ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ އިސްތިޢުމާރީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ނިމުމަކަށް ގެނައުމާ ގުޅޭ މަޝްވަރާތަކުގެ އިތުރު ބުރެއް ފެށުމަށް ވާހަކަތަކުގެ މަސްއޫލުވެރިން ތައްޔާރުވެއްޖެއެވެ.
ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ސުލްޙަ ކުރުވަން މިޞްރާއި ޤަޠަރުން އިސްނަގައިގެން އެމެރިކާއާ ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. އެ މަޝްވަރާތަކުގެ ކަންކަން ވިލަރެސް ކުރެއްވުމަށް އެމެރިކާގެ ޚާރިޖީ ވަޒީރު އެންތަނީ ބްލިންކަން ވެސް ވަނީ މެދުއިރުމައްޗަށް ވަޑައިގަންނަވާފައެވެ. ބްލިންކަން ވިދާޅުވި ޙަމާސްގެ މުޖާހިދުންނާއި ޔަހޫދީންނާ ދެމެދު ސުލްޙަ ޤާއިމުކޮށް ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތަކަށް ނިމުމެއް ގެނެވޭނެ ކަމާ މެދު އުންމީދު ފަނޑުނުވާ ކަމުގައެވެ.
އެމެރިކާއާއި ޤަޠަރާއި މިޞްރުން ގުޅިގެން މަޝްވަރާތަކުގެ އައު ބުރެއް ބޭއްވުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ. މިޞްރުގެ ވެރިރަށް ޤާހިރާގައި ބާއްވާ މަޝްވަރާތަކުގައި ޙަމާސް ޖަމާޢަތުގެ އިސްވެރިއެއް ކަމުގައިވާ ޙަލީލް އަލް-ޙައްޔާ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.
ޢުދުވާންތައް ހުއްޓައިލުމާ ގުޅޭ ގޮތުން ޙަމާސް ޖަމާޢަތުން އެންމެ ފަހުން ހުށަހަޅާފައިވާ އެއްބަސްވުމަށް ޔަހޫދީން ވަނީ ނޫނެކޭ ބުނެފައެވެ. ޔަހޫދީންގެ ހަރުކަށި ބޮޑުވަޒީރު ބުންޔާމިން ނަތަންޔާހޫ ޙަމާސްގެ ހުށަހެޅުންތައް ސިފަ ކުރައްވާފައި ވަނީ ބިލާހެއްގެ ގޮތުގައެވެ. އަދި ހަނގުރާމަ ހުއްޓުމެއް ނެތި ކުރިއަށް ގެންދިއުމަށް އޭނާ ގޮވައިލިއެވެ. އަދި އެއްގަމު މަގުން ރަފަޙަށް އައި ލާއިންސާނީ ޢުދުވާން ފުޅާކޮށް ޤަތުލުޢާންމު އިތުރު ކުރަން އޭނާ ވަނީ ޔަހޫދީ ފައުޖަށް ޢަމުރުކޮށްފައެވެ. ރަފަޙުގައި ވަޤުތު 1.4 މިލިޔަނަށްވުރެ ގިނަ މީހުން ވަނީ ތޮއްޖެހިފައެވެ. އޭގެ ތެރޭގައި ގިނައީ ޣައްޒާގެ އުތުރަށް ދިން ރަޙުމު ކުޑަ ޙަމަލާތަކުން ސަލާމަތް ވާން ރަފަޙަށް ދަތުރުކުރި މީހުންނެވެ. އެ މީހުން ދިިރިއުޅެނީ ޓެންޓުތަކާއި ވަޤުތީ ހިޔާތަކުގައި ވަރަށް ނިކަމެތި ހާލުގައެވެ.
ޙަމާސުން ހުށަހަޅާފައިވާ އެއްބަސްވުމަށް ބްލިންކަން ވެސް ގަޔާ ނުވިކަން ފާހަގަ ކޮށްލަން ޖެހެއެވެ. އޭނާ ވެސް ވިދާޅުވީ ޙަމާސުން ހުށަހަޅާފައި ވަނީ އެއްބަސްވެވެން ނެތް ކަންތައްތަކެއް ކަމުގައެވެ. ނަމަވެސް ޢުދުވާންތަކަށް ނިމުމެއް ގެނައުމާ މެދު އިތުރު މަޝްވަރާތަކެއް ކުރުމުގެ ފުރުޞަތު އޮތް ކަމުގައި އޭނާ ވިދާޅުވިއެވެ. ޔަހޫދީންގެ ލާއިންސާނީ ޢުދުވާންތައް ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައިކަން ވެސް ފާހަގަ ކޮށްލަން ޖެހެއެވެ.
ޙަމާސްގެ ހުށަހެޅުގައި އޮތީ ޔަހޫދީންގެ ޢުދުވާންތައް 135 ދުވަހުގެ މުއްދަތަކަށް ހުއްޓައިލުމަށާއި, ޣައްޒާއަށް އިންސާނީ އެހީ އެތެރެ ކުރުމުގެ ފުރުޞަތު ދިނުމަށެވެ. އަދި ޙަމާސުން ރަހީނުކޮށްފައިވާ ޔަހޫދީ އަސީރުން މިނިވަން ކުރަން ވެސް އެ ޖަމާޢަތުން ވަނީ އެއްބަސްވެފައެވެ. ޙަމާސްގެ ހުށަހެޅުމަކީ އެމެރިކާއާއި ޔަހޫދީން އެކުލަވައިލި އެއްބަސްވުމެއްގެ ބަދަލުގައި ހުށަހަޅާފައިވާ އައު ހުށަހެޅުންތަކެކެވެ.
ޙަމާސްގެ ހުށަހެޅުން ގަބޫލު ނުކުރަން ނަތަންޔާހޫ ނިންމެވި ނަމަވެސް ޣައްޒާއާއެކު އައު އެއްބަސްވުމެއް އެކުލަވައިލުމަށް އެކި ފަރާތްތަކުން ދަނީ އޭނާއަށް ބާރު އަޅަމުންނެވެ. އޭގެ ތެރޭގައި ޙަމާސުން ރަހީނުކޮށްފައިވާ އަސީރުންގެ ޢާއިލާތަކާއި ޔަހޫދީ އާބާދީގެ ބޮޑު އިންސައްތައެއް ވެސް ހިމެނެއެވެ. އެންމެ ފަހުން ނެގި ޚިޔާލު ހޯދުމުގެ ވޯޓުތަކުން ފެންނަ ގޮތުގައި ނަތަންޔާހޫއާއި އޭނާގެ ސަރުކާރަށް ޢާންމު ރައްޔިތުންގެ ތާޢީދެއް ނެތެެވެ. ވޯޓުގައި ބައިވެރިވި މީހުންގެ ތެރެއިން %51 މީހުން ބުނަނީ އަސީރުން މިނިވަން ކުރުމަކީ ޔަހޫދީ ސަރުކާރުގެ މައި އަމާޒަށް ހަދަން ޖެހޭ ކަމުގައެވެ.
ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ވަނީ ފަލަސްޠީނުގެ 130 މީހުން ޝަހީދު ކޮށްލާފައެވެ. އަދި 170އަށްވުރެ ގިނަ މީހުން ޒަޚަމުކޮށްލާފައެވެ. އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ހިންގަމުންދާ މި ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު މިހާރު 27,840 އަށް އަރައެވެ. އަދި ޒަޚަމުކޮށްލާފައިވާ މީހުންގެ ޢަދަދު 67,000އަށް ވަނީ އުފުލިފައެވެ.