ޚަބަރު

ވިއްސާރައިރު ފެންތިލަވުމުގެ ސަބަބުން ހުޅުމާލެ ސަހަރާގައި ވަޅުނުލެވޭ މައްސަލަ ޙައްލުކުރަނީ


  • އާސަހަރާ މަރާމާތުކުރުން ކުރިއަށްދާތީ މިހާރު ވަޅުލަނީ ހުޅުމާލެ ސަހަރާގައި

  • ވިއްސާރައިރު ހިނަވާގެ އަދި ސަހަރާގައިވެސް ފެންބޮޑުވެ ޚިދުމަތް ދިނުމަށް ދަތިވޭ

  • މިހާރު މީހުން ވަޅުލުމަށް ގެންނަނީ މާލޭ އާސަހަރާއަށް

ވިއްސާރަ ދުވަސްވަރު ހުޅުމާލެ ހިނަވާގެއާއި ސަހަރާގައި ފެންބޮޑުވާ މައްސަލައާއި، ވަޅުނުލެވޭ މައްސަލަ ޙައްލުކުރުމަށް ސަހަރާގައި ފެންހިންދާ ނިޒާމު ޤައިމުކުރުމާއި، ސަހަރާއަށް ދޮޅުފޫޓަށް ވެލިއެޅުމަށް ސިޓީ ކައުންސިލުން ނިންމައިފިއެވެ.

މާލޭގެ އާސަހަރާ މިސްކިތް މަރާމާތުކުރުމުގެ މަސައްކަތް ކުރިއަށްދާތީ، މާލެ ސަރަޙައްދުގައި މަރުވާ މީހުން ވަޅުލުމުގެ މަސައްކަތް ވަނީ ހުޅުމާލެ ސަހަރާއަށް ބަދަލުކޮށްފައެވެ. ނަމަވެސް މިފަހުން ކުރި ވިއްސާރައިގައިވެސް ހުލުމާލެ ސަހަރާގައި ވަރަށް ބޮޑަށް ފެންބޮޑުވެ ބިންގަނޑަށް ރަނގަޅަށް ފެން ނުހިނދޭ މައްސަލައާއި ގުޅިގެން، މިހާރު އެ ސަރަޙަރާގައި ހިނެވުމަށްފަހު ހަށިގަނޑު ވަޅުލުމަށް ގެންނަންޖެހެނީ މާލޭ އާސަހަރާ މިސްކިތަށެވެ.

މިކަމަށް ދާއިމީ ޙައްލެއް ހޯދުމަށް ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ހުށައެޅުއްވީ ހުޅުމާލެ ދާއިރާގެ މެންބަރު އިބްރާޙިމް ޝުޖާއުއެވެ. ހިނަވާގެއާއި ސަހަރާގެ ޚިދުމަތްތައް ލުއިފަސޭހަކުރުމަށް ޝުޖާއު ހުށައެޅުއްވީ ސަހަރާގައި ފެން ހިންދާ ނިޒާމެއް ޤާއިމުކުރުމަށާއި، ފާޚާނާ ބަރިއަކާއި ވުޟޫ ކުރުމަށް ޚާއްސަ ސަރަޙައްދު އަދި ތުއްތު ކުދިން ގޮވައިގެން އުޅޭ މީހުންނަށް ލުއިފަސޭހަކުރުމަށް ބޭބީ ކެއަރ ރޫމެއް ހެދުމަށެވެ. އެއީ ސަހަރާ މިސްކިތާއި ވަކިން، ކަށު ނަމާދާއި ޖަނާޒާގެ ކަންކަމުގައި ބައިވެރިވުމަށް އަންނަ މީހުންނަށް ޚާއްސަކޮށް، އަންހެނުންނަށް 2 ފާޚާނާއާއި ފިރިހެނުންނަށް 2 ފާޚާނާ ހެދުމަށެވެ.

މީގެއިތުރުން ބައެއް އިތުރު މެންބަރުން ހުށައެޅުއްވި ޚިޔާލުތަކުގެ ތެރޭގައި، ފެން ނުހިނދުމުގެ ސަބަބުން ސަހަރާގައި ވަޅުނުލެވޭ މައްސަލަ ޙައްލުކުރުމަށް، ސަހަރާއަށް ދޮޅު ފޫޓަށް ވެލި އެޅުމަށް ވަނީ ހިމަނާފައެވެ. ހިނަވާ ކަށުނަމާދަށްފަހު، ވަޅުލުމަށް މާލެ ގެންދަންޖެހުމުގެ ދަތިކަން އާއިލާއާއި ޚިދުމަތް ދޭން ތިބޭ ފަރާތްތަކަށްވެސް ކުރިމަތިވެއެވެ.

ބައްދަލުވުމުގައި އިތުރަށް ހުށައެޅީ މޫނު ބެލުމާއި ކަށުނަމާދަށް ފުރޮޅުލީ ގޮނޑީގައި އަންނަ މީހުންނަށް ފަސޭހައިން ބައިވެރިވެވޭގޮތަށް، ވީލް ޗެއަރ އެކްސެސް ޤާއިމުކުރުމަށެވެ.

ސަހަރާގައި އަންހެނުން އަދި ފިރިހެނުންނަށް ޚާއްސަ ފާޚާނާ ބަރިއެއް ހެދުމަށް މީގެކުރިންވެސް ދެފަހަރެއްގެމަތިން ބިޑަށް ހުޅުވާލިއެވެ. ނަމަވެސް ހުށައަޅާ ބިޑްތައް ބޮޑުވުމުގެ ސަބަބުން އެ މަސައްކަތް ކުރިއަށްގެންގޮސްފައެއް ނުވެއެވެ. އަދި މިހާރު މިވަނީ، ފާޚާނާ ބަރީގެ އިތުރުން، މެންބަރުން ހުށައެޅި އިތުރު ޚިޔާލުތަކާއެކު ހުޅުމާލެ ސަހަރާގެ ޚިދުމަތްތައް ފަސޭހަކުރުމަށް އެ މަޝްރޫޢުގެ އަލުން ކުރިއަށްގެންދިއުމަށް ނިންމާފައެވެ. މި ބަދަލު ފާސްކޮށްފައިވަނީ ބައްދަލުވުމުގައި ބައިވެރިވި 10 މެންބަރުންގެ ފުރިހަމަ ތާޢީދާއެކުއެވެ.