ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ، ސްޓެލްކޯއަށް 75 އަހަރުފުރޭ އަލިމަސް ޔޫބިލް ފާހަގަކުރުމަށް ކުރިއަށްގެންދާ ހަރަކާތްތައް ޕަބްލިކް ސަރވިސް މީޑިއާ މެދުވެރިކޮށް ގެނެސްދިނުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
ސްޓެލްކޯގެ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސްޓެލްކޯގެ ފަރާތުން ސޮއެކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީއެވެ. އަދި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ޕީއެސްއެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރުއެވެ.
މި ރަސްމިއްޔާތުގައި ވާހަކަަދައްކަވަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރ ހުސައިން ފަހުމީ ވިދާޅުވީ ޕީއެސްއެމްއާއެކު ވެވުނު މި އެއްބަސްވުމަކީ އެކުންފުންޏަށް 75 އަހަރު ފުރުން ފާހަގަކުރުމަށް ކުރިއަށްގެންދާ އެކި ހަރަކާތަކާ ކުންފުނީގެ މަސައްކަތްތަކާ ޚިދުމަތްތަކާ ގުޅޭ މަޢުލޫމާތު ޕީއެސްއެމް މެދުވެރިކޮށް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް ވެވެނު އެއްބަސްވުމެއްކަމަށެވެ.
ފަހުމީ ވިދާޅުވީ މިފަދަ އެއްބަސްވުމެއްގެ މައިގަނޑު ބޭނުމަކީ ސްޓެލްކޯގެ މަސައްކަތްތާއި، ޚިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަށް ކުރާ މަސައްކަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ވީހާވެސް ބޮޑަށް ތިލަވާނެ ފަދަ ގޮތަކަށް ޕީއެސްއެމް މެދުވެރިކޮށް ގެނެސްދިނުންކަމަށެވެ.
އަލިމަސް ޔޫބީލްގެ ހަރަކާތަކަށް ތައްޔާރުވުމުގެ ގޮތުން ކޮމިޓީއެއް އެކުލަވާލާ މިހާރު މަސައްކަތް ކުރަމުންދާކަމަށް ފަހުމީ ވިދާޅުވިއެވެ. މި ހަރަކާތްތަކުގެ ތެރޭގައި ކުޑަ ކުދިންނަށާއި، ސުކޫލް ކުދިންގެ އިތުރުން އާންމު ރައްޔިތުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދެވޭ ހަރަކާތްތައް ހިމެނޭނެކަމަށް އޭނާ ވިދާޅުވިއެވެ.
"ޕީއެސްއެމްއާއެކު އަޅުގަނޑުމެން ކުރިއަށްގެންދާ ޕްރޮގްރާމްތަކުގެ ތެރޭގައި އަދި އިތުރަށް ހިމެނޭ އަޅުގަނޑުމެން މި ދޭ ޚިދުމަތުގެ ޔަޤީންކަން ވީހާވެސް ބޮޑަކަށް ރައްޔިތުންނަށް އެރުވުން ނުވަތަ އަޅުގަނޑުމެން މި ދޭ ޚިދުމަތް އަޅުގަނޑުމެން މި ދެނީ ކިހިނެއްކަން އަދި ކިހާ ބުރަ މަސައްކަތެއްކަން މި ކުރަނީ ރައްޔިތުންނަށް އޮޅުން ފިލުވާ ދިނުންވެސް މީގެ ތެރޭގައި ހިމެނޭ." ފަހުމީ ވިދާޅުވިއެެވެ.
ޕީ.އެސް.އެމްގެ މެނޭޖިން ޑިރެކްޓަރ ޒީނާ ޒާހިރު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ޕީއެސްއެމްގެ އެންމެ ބޮޑު އަމާޒަކަށްވާނީ އަލިމަސް ޔޫބީލުގެ ހަރަކާތްތަކުގެ އިތުރުން ސްޓެލްކޯގެ ކުރިމަގާއި، ކުރިއަށް ރޭވިފައި ހުރި ކަންކަމުގެ މަޢުލޫމާތު ވީހާވެސް ތަފްޞީލުކޮށް އާންމުންނާ ހަމައަށްގެނެސްދިނުންކަމަށެވެ.
"ކަރަންޓުގެ މަސައްކަތަކީ ވަރަށް ތަފާތު މަސައްކަތްތަކެއް. ހަގީގަތުގައި އަޅުގަނޑުމެންނަށް އަންދާޒާ ނުކުރެވޭ މި މަސައްކަތުގެ ފަހަތުގައި މަސައްކަތް ކުރާ ހިތްވަރުގަދަ ޓީމުން މި ކުރާ މަސައްކަތަކީ ކޮބައިކަން. އަޅުގަނޑުމެންގެ އަމަޒަކީ ޑޮކިއުމަންޓްރީ ސިފައިގައި އަދި ތަފާތު ޕްރޮގްރާމްތައް މެދުވެރިކޮށް ވީހާވެސް ރަނގަޅަށް ރައްޔިތުންނާއި ހަމަޔައް ވީޑިއޯއާއި މައުލޫމާތު ގެނެސްދިނުން" ޒީނާ ވިދާޅުވިއެެވެ.
ޒީނާ ވިދާޅުވީ އުންމީދަކީ ސްޓެލްކޯއާއި ގުޅިގެން ކުރިއަށްއޮތްތާނގައި ރަނގަޅު މަސައްކަތްތަކެއް ކުރެވުންކަމަށެވެ.