ޚަބަރު

ޢުދުވާންތައް ހުއްޓައިލުމާ ބެހޭ އެއްބަސްވުމަށް ޙަމާސުން ޖަވާބުދީފި


ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލުމަށް އެކުލަވައި ހުށައަޅާފައިވާ އައު އެއްބަސްވުމަށް އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ޖަވާބު ދީފިއެވެ. އެ އެއްބަސްވުމުގެ ދެލިކޮޕީ އެކުލަވައިލާފައި ވަނީ ޤަޠަރާއި މިޞްރުން އިސްވެ އެމެރިކާއާއި ޔަހޫދީންނާއެކު ފަރަންސޭސިވިލާތުގެ ވެރިރަށް ޕެރިސްގައި ބޭއްވި މަޝްވަރާތަކަށް ފަހުއެވެ.

އެއްބަސްވުމުގެ ދެލިކޮޕީ ޙަމާސް ޖަމާޢަތުން ދިރާސާ ކުރުމަށް ފަހު އެއަށް ޖަވާބެއް ދީފައިވީ ނަމަވެސް އެއާ މެދު ޙަމާސުން ދެކޭ ގޮތް ސާފު ކޮށްދީފައެއް ނުވެއެވެ. އެ ޖަމާޢަތުން ބުނީ އެއްބަސްވުމަށް ހެޔޮ އަދި އުންމީދީ ޖަވާބެއް ދީފައިވާނެ ކަމުގައެވެ. ޤަޠަރުން ވެސް ބުނީ ޙަމާސުން ދީފައި ވަނީ ވަރަށް އުންމީދީ ޖަވާބެއް ކަމުގައެވެ.

"ޕޮޒިޓިވް ޖަވާބެއް ދީފައި ވާނީ, އަޅުގަނޑުމެންގެ ރައްޔިތުންނާ ދެކޮޅަށް ޔަހޫދީން ހިންގާ ޢުދުވާނަށް ނިމުމެއް ގެނެސް, އިންސާނީ އެހީ ފޯރުކޮށްދިނުން އަވަސްކޮށް, ޢައްޒާގެ ފުރަބަންދު އުވައިލާ, ޣައްޒާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ފަށައި, އަސީރުން ބަދަލު ކުުރުމުގެ ބޭނުމުގައި،" ޙަމާސް ޖަމާޢަތުން ނެރުނު ބަޔާނެއްގައި ބުނެފައިވެއެވެ.

އެ އެއްބަސްވުމުގައި ހިމަނާފައިވާ މާއްދާތަކަށް ޔަހޫދީންގެ ރުހުން ހޯދުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން އެ ޤައުމަށް ވަޑައިގަންނަވާނެއެވެ. މެދުއިރުމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އޭނާ ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ވަޑައިގަންނަވައި ވަލީއަޙުދު މުޙައްމަދު ބިން ސަލްމާނާ ބައްދަލު ކުރައްވައި މިޞްރަށް ވަޑައިގަންނަވައި އެ ޤައުމުގެ ރައީސް ޢަބްދުލްފައްތާޙް އަލްސީސީއާ ވެސް ބައްދަލު ކުރައްވާފައެވެ.

ޔަހޫދީންގެ ދަޢުލަތަށް ވަޑައިގަންނަވައި ޙަމާސުން ހުށަހަޅާފައިވާ ހުށަހެޅުންތަކާ މެދު ޔަހޫދީ ސަރުކާރާ މަޝްވަރާ ކުރައްވާނެ ކަމުގައި ބްލިންކަން ވިދާޅުވިއެވެ. "މި ކަމާ ގުޅޭ ގޮތުން ކުރަން އޮތް މަސައްކަތްތައް ވަރަށް ގިނަ. ނަމަވެސް, އެއްބަސްވުމެއްގައި ސޮއި ކުރެވޭތޯ ދެ ފަރާތާ އެކު މަސައްކަތް ކުރާނަން،" ބްލިންކަން ވިދާޅުވިއެވެ.

"އެއްބަސްވުމުގައިވާ ކަންކަމާ ގުޅޭ ގޮތުން ދެ ފަރާތުގެ މަސްއޫލުވެރިންނާ އެކު އަޅުގަނޑުމެން މަޝްވަރާ ކުރާނަން. މަޤުޞަދަކީ, މި ކަމަށް ދާއިމީ ހައްލެއް ހޯދުން،" ޙަމާސުން ދީފައިވާ ޖަވާބާ ގުޅޭ ގޮތުން މިޞްރުގެ ސްޓޭޓް އިންފޮމޭޝަން ސަރވިސްގެ އިސްވެރިޔާ ޟިޔާއު ރިޝްވާން ވިދާޅުވިއެވެ.

އެއްބަސްވުމުގެ މަޢުލޫމާތު އިނގޭ ފަރާތްތަކުން ބުނީ 40 ދުވަހުގެ މުއްދަތަކަށް ޢުދުވާންތައް މެދުކަނޑައިލަން އެއްބަސްވުމުގެ ދެލިކޮޕީގައި ހިމަނާފައިވާ ކަމުގައެވެ. އަދި ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ އަސީރުން އެ މުއްދަތުގެ ތެރޭގައި މިނިވަން ކުރުމަށް ވެސް ހިމަނާފައިވެއެވެ. އެއްބަސްވުމުގެ ދެވަނަ މަރުޙަލާއެއްގެ ގޮތުން މަރުވެފައިވާ އަސީރުންނާއި ޔަހޫދީ ސިފައިންގެ ހަށިތައް ޙަމާސުން ހަވާލު ކުރާނެއެވެ. އަދި ޔަހޫދީންގެ ޖަލުތަކުގައި ކުށަކާ ނުލައި ހައްޔަރު ކޮށްފައި ތިބި ފަލަސްޠީނުގެ ރައްޔިތުން މިނިވަން ކުރާނެއެވެ.

އެ އެއްބަސްވުމަށް ޔަހޫދީން އެއްބަސް ކުރުވަން ސަޢޫދީ ޢަރަބިއްޔާއިން ވަނީ ހަރުކަށި ޝަރުޠުތަކެއް ހުށަހަޅާފައެވެ. އޭގެ ތެރޭގައި ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނަށް ދާއިމީ ނިމުމެއް ގެނެސް ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކުރުން ހިމެނެއެވެ. ސަޢޫދީ ޢަރަބިއްޔާއިން ބުނީ ޔަހޫދީންނާއެކު ސިޔާސީ ގުޅުން ޤާއިމު ކުރުމުގެ މަޝްވަރާތައް އަލުން ފަށާނީ އެ ޝަރުޠުތައް ފުރިހަމަ ކުރުމުން ކަމުގައެވެ. ޔަހޫދީންނާއި ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމު ކުރުމަކީ އެމެރިކާއިން ބާރުއަޅަމުންދާ ކަމެކެވެ.