ޚަބަރު

އިސްލާމީ މާލީ ދާއިރާއިން މީހުން ބިނާކުރުމަށް މަޝްވަރާކުރައްވައިފި


  • އިންސްޓިޓިއުޓް އޮފް އިސްލާމީކް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލްއާ ޝަހީމް ބައްދަލުކުރެއްވި

  • ޒަކާތު ހައުސް ތަރައްޤީކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި

  • އިސްލާމީ މާލީ ދާއިރާއިން މީހުން ބިނާކުރުމާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވި

އިސްލާމީ މާލީ ދާއިރާއިން މީހުން ބިނާކުރުމާއި ބެހޭގޮތުން ރާއްޖޭގެ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު އިންސްޓިޓިއުޓް އޮފް އިސްލާމީކް ޑިވެލޮޕްމަންޓްގެ ޑިރެކްޓަރ ޖެނެރަލްއާ މަޝްވަރާކުރައްވައިފިއެވެ.

މިމަޝްވަރާތައްކުރެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ.މުހައްމަދު ޝަހީމް ޢަލީ ސަޢީދު ސަޢުދީ އަރަބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން އިންސްޓިޓިއުޓް އޮފް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުގެ ޑިރެކްޓަރ ޖެނެރަލް ޑރ ސާމީ އިބްރާހީމް އައްސުވައިލިމްއާ ބައްދަލުކުރައްވައެވެ.

މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖޭގެ ޒަކާތު ހައުސް ތަރައްޤީކުރުމާއި އިސްލާމީ މާލީ ދާއިރާއިން މީހުން ބިނާކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައިވާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމަށް "ދިވެހިރާއްޖޭގެ ޒަކާތު ހައުސް"ގެ ނަމުގައިވަނީ އިދާރާއެއް އިފްތިތާހްކުރައްވާފައެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސަޢުދީ ޢަރަބިއްޔާއަށް ކުރައްވާ ދަތުރުފުޅަކީ އެޤައުމުގެ ޙައްޖު މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި ޙައްޖު މިނިސްޓަރު ޑރ. ތައުފީޤު ބިން ފައުޒާން އައްރަބީޢާގެ ބައްދަލުކުރައްވާ ވަޒީރު ޝަހީމްވަނީ ސަޢުދީގައި ކިޔަވަން ތިބޭ ދަރިވަރުން ޙައްޖު މޫސުމުގައި ހައްޖާޖީންނަށް އެހީތެރިވުމަށް އައުމަށް ރަސްމީކޮށް ހުއްދަ ދެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ރާއްޖޭގެ ޙައްޖު ކޯޓާ އިތުރުކުރުމާ ގުޅޭގޮތުންވެސް ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. ވަޒީރު ޝަހީމްވަނީ ޙައްޖުގެ ކަންކަން ދިވެހި ބަހުން ކަވަރކުރުމަށް ދިވެހި މީޑިޔާއަށް ފުރުޞަތު ދެއްވުމަށްވެސް އެދިވަޑައިގެންފައެވެ. އަދި ޑރ. ތައުފީޤު ބިން ފައުޒާން ފަސޭހަފުޅު ދުވަހަކުން ރާއްޖެވަޑައިގެންނެވުމަށްވެސް ވަޒީރު ޝަހީމްވަނީ ދައުވަތު ދެއްވާފައެވެ.

ވަޒީރު ޝަހީމް ސަޢުދީ އަރަބިއްޔާއަށް ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި އިސްލާމީ ޤައުމުތަކުގެ ބައެއް މުއައްސަސާތަކުގެ ވެރިންނާއި ބައްދަލުކުރައްވައި އިސްލާމީ ކަންތައްތަކާ ބެހޭ ދާއިރާގެ ކަންކަމުގައި ފަންނީ އަދި މާލީ އެއްބާރުލުން ހޯދުމާ ބެހޭގޮތުން ގެންދަވަނީ މަޝްވަރާކުރައްވަމުންނެވެ.