ޚަބަރު

މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުން ގެމަނަފުށީގައި


މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރައްވާނީ ހުވަދު އަތޮޅުއުތުރުބުރީ ގެމަނަފުށީގައިކަން ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް އިއުލާންކުރައްވައިފިއެވެ. ރައީސް ޔާމީން މިއަދުވަނީ ރާއްޖޭގައި އެންމެ ފުޅާކޮށް މަސްވެރިކަންވެސް ކުރާ އެއްރަށްކަމުގައިވާ ގެމަނަފުށީގެ ބަނދަރު ހުޅުއްވައިދެއްވާފައެވެ.

ގއ. ގެމަނަފުއްޓަކީ މަސްވެރިކަމުގެ ދާއިރާގައި ރާއްޖެއިން ފާހަގަކުރެވޭ ރަށެކެވެ. އެގޮތުން ޒަމާނީ ފެންވަރުގެ އެންމެ ބޮޑު 15 ވަރަކަށް މަސްދޯނި ދުއްވައެވެ. ގިނަ އަދަދެއްގެ މަސްވެރިން ނިސްބަތްވާ ގެމްނަފުށީގެ މުޅި އިޤްތިޞާދު ބިނާވެފައިވަނީ މަސްވެރިކަމުގެ މައްޗަށެވެ. 2004 ވަނަ އަހަރުގެ ސުނާމީ ކާރިޘާގައި ގެމަނަފުށީގެ ބަނދަރު ހަލާކުވެދިއުމުން ގިނަ ދުވަސްތަކެއް ވަންދެން ބަނދަރު ނުހެދި އޮތުމަށްފަހު ރައީސް ޔާމީންގެ ސަރުކާރުން ގެމަނަފުށީގައި ތަފާތު ބަނދަރެއް ހައްދަވައި ނިންމަވާފައިވަނީ، އެމް.ޓީސީ.ސީ އާއި ހަވާލުކުރައްވައިގެން މިދިޔަ މަހުގެ ތެރޭގައެވެ.

ގެމަނަފުށީގެ ބަނދަރު ހުޅުވައިދެއްވުމަށް މިއަދު ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރައްވާނީ ގެމަނަފުށީގަކަން އިއުލާން ކުރައްވާފައެވެ. އަދި ރަށުގެ މަސްވެރިންގެ އުންމީދުކަމުގައިވާ އައިސް ޕްލާންޓެއްވެސް އެރަށުގައި ގާއިމްކޮށްދެއްވާނެކަމަށް ރައީސުލްޖުމްހުރިއްޔާ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ހައުސިންގ މިނިސްޓަރ ޑރ. މުޙައްމަދު މުއިޒް ވިދާޅުވީ، މަސްވެރިކަން ފުޅާ ދާއިރާއެއްގައި ކުރެވޭ ގެމަނަފުށީގައި ރަނގަޅު ފެންވަރެއްގެ ބަނދަރެއް ހެދުމަކީ މުހިންމު ކަމެއްކަމަށާއި، މިފަދަ ހުރިހާ މަސައްކަތެއްގެވެސް މޭސްތިރިއަކީ ރާއްޖޭގެ ރައީސުލްޖުމުހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކަމަށެވެ. މުއިޒް ވިދާޅުވީ ފަންސާހަށްވުރެ ގިނަ ރަށްރަށުގެ ބަނދަރު ސަރުކާރުން މިހާރު ހައްދަވަމުންގެންދަވާކަމަށެވެ.

ގެމަނަފުށީ ދާއިރާގެ މެންބަރު ޖަމީލު އުސްމާނު ވިދާޅުވީ، ގެމަނަފުއްޓަށް މިއަދު ގާއިމުވެފައިމިވަނީ، ވަރަށް ފުރިހަމަ ބަނދަރެއްކަމަށާއި، ބަނދަރާއެކު ރަށުގެ މަސްވެރިންނާއި އޮޑިވެރިން ކުރިން އުޅުނު އުނދަގޫކަން ފިލައިގެން ގޮސްފައިވާކަމަށެވެ.

ޖަމީލުގެ ވާހަކަފުޅުގައި ގެމަނަފުށީދާއިރާގެ ރަށްތަކަށް ބޭނުންވާ ދަނޑުވެރިކަމާއި، ފަތުރުވެރިކަމުގެ ވިޔަފާރި ކުރެއްވުމަށް ދާއިރާގައި ހުރި ބައެއް ފަޅުރަށްތައް ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

ގެމަނަފުށީ ކައުންސިލްގެ ރައީސް އަބްދުﷲ ޝިޔާންވަނީ ގެމަނަފުށީގެ ބަނދަރަކީ ދެކުނުން ފާގަކުރެވޭ ރީތި ފުރިހަމަ ބަނދަރެއްކަމަށް ސިފަކުރައްވާފައެވެ. އޭނާ ވިދާޅުވީ، ބަނދަރުގެ އިތުރުން ސަރުކާރުން ގެމަނަފުށީގައި ތަަރައްގީގެ ގިނަ މަޝްރޫއުތައް ކުރިއަށްގެންދަވާކަމަށާއި، ފެނާ ނަރުދަމާ ފަދަ އިތުރު މަޝްރޫއުތަކަށް މިހާރު ބޭނުންވެފައިވާކަމަށެވެ.

ގެމަނަފުށީ ބަނދަރު ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ގެމަނަފުށީ ރައްޔިތުންގެ ފަރާތުން ރައީސް ޔާމީންއަށް ހަނދާނީ ފިލައެއް އެރުވިއެވެ. އަދި ގެމަނަފުށީ ކޯޕަރޓީވް ސޮސައިޓީގެ ފަރާތުންވަނީ އެކޯޕަރޭޓިވްގެ އުފެއްދުންތައް ރައީސް ޔާމީނަށް ވެދުމަށްވެސް އެރުވިއެވެ.