ނަމީބިޔާގެ ރައީސް ހަހޭ ގޮޓްފްރީޑް ގެންގޮބް އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ ކެންސަރު ބަލީގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުން ގެންދަވަނިކޮށް އުމުރުފުޅުން 82 އަހަރުގައެވެ. ނަމީބިޔާގެ ރައީސް އޮފީހުން ބުނީ ގެންގޮބަށް ކެންސަރު ޖެހިފައިވާ ކަން އެނގިފައި ވަނީ މީގެ މަދު ހަފުތާތަކެއް ކުރިން ކަމުގައެވެ.
ނަމަވެސް, ގެންގޮބް އަވަހާރަވެފައި ވަނީ އެ ބަލީގައި ކަން އޭނާގެ އޮފީހުން ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އޭނާ އަވަހާރަވުމާ ގުޅިގެން, ނައިބު ރައީސް ނަންގޯލުން ބުމްބާ ވަނީ ވަގުތީ ގޮތުން ރިޔާސަތާ ހަވާލުވެ ވަޑައިގަންނަވާފައެވެ. މި އަހަރުގެ ފަހުކޮޅު ބާއްވާ ރިޔާސީ އަދި ޢާންމު އިންތިޙާބާ ޖެހެންދެން ބުމްބާ ރިޔާސަތުގައި އިންނަވާނެއެވެ.
ދެކުނު އެފްރިކާގެ ޤައުމެއް ކަމުގައިވާ ނަމީބިޔާގެ ރައީސް ކަމުގެ މަޤާމާ ގެންގޮބް އިންތިޚާބުވެ ވަޑައިގަންނަވާފައި ވަނީ 2015 ވަނަ އަހަރުއެވެ. ހުސްވި ޖަނަވަރީ މަހު ގެންގޮބް ވަނީ އެމެރިކާއަށް ދަތުރުފުޅެއް ކުރައްވައި, ކެންސަރު ބައްޔަށް ޚާއްޞަ ކޮށްފައިވާ އައު ފަރުވާއެއް ހޯއްދަވާފައެވެ. އޭނާ އަވަހާރަވި ވަގުތު, އޭނާގެ ޢާއިލާގެ މެންބަރުން އަރިހުގައި ތިބި ކަމަށް މީޑިޔޯ ރިޕޯޓުތައް ބުނެއެވެ.
ނަމީބިޔާއަކީ މައުދަނުގެ ގޮތުން މުއްސަނދި ޤައުމެކެވެ. އޭގެ ތެރޭގައި އަލިމަހާއި, އިލެކްޓްރިކް ދުއްވާ އުޅަނދުފަހަރުގެ ބެޓެރި އުފައްދަން ބޭނުން ކުރާ ލިތިޔަމް ފަދަ އަގުހުރި މާއްދާތައް ހިމެނެއެވެ. ކުރިން ސައުތް ވެސްޓް އެފްރިކާ, ނުވަތަ ހުޅަނގުދެކުނު އެފްރިކާގެ ނަން ދީފައިވާ ނަމީބިޔާ އޮތީ, ދެކުނު އެފްރިކާގައި އަޕާތީޑް ވެރިކަމެއް ކުރަމުން ދިޔަ ދޮން ނަސްލުގެ މީހުންގެ އިސްތިޢުމާރީ ބާރުގެ ދަށުގައެވެ. ނަމީބިޔާއަށް އެ ޤައުމުގެ ނަން ބަދަލު ކޮށްފައި ވަނީ 1990 ވަނަ އަހަރު ދެކުނު އެފްރިކާގެ އަތްދަށުން މިނިވަން ލިބުމުންނެވެ.
ނަމީބިޔާއަށް މިނިވަން ކަން ލިބުމުގެ ކުރިން ވެސް ގެންގޮބް ވަނީ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވެ ވަޑައިގަންނަވަން ފައްޓަވާފައެވެ. ވެރިކަން ކުރާ ސައުތް ވެސްޓް އެފްރިކާ ޕީޕަލްސް އޮގަނައިޒޭޝަންގެ ނައިބު ރައީސްގެ މަޤާމާ އޭނާ ހަވާލުވެ ވަޑައިގަންނަވާފައި ވަނީ 2007 ވަނަ އަހަރުއެވެ.
ނަމީބިޔާގެ ބޮޑުވަޒީރު ކަމުގެ މަޤާމާ 2012 ވަނަ އަހަރު ހަވާލުވެ ވަޑައިގެންނެވުމުގެ ކުރިން އޭނާ ހުންނެނީ ވިޔަފާރިއާއި ސިނާޢަތާ ބެހޭ ވަޒީރު ކަމުގެ މަޤާމުގައެވެ. 2014 ވަނަ އަހަރު ބޭއްވި ރިޔާސީ އިންތިޚާބު އޭނާ ކާމިޔާބު ކުރައްވާފައި ވަނީ 87 އިންސައްތަ ތާޢީދާ އެކުގައެވެ. ނަމަވެސް, 2019 ވަނަ އަހަރުގެ ނޮވެންބަރު މަހު ބޭއްވި އިންތިޚާބުގައި އޭނާއަށް ކާމިޔާބީ ލިބިވަޑައިގަތީ ވަރަށް ހަނި ފުރުޞަތަކުންނެވެ. އޭނާ އުފަންވެ ވަޑައިގަތީ 1941 ވަނަ އަހަރުއެވެ.