ޚަބަރު

ގުރައިދޫ މަރުކަޒަށް 32 އެނދު ހަދިޔާކުރައްވައިފި


  • 32 އެނދުގެ އަގު 504،000 ރުފިޔާއަށް އަރާ

  • މި އެނދުތައް ހަދިޔާ ކުރަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާ ހަވާލުކުރާ ޚައިރާތުން

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 އެނދު ހަދިޔާކޮށްފިއެވެ.

އެނދުތައް ހަވާލުކުރެއްވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ ވުޒާރާގެ ފަރާތުން ވައުޗަރ ޙަވާލުކޮށްދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އިޖުތިމާޢީ އަދި އާއިލީ ތަރައްގީއާބެހޭ ވުޒާރާގެ ފަރާތުން ވައުޗަރާ ޙަވާލުވެވަޑައިގެންނެވީ އެ ވުޒާރާގެ ވަޒީރު ޑރ. ޢާއިޝަތު ޝީހާމެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ ކ. ގުރައިދޫގައި ހުންނަ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް 32 އެނދު ހަދިޔާކޮށްފައެވެ. މިއީ ޒަމާނީ މެޑިކަލް އެނދުތަކެއްކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ. އަދި މިތަކެތީގެ ޖުމްލަ އަގު 504،000 ރުފިޔާ އަރާ ކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވައެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، އިހުސާންތެރިވުމަށް އިސްލާމްދީނުގައި ނުހަނު ބާރު އަޅުއްވާފައިވާ ކަމަށެވެ. އަދި މުޖުތަމަޢުގައި ޚާއްސަ އެހީތެރިކަމަށް ބޭނުން ޖެހިފައިވާ ފަރާތްތަކަށް އޯގާތެރިކޮށްހިތުމަކީ މުޖުތަމަޢުގެ އެންމެ މުހިންމު އިޖުތިމާޢީ އަޚުލާގުކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

ޝަހީމް ވަނީ ޚައިރާތުގެ ގޮތުގައި ރައްޔިތުން ހޭދަކުރަން ބޭނުންވާ ފައިސާ އެ ވުޒާރާ މެދުވެރިކޮށް ކުރިއަށްގެންދިއުމަށް އިލްތިމާސްކުރައްވާފައެވެ.

"ކޮންމެހެން ރާއްޖޭގެ ރައްޔިތުންގެ ފައިސާ ހެޔޮ ކަންކަން ކުރުމުގެ ނަމުގައި ރާއްޖޭން ބޭރަށް ފޮނުވަން ޖެހޭ ސަބަބެއް ނެތޭ. ޚާއްސަ އިސްތިސްނާ ހާލަތްތަކުގައި އުޅޭ، ކާރިސާތައް މެދުވެރިވެގެން އުޅޭ މީހުންނަށް އެއްޗެއް ދިނުން ފިޔަވައި، މި ދެންނެވީ ފަލަސްތީނުފަދަ ނިކަމެތި ޙާލަތެއް ދިމާވެފައިވާ މީހުންނަށް އެހީވުމަކީ މުސްލިމުން ކުރަން ޖެހޭ ކަމެއް. އެހެން ނަމަވެސް ޤުރުއާން ކްލާސްތަކަށް އެހީވުމާއި މިސްކިތްތަކަށް އެހީވުމާއި ނިކަމެތިންނާއި ފަޤީރުންނަށް އެހީވުމާއި، ނިކަމެތިން ޢުމްރާއަށް ޙައްޖަށް ފޮނުވުމާއި، އަޅުގަނޑުމެންގެ ވުޒާރާ މިއޮތީ، މި ވުޒާރާ މެދުވެރިކޮށް ހުރިހާ އިންތިޒާމުތަކެއް ވާނީ ހަމަޖެހިފައި." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާބެހޭ ވަޒީރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ، މުޖުތަމައުގެ އެންމެ ނިކަމެތި މީހުންނަށް އަޅާލެވޭ މިންވަރަކީ އެ މުޖުތަމައެއްގެ އިޙްސާންތެރިކަން ވަޒަން ކުރެވޭ މިންވަރު ކަމަށެވެ. އަދި އެ ވުޒާރާއިން މަސައްކަތް ކުރަނީ ޚާއްސަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒަށް ގެންނަ މީހުންނަކީ އާއިލާއާއެކު އަބުރުވެރި ދިރިއުޅުމެއް އުޅެވޭނެ މީހުނަށް ހެދުމަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.

"މި މަރުކަޒުގައި ތިބޭ މީހުންނަކީ އަޅުގަނޑުމެން އެންމެންގެ ގާތްތިމާގެ މީހުން. ކޮންމެވެސް މީހެއްގެ މަންމައެއް، ކޮންމެވެސް މީހެއްގެ ބައްޕައެއް. ވަގުތީގޮތަކަށް އަޅުގަނޑުމެންނަށް މި މީހުންގެ ކަންކަން ބަލާލަން މި ޖެހެނީ. މިހާރު އަޅުގަނޑުމެންގެ ތަޖުރިބާއަކީ މިނިސްޓްރީގައި ކުރެވޭ މަސައްކަތުން އަދި މަރުކަޒު ތެރޭގައި ކުރެވޭ މިންނެތް މަސައްކަތުން އެބަ އާއިލާތަކާ މި މީހުން ގުޅިގެންދާކަން." ޑރ. އާއިޝަތު ޝިހާމް ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ޚާއްސަ އެހީއަށް ބޭނުންވާ މަރުކަޒަށް އެނދުތައް ހަދިޔާ ކުރަނީ އެ ވުޒާރާއަށް އެކި ފަރާތްތަކުން ހަވާލުކުރާ ޚައިރާތުގެ ފައިސާ ނުވަތަ އިސްލާމިކް ޗެރިޓީ ފަންޑުގެ ތެރެއިންނެވެ. ކުރިއަށް އޮތްތަނުގައި ވެސް އިޖުތިމާޢީ އަދި އާއިލީ ތަރައްޤީއާބެހޭ ވުޒާރާއާ ގުޅުންހުރި ކަންކަމުގައި ދެވެން ހުރި ހުރިހާ އެއްބާރުލުމެއް ދެއްވާނެކަމުގެ ޔަޤީންކަންވެސް އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. ޝަހީމް ދެއްވިއެވެ.