ޚަބަރު

ފްލެޓް ހަވާލުކުރުމާ ގުޅޭ މަޝްވަރާ ފަށައިފި، ތަފުސީލުތައް އަންނަ ހަފުތާގައި


  • އޭސީސީން އެންގެވި ގޮތަށް ޢަމަލުކުރާނެކަމަށް ވަޒީރު ވިދާޅުވި

  • ފްލެޓް ޙަވާލުކުުރމުގެ ކަންކަން ހުއްޓާލީ މިދިޔަ ނޮވެމްބަރުމަހުގެ 16ވަނަ ދުވަހު

  • މައްސަލަހުރި ފޯމުތައް މުރާޖަޢާކުރާނެ

މާލެ ސަރަހައްދުން ދޫކުރުމަށް ނިންމި ފުރަތަމަ 4000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެސީސީން އެންގެވުމާއެކު ކުރަންޖެހޭ ކަންކަން ކުރެއްވުމަށް މަޝްވަރާތައް ފަށްޓަވައިފިއެވެ.

އެންޓި-ކޮރަޕްޝަން ކޮމިޝަނުގެ އެންގެވުމަކާއި ގުޅިގެން 4000 ފްލެޓް ޙަވާލުކުރުމުގެ މަސައްކަތް ކުރީ ސަރުކާރުގެ ހައުސިންގ މިނިސްޓްރީން ހުއްޓާލީ މިދިޔަ ނޮވެމްބަރުމަހުގެ 16ވަނަ ދުވަހުއެވެ.

ނަމަވެސް އޭސީސީން މިހާރު ވަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން އިއުލާންކުރި ފުލެޓު ދޫކުރުމާ ގުޅޭ ކަންކަން ކުރިއަށް ގެންދިއުމުގައި ވަކި ކަންތައްތަކަކަށް ރިއާޔަތްކޮށްގެން ޢަމަލުކުރުމަށް އަންގަވާފައެވެ.

މިކަމާ ގުޅޭގޮތުން ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ 4000 ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށްގެންދިއުމަށް އެސީސީން އެންގެވުމާއެކު ކުރަންޖެހޭ ކަންކަން ކުރެއްވުމަށް މަޝްވަރާތައް ފަށްޓަވާފައިވާކަމަށެވެ. އަދި އެކަމާ ގުޅޭ ތަފްސީލްތައް މި ފެށޭ ހަފްތާ ތެރޭ އާންމުކުރައްވާނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

ފްލެޓް ކަންތަކާ ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދު ވިދާޅުވީ ފްލެޓް ލިސްޓްގައި ތިބި މީހުންގެ ތެރެއިން އެއްވެސް މައްސަލައެއް ނެތް މީހުންނަށް ފްލެޓް ހަވާލުކުރާނެކަމަށާއި މައްސަލާ އުޅޭކަމުގައި ވަނީނަމަ އިތުރު ގޮތްތަކެއް ހަމަޖައްސަވަން ޖެހޭނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އޭސީސީން ނިންމަވާފައިވާގޮތަށް އަމަލުކުރައްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"އޭސީސީއަކީ ޤާނޫނީ ގޮތުން ބާރު ލިބިގެން ހިންގާ މުއައްސަސާއެއް. އެ ބޭފުޅުންގެ ވަރަށް ބޮޑު ޒިންމާއެއް އޮވޭ ކޮރަޕްޝަން ނައްތާލުމަށް. ލިސްޓްގައި އެކަހަލަ މައްސަލައެއް އުޅޭކަމަށް ވަނީނަމަ އަޅުގަނޑުމެން ޖެހޭނެ އެއަށް ފިޔަވަޅު އަޅަން." ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ.ޢަލީ ހައިދަރު އަޙްމަދު ވިދާޅުވިއެވެ.

އެސީސީން ވަނީ އަސާސީ އުސޫލުތަކާއި ޝަރުތުތަކާ އެއްގޮތަށް ޕޮއިންޓް ދީފައިވާ ފޯމުތަކަށް ބަދަލު ނާންނާނެހެން، މައްސަލަހުރި ފޯމުތައް މުރާޖަޢާކުރުމަށް އަންގާފައެވެ. އަދި މުރާޖަޢާކުރުމުގައި، އުސޫލުގައި ސީދާ ކަނޑައެޅިގެން ވަކި ގޮތެއް ބަޔާން ނުކުރާ ކަންކަމާ މެދު ގޮތްތައް ކަނޑައެޅުމަށާއި، މުރާޖަޢާކުރުމުގައި ތަފާތުނުކޮށް އެއް މިންގަނޑަކުން އަމަލުކުރުމަށްވެސް ކޮމިޝަނުން ވަނީ އަންގާފައެވެ.

ސަރުކާރުން މީގެކުރިން ވިދާޅުވެފައި ވަނީ ފަހިދިރިއުޅުން ކޯރޕަރޭޝަނުން ހުޅުމަލޭގައި ހަދަމުންދާ ފްލެޓުތައް ލިބޭ މީހުންގެ ލިސްޓާ ގުޅޭގޮތުން އޭސީސީން ބަލަމުންދާ ކަންކަން ނިމޭތާ، 3 ދުވަހުގެ ތެރޭގައި އެގްރިމަންޓުގައި ސޮއިކުރަން ފަށާނެކަމަށެވެ.