމެންގެ މާކެޓް ވަރަށް ބޮޑަށް ވެއްޓިގެން އެބަދޭ. ޖުމްލަކޮށް އެންމެ ބޮޑު ގޮންޖެހުމަކީ ހަމަ މާކެޓްގެ ދަތިކަން." ޝާހިދު ފާހަގަކުރެއްވިއެވެ.
ޝާހިދު ވިދާޅުވީ، މި ފުޑް ޕްރޮސެސިން ފެސިލިޓީގެ ސަބަބުން ދަނޑުވެރިން އުފައްދާ ތަކެތި ރަނގަޅު ފެންވަރެއްގައި ބަންދުކުރެވެން ފެށުމުން، އެތަކެތި ހަލާކުވުމުގެ ފުރުޞަތު ކުޑަ ވެގެން ދާނެކަމަށެވެ. މީގެ ސަބަބުން ރަނގަޅު އަގެއްގައި މާކެޓް ކުރުމުގެ ފުރުޞަތު ފަހިވެގެން ދާނެކަމަށެވެ.
ގޮއިދޫއަކީ އަބަދުވެސް ފުޅާ ދާއިރާއެއްގައި ދަނޑުވެރިކަމުގެ މަސައްކަތް ކުރާ ރަށެއްކަމަށް ކައުންސިލުން ވިދާޅުވެއެވެ. އަދި ވިސްނުމަކީ އެރަށުގެ ދަނޑުވެރިކަން ޒަމާނީ ދަނޑުވެރިކަމަށް ބަދަލުކުރުންކަމަށާއި، ހަމަ އެކަނި ބިމުގައި ދަނޑުވެރިކަން ކޮށްގެން ދަނޑުވެރިކަން އިތުރު ހަރުފަތަކަށް ނުގެންދެވޭނެކަމަށެވެ.
ޝާހިދު ވިދާޅުވީ ފުޑް ޕްރޮސެސިން ފެސިލިޓީ ޤާއިމް ވެގެން ދާނީ އެކަމަށް ބޭނުންވާ ވަސީލަތްތަކާއި ދަނޑުވެރިންނަށް ދޭން ޖެހޭ ފުރިހަމަ ތަމްރީނު ދެވިގެން ކަމަށެވެ.
ގޮއިދޫ ކައުންސިލުން މިހާރު ވަނީ އަމިއްލަ ތަކެތީގައި ކުރެހުމާ އެއްގޮތަށް ދަނޑުވެރިކަމުގެ ޕްރޮސެެސިން ފެސިލިޓީއެއް އަޅައިދޭނެ ބަޔަކު ހޯދަން އިއުލާނުކޮށްފައެވެ. އެކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމަށް ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 14 ވަނަ ދުވަހާ ހަމައަށް ވަނީ ހުޅުވާލާފައެވެ.