ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބޭއްވި އެ އެސޯސިއޭޝަންގެ އެވޯޑް ނައިޓުގައި، ހޮވި އަހަރުގެ އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް މާޒިޔާގެ އަދި ޒުވާން ގައުމީ ޓީމުގެ ކެޕްޓަން މުހައްމަދު އިލާން އިމްރާން ހޯދައިފިއެވެ.
މާޒިޔާ އަދި ޒުވާން ގައުމީ ޓީމުގައި ވެސް މިދިޔަ ސީޒަނުގައި މޮޅު ކުޅުމެއް ދެއްކި އިލާން ވަނީ މާޒިޔާއާއެކު، ދިވެހި ޕްރިމިއާ ލީގު އަދި ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފައެވެ. އިލާން ވަނީ މާޒިޔާއިން މިދިޔަ އަހަރު ލީގު ކާމިޔާބުކުރިއިރު، މުހިންމު ދައުރެއްް އަދާކޮށްފައެވެ.
މިފަހުން ގައުމީ ސީނިއާ ޓީމުގެ ސްކޮޑުންވެސް ބަރާބަރަށް ޖާގަ ހޯދަމުން އަންނަ އިލާން އަކީ ގައުމީ ސީނިއާ ޓީމުގެ ފުރަތަމަ އެގާރައިންވެސް ޖާގަ ހޯދަމުން އަންނަ ކުޅުންތެރިޔެކެވެ.
އިލާން މި އެވޯޑް ކާމިޔާބުކުރީ، އޮޑި ސްޕޯޓްސް ކުލަބުގެ އަބްދުﷲ ލޫތު އިބްރާހީމް، އަހުޒަމް ރަޝީދު، މުޒްދާން ހަސަން، ވެލެންސިއާގެ އީތަން އިބްރާހީމް ޒަކީއާ ވާދަކޮށެވެ.
އޭގެ ތެރެއިން އޮޑީގެ، ލޫތު، އަހުޒަމް އަދި މުޒްދާން ވަނީ މިދިޔަ އަހަރު ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފައެވެ. އެ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކީ އޮޑީގެ އަހުޒަމްއެވެ.
އިލާން މާޒިޔާއާ ގުޅުނީ މީގެ ދެ އަހަރު ކުރިންނެވެ. މާޒިޔާއާއެކު، މިދިޔަ ދުވަސްތަކުގައި އިލާން ވަނީ މޮޅު ކުޅުމެއް ދައްކައި، މުހިންމު ގިނަ ގޯލުތަކެއް އެޓީމަށް ޖަހައިދީފައެވެ. އެ ގޮތުން މި ސީޒަނުގައި މާޒިޔާއިން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި މެޗާއި، ކަޕް ވިނާސް ކަޕް ކާމިޔާބުކުރިއިރު، އިލާންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައެވެ.
އެފްއޭއެމް އެވޯޑްސް 2026 ހަފްލާގައި، އަހަރުގެ އެންމެ ގިނަ ލަނޑުޖެހި ކުޅުންތެރިޔާއަށްދޭ "ޓޮޕް ސްކޯރަރ" އެވޯޑު، ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި ޤައުމީ ޓީމުގެ ތަރި އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ދީފައެވެ.
ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުން އެނބުރި ފުރަތަމަ ޑިވިޝަނަށް އައިސް ކުރަމުން އަންނަ ކާމިޔާބު މަސައްކަތުގައި އެންމެ މުހިންމު، އެންމެ ބޮޑު ހިއްސާއެއް އަދާކުރާ އެއް ކުޅުންތެރިޔަކީ އަލީ ފާސިރެވެ.
ފާއިތުވީ ސީޒަނުގައި ކުލަބާއި ޤައުމީ ޓީމަށް ފާސިރު ޖަހައިދިން ލަނޑުގެ އަދަދު ޖުމްލަ 22 އަށް އަރައެވެ. މީގެތެރެއިން 19 ލަނޑަކީ ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ ޖާޒީގައި އޭނާ ޖަހާފައިވާ ލަނޑުތަކެކެވެ. މި 19 ލަނޑުގެ ތެރެއިން 12 ލަނޑު އޭނާ ޖެހީ ދިވެހި ޕްރިމިއަރ ލީގުގައެވެ. އަދި އަނެއް ހަތް ލަނޑަކީ އެފްއޭ ކަޕުގައި ނިއުގެ ޖާޒީގައި އޭނާ ޖެހި ލަނޑުތަކެކެވެ.
ފާސިރު ވަނީ ފާއިތުވީ ސީޒަނުގައި ޤައުމީ ޖާޒީގައި ތިން ލަނޑު ޖަހާފައެވެ.