ޚަބަރު

ތިލަމާލެ ބްރިޖުގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑާމެދު ހިތްހަމަޖެހޭ: ޑރ. މުއްޠަލިބު


  • 50% ތަނބު ޖެހުމުގެ މަސައްކަތް ނިމިފައި

  • 2025 އަށް ވިލިމާލެއަށް ގުޅާލުމަށް ދަނީ މަސައްކަތް ކުރަމުން

  • 7 ބިލިއަށްވުރެ ގިނ ަރުފިޔާ ޚަރަދުކުރޭ

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރަމުންދާ ކުންފުނީގެ މަސައްކަތްތަކާއި މެދު މިވަގުތަށް ކަންބޮޑުވުމެއް ނެތްކަމަށާއި މަސައްކަތް ކުރިއަށްދާގޮތާއި މެދު ހިތްހަމަޖެހޭކަމަށް ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވެއްޖެއެވެ. ތިލަމާލެ ބްރިޖު މަޝްރޫޢުގެ މަސައްކަތްކުރަނީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެންނެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. މި މަޝްރޫއަކީ މާލެ ސަރަޙައްދުގައި އުމްރާނީ ގޮތުން ކުރިއަށްގެންދެވޭ އެންމެ ބޮޑު އެއް މަޝްރޫޢުއެވެ.

ވެރިކަމާ ހަވާލުވެވަޑައިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތިލަމާލެ ބްރިޖު މަޝްރޫއު ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް އެ ސަރަހައްދަށް ވަޑައިގެންފައެވެ. އަދި އެއިރު ރައީސް ވިދާޅުވެފައިވަނީ މަޝްރޫއު ކުރިއަށްދަނީ ވަރަށް ލަސްކޮށްކަމަށާއި އެ މަސައްކަތް މި ސަރުކާރުން އަވަސްކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމަށެވެ. އަދި ސަރުކާރުން ވަނީ އެ މަސައްކަތް ކުރަމުންދާ ކުންފުންޏާއި މަޝްވަރާވެސް ކުރައްވާފައެވެ. ރައީސް ވަނީ 2025 ވަނަ އަހަރު ވިލިމާލެއާއި ހަމައަށް ބްރިޖް ނިންމާދިނުމަށް އިންޑިއާ ސަރުކާރުގައި އެދިވަޑައިގަންނަވާފައެވެ.

ތިލަމާލެ ބްރިޖްގެ މަސައްކަތް ކުރިއަށްދާގޮތާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމާރާތްކުރުމާއި ބިނާރާއި ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވީ، ނިމުނު ސަރުކާރުން ބްރިޖް ނިންމުމަށް ދީފައިވާ މުއްދަތު ވަނީ ވަރަށް ބޮޑަށް އިތުރުކޮށްދީފައިކަމަށެވެ. އެހެންކަމުން މަސައްކަތް ދިޔައީ ވަރަށް ލަސްކޮށްކަމަށެވެ. ނަމަވެސް ބްރިޖްގެ މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑާއި ގުޅޭގޮތުން ސަރުކާރުން ހިތްހަމަޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ.

"ހަޤީގަތުގައި މިހާރު ޝެޑިއުލަށްވުރެ ކުޑަތަންކޮޅެއް ކުރީގައި ކޮންޓްރެކްޓަރ މަސައްކަތް ކުރަނީ. %50 ތަނބު ޖެހުމުގެ މަސައްކަތް ނިމި ބައެއް ޕިއަރތަކުގެ މަސައްކަތްވެސް އެހުރީ ނިމިފައި. އެހެންވީމަ އަޅުގަނޑުމެން މި އުންމީދުކުރަނީ އަދިވެސް އިތުރަށް ކޮންޓްރެކްޓަރާއި ވާހަކަދައްކައިގެން އަވަސްކޮށްގެން މަސައްކަތް ކުރިއަށްގެންދެވޭތޯ. ރައީސް ވިދާޅުވެފައި އެބައޮތް ކޮންޓްރެކްޓާއި ވާހަކަދައްކައިގެން ބައްލަވާނަމޭ 2025 ވަނަ އަހަރުގެ މެދުތެރެއަށް ނުވަތަ ފުރަތަމަ ހާފް ތެރެއަށް ވިލިމާލެއާއި ހަމައަށް ގުޅޭތޯ މަސައްކަތް ކުރައްވާނެކަމަށް." ޑރ. ޢަބްދުﷲ މުއްޠަލިބު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މީގެކުރިން ވިދާޅުވެފައިވަނީ ބްރިޖުގެ މަސައްކަތް 2025 ނުވަތަ 2026ގެ ކުރީކޮޅަށް ނިންމުމަކީ އެމަނިކުފާނު ވަރަށް ބޮޑަށް ބޭނުންފުޅުވާ ކަމެއް ކަމަށެވެ. އަދި ދެފަރާތް ގުޅިގެން އެއްކޮށް މަސައްކަތްކޮށްފިނަމަ މިކަން އަވަސް ކުރެވޭނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.

ހަތަރު ސަރަޙައްދެއް ގުޅުވާލާ، ޖުމްލަ 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެވެ.