ޚަބަރު

ކުށްކުށަށް އަރައިގަންނަ ކުދިން ރިހެބިލިޓޭޓްކޮށް ބެލެހެއްޓުމަށް ވަކި ރަށެއް ތަރައްޤީކުރަނީ


  • ދ.ވާނީގައި ސެންޓަރު އެޅުމަށް ފުރުޞަތު އޮތްތޯ އަންނަނީ ބަލަމުން

  • ކުށުގެ ވެށީގައި އުޅޭ އުމުރުން 15-18އަހަރާއި ދެމެދުގެ 200 ކުއްޖެއް ފާހަގވެފައިވޭ

  • ސިފައިނާ ފުލުުންގެ ޚިދުމަތަށް ޚިދުމަތް ކުރަންޖެހޭ އުސޫލެއްވެސް ކަނޑައަޅާނެ

ކުށުގެ މާޙައުލުގައި އުޅޭ ކުޑަކުދިންނާއި، ކުށުގެ ވެއްޓަށް ވަނުމުގެ ފުރުޞަތު އޮތް ކުޑަކުދިން އެ މާޙައުލުން ދުރުކުރުމަށް އެހީތެރިވުމަށް، ވަކި ޚާއްސަ ރަށެއް ތަރައްޤީކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމަވާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެވޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ. މި ފުރުޞަތުގެ ތެރެއިން ފުލުހުންނާއި ސިފައިންގެ ޚިދުމަތަށް ވަކި މުއްދަތަކަށް ޚިދުމަތް ކުރަންޖެހޭ އުސޫލެއްވެސް އެކުލަވާލާނެއެވެ.

ރާއްޖޭގެ ކުށުގެ ވެށްޓާއި ގުޅޭގޮތުން ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ ރާއްޖޭގައި ކުށް މަދު މާޙައުލެއް ޤާއިމުކުރުމަށް، ކުށުވެއްޓަށް ކުޑަކުދިން ވަނުން ހުއްޓުމަކީ އެންމެ އިސްކަން ދީގެން ކުރާނެ މަސައްކަތްކަމަށެވެ. މިވަގުތު ރާއްޖޭގެ ޙާލަތަށް ބަލާއިރު އެކި ކަހަލަ ކުށްތަކާއި މަސްތުވާތަކެތީގެ ވިޔަފާރީގައިވެސް ކުޑަކުދިން ބައިވެރިކުރާކަން ވަރަށް ބޮޑަށް ފާހަގަވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިހާރުވެސް އުމުރުން 15-18އަހަރާއި ދެމެދުގެ 200އެއްހާ ކުއްޖެއް މިގޮތަށް ފާހަގަކުރެވިފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

ކުޑަކުދިން ކުށުމުގެ މާޙައުލުން ދުރުކުރުމަކީ ކުޑަކުދިންގެ ޢަދުލުގެ ޤާނޫނުގެދަށުން ދާޚިލީ ސަލަމާތާއި ފަންނިއްޔަތާ ބެހޭ ވުޒާރާގެވެސް ޒިންމާ އެކަމުގައި އޮތް ކަމެކެވެ.

ވަޒީރު ވިދާޅުވީ މިފަދަ ކުދިން ކުށުގެ މާޙައުލުން ދުރުކޮށް މުޖުތަމަޢުއަށް ފައިދާ ހުރި ޒުވާނުންތަކަކަށް ހެދުމަށް، ވަކި ރަށެއްގައި އެކުދިންނަށް ބޭނުންވާ ފަރުވާއާއި ތަރުބިއްޔަތު ދޭނެ މަރުކަޒެއް ޤާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ނިންމަވާފައިވާކަމަށެވެ. އެ މަސައްކަތް ކުރުމަށް ފުލުހުންގެ ތަމްރީންތައް ކުރިއަށްގެންދާ ދ.ވާނީގައި ފުރުޞަތު އޮތްތޯ ބެލުމުގެ މަސައްކަތްތައް މިހާރު ފަށައިގެން ކުރިއަށްދާކަމަށް ވަޒީރު ވިދާޅުވިއެވެ.

"ކުދިން ދިގުމުއްދަތަށް ބައިތިއްބާ ބެލެހެއްޓޭނެ ތަނެއް ހަދާނަން. 15-18 އަހަރުގެ ކުދިން، އާއިލާގެ ހުއްދައާއި ކޯޓުގެ ހުކުމެއްގެ ދަށުން ގެންދާނީ. އެތަނުން ތަޢުލީމާއި ތަމްރީން އަދި ސައިކޯ ސޯޝަން ފަރުވާ ދޭނަން. އާއިލާތަކަށްވެސް ގޮސް ކުދިންނާއެކު ވަގުތު ހޭދަކުރެވޭނެ ގޮތް ހަދައިދޭނަން." ވަޒީރު ވިދާޅުވިއެވެ.

އިޙްސާން ވިދާޅުވީ ބޭނުމަކީ މުޖުތަމަޢުއަށް ފައިދާހުރި ދާއިރާތަކުން ޚިދުމަތް ކުރާނެ ކުދިންތަކެއްގެ ގޮތުގައި އެކުދިން މުޖުތަމަޢުއަށް ނެރުންކަމަށެވެ. އެގޮތުން މި ސެންޓަރަށް ގެންދާ ކުދިން ވަކި މުއްދަތަކަށް، ފުލުހުންނާއި ސިފައިންގެ ޚިދުމަތަށް ޚިދުމަތް ކުރަންޖެހޭ ޢުސޫލެއްވެސް ޤާއިމުކުރައްވާނެކަމަށް އިޙުސާން ވިދާޅުވިއެވެ.

"ސެންޓަރަށް ގެންދާ ކުދިން 18 އަހަރު ވުމުން 3-5 އަހަރަށް ސިފައިން ނުވަތަ ފުލުންގެ ޚިދުމަތަށް ޚިދުމަތް ކުރަންޖެހޭ އުސޫލެއް އެކުލަވާލާން. އޭގެ ފަހުން އެ ދާއިރާއިން އިތުރަށް ދާން ބޭނުންވާ ކުދިންނަށް އެ ފުރުޞަތު ދޭނަން. އަދި އެހެން ދާއިރާއަކުން ދެން ކުރިއަށްދާން ބޭނުންވާ ކުދިންނަށް އެގޮތަށްވެސް ފުރުޞަތު ދޭނަން." ދާޚިލީ ސަލާމަތާ ބެހޭ ވަޒީރު އަލީ އިޙުސާން ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތް ކުރިއަށްގެންދާނީ ސިފައިންނާ ފުލުހުންގެ ބޮޑު އެހީތެރިކަމަކާއެކުގައިކަމަށެވެ. އަދި ކަމާގުޅުންހުރި ވުޒާރާތައްކަމަށްވާ، ތަޢުލީމީ ވުޒާރާއާއި އިސްލާމީ ކަންތައްތަކާއިބެހޭ ވުޒާރާގެ އެހީތެރިކަންވެސް ވަރަށް ބޮޑަށް ހޯދާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ކުށުގެ މާޙައުލަށް ކުޑަކުދިން ހުށައެޅޭ މިންވަރު މަދުކުރެވިއްޖެނަމަ، މުޅި ރާއްޖޭގެ ކުށުގެ ވެއްޓަށް ވަރަށް ބޮޑު ހެޔޮ ބަދަލެއް ގެނެވޭނެކަށްވެސް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާބެވޭ ވަޒީރު ޢަލީ އިޙުސާން ވިދާޅުވިއެވެ.