ޚަބަރު

އެހީ ކަނޑައިލުމުން ފަލަސްޠީނުގެ ރެފިއުޖީ ކޭމްޕުތައް ބަންދު ކުރަން ޖެހިދާނެ


ޔަހޫދީންގެ އިސްތިޢުމާރީ އަޅުވެތި ކަމުގައި ފަލަސްޠީނުގެ މުސްލިމުން އެތަކެއް ދަހަރު ފާއިތުކޮށްފިއެވެ. ކޮންމެ ދުވަހަކު ވެސް އެ މީހުންނަށް ކުރިމަތި ވަނީ އިތުރު ނިކަމެތިކަމާއި މާޔޫސްކަމެވެ. އެ މީހުންގެ އަމިއްލަ ވަޒަނުގައި އެ މީހުން ދިރިއުޅެމުން ދަނީ ރެފިއުޖީންގެ ގޮތުގައެވެ. ބަނޑުފުރާނަ މުއްތި ކުރަމުން ދަނީ, ބޭރު ޤައުމުތަކުން ފޯރުކޮށްދޭ މަދު ކާބޯތަކެތިންނެވެ. ހައިހޫނު ކަމުގައި ދުވަސްތައް ވޭތު ކުރަމުންދާ ފަލަސްޠީނުގެ ރެފިއުޖީންނަށް މިއަދު މި ވަނީ އިތުރު ނިކަމެތިކަމަކާއި ނާއުންމީދާ ކުރިމަތިލާން ޖެހިފައެވެ.

ޔަހޫދީންގެ ހީލަތްތެރި ރޭވުމެއްގެ ތެރެއިން އަނބުރަމުން, ފަތުރަމުންދާ ޙަޤީޤަތާ ޚިލާފު ބުހުތާންތަކެއްގެ މައްޗަށް ބިނާކޮށް, ފަލަސްޠީނުގެ އެތަކެއް ސަތޭކަ ހާސް ރެފިއުޖީންނަކަށް ކާބޯތަކެތި ފޯރުކޮށްދޭން އެހީދޭ ޖަމާޢަތްތަކުން ކުރަމުންދާ މަސައްކަތްތަކަށް އެ ދަނީ ހުރަސް އަޅަމުންނެވެ. ޔަހޫދީ ފައުޖުން ފަލަސްޠީނުގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުުގައި ބައިވެރިވުމުގެ ގޮތުން, ޔަހޫދީންނަށް ވާގިވެރިވާ ޤައުމުތަކުން މި ވަނީ, ފަލަސްޠީނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުން ނިމުމަކަށް ގެނެސްފައެވެ. އެ ލިސްޓުގެ އެންމެ ކުރީގައި އޮތީ އެމެރިކާއެވެ.

މި ކަމުގެ ނޭދެވޭ އަސަރު އެންމެ ބޮޑަށް ކުރިމަތިވެފައި މި ވަނީ ފަލަސްޠީނުގެ ރެފިއުޖީންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ އދގެ މައި އިދާރާ (ޔޫއެންއާރްޑަބްލިޔުއޭ) އަށެވެ. އެއީ, ފަލަސްޠީނުގެ ރައްޔިތުންގެ ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށް ހުޅަނގު އައްސޭރިއާއި ޣައްޒާގެ ފަސްގަނޑުގައި ހަރަކާތްތެރިވާ މައި ނާރެހެވެ. ހުޅަނގު އައްސޭރިއާއި ޣައްޒާގައި ހިންގާ ގިނަ ސްކޫލްތައް ހިންގަނީ އެ އިދާރާއިންނެވެ. ފަލަސްޠީނުގެ ރައްޔިތުންނަށް ޞިއްޙީ ފަރުވާ ފޯރު ކޮށްދިނުމުގައި އެ އިދާރާއިން އިސް ދައުރެއް އަދާ ކުރެއެވެ.

ނަމަވެސް, ޔަހޫދީންގެ ހީލަތްތެރި ރޭވުމުގެ ދަށުން އެ ކަމަށް ނިމުމެއް އަތުވެދާނެ ކަމުގެ ބިރު މިއަދު މި ވަނީ ހީވާން ފަށާފައެވެ. ހުޅަނގު އައްސޭރީގައި އެކަނިވެސް އެ އިދާރާއިން ހިންގަމުންދާ ވަގުތީ ހިޔާތަކާއި ރެފިއުޖީ ކޭމްޕުތަކުގައި 870,000 އަށްވުރެ ގިނަ ރެފިއުޖީން އެބަތިއްބެވެ. އެ އިދާރާއިން ދަނީ ހުޅަނގު އައްސޭރީގައި 96 ސްކޫލެއް ހިންގަމުންނެވެ. އަދި, ޞިއްޙީ ފަރުވާ ދިނުމަށް 43 ޕްރިމަރީ ހެލްތުކެއާ ކްލިނިކް ހިންގަމުންނެވެ. ނަމަވެސް, އެހީ ހުއްޓި, އެ ތަންތަން ބަންދު ކުރަން ޖެހިދާނެ ކަމުގައި އެ އިދާރާއިން ވަނީ އިންޒާރު ކޮށްފައެވެ.

ޔޫއެންއާރްޑަބްލިޔުއޭއަށް ފޯރުކޮށްދޭ އެހީ ކަނޑައިލަން އެމެރިކާއާއި ހުޅަނގުގެ ބައެއް ޤައުމުތަކުން ނިންމާފައި ވަނީ, އޮކްޓޫބަރު 7 ވަނަ ދުވަހު ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ދީފައިވާ ޙަމަލާތަކުގައި އެ ޖަމުޢިއްޔާގެ 12 މެންބަރުން ބައިވެރިވި ކަމުގެ ތުހުމަތުތައް ފެންމަތިވުމާ ގުޅިގެންނެވެ. އެ ޚަބަރު ފެތުރީ ޔަހޫދީންނެވެ. ހީލަތްތެރި ރޭވުމެއްގެ ތެރެއިންނެވެ. އެ ޚަބަރާ އެކު, 13,000 އަށްވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާ ޔޫއެންއާރްޑަބްލިޔުއޭން ވަނީ, ތުހުމަތު ކުރެވޭ 12 މީހުން ވަޒީފާއިން ވަކި ކޮށްފައެވެ.

މި މައްސަލަ އެކި ގޮތްގޮތަށް އަނބުރައި, ޔަހޫދީން މިހާރު ދަނީ އެ އިދާރާ ރޫޅައިލަން މަސައްކަތް ކުރަމުންނެވެ. ފަލަސްޠީނުގެ މުސްލިމުންނަށް އިތުރު ނިކަމެތިކަން ގެނުވައި, އަޅުދާސް ކުރެވޭނީ އެ އިދާރާ އުވައިލައިގެންނެވެ. ފަލަސްޠީނުގެ ރެފިއުޖީންނަށް ކާބޯތަކެތި ފޯރުކޮށްދޭ މަގުތައް ބަންދު ކޮށްގެންނެވެ. ޔަހޫދީންގެ އަމާޒަކީ ފަލަސްޠީނުގެ ރައްޔިތުން ހައިހޫނު ކަން މަތީ ޝަހީދު ކުރުމެވެ.

"[ޔޫއެންއާރްޑަބްލިޔުއޭ]އަށް އެހީ ކަނޑައިލުމުން އެތަކެއް ސަތޭކަ ހާސް ބަޔަކަށް އަސަރު ކުރާނެ،" ހުޅަނގު އައްސޭރީގެ ޢައިދާ ރެފިއުޖީ ކޭމްޕުގައި ދިރިއުޅޭ 85 އަހަރުގެ ދާވޫދު ފަރަޖް ބުންޏެވެ. އޭނާ ރެފިއުޖީއެއްގެ ގޮތުގައި ޢައިދާ ރެފިއުޖީ ކޭމްޕުގައި ދިރިއުޅެން ފަށާފައި ވަނީ އުމުރުން އެންމެ 10 އަހަރުގައެވެ.

މި ކަމާ ގުޅިގެން ޔޫއެންއާރްޑަބްލިޔުއޭން އެދެނީ, އެ އިދާރާއަށް އެހީ ދިނުން ހުއްޓައިލުމަށް ނިންމި ޤައުމުތަކުން އެ ކަން މުރާޖަޢާ ކުރުމަށެވެ. އެ އިދާރާގެ އުންމީދަކީ ވެސް އެއީއެވެ. އަދި, އެހީ ދިނުން މުޅިން ހުއްޓައިލައިފި ނަމަ, ފެބުރުވަރީ މަސް ނިމުމުގެ ކުރިން ފައިސާ ހުސްވާނެ ކަމަށާއި, އެއަށްފަހު ފަލަސްޠީނުގައި ނިކަމެތި ހާލުގައި ދުވަސްތައް ތަޙައްމުލު ކުރަމުންދާ 2.3 މިލިޔަން މީހުންނަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދޭނެ އިތުރު ގޮތެއް ނޯންނާނެ ކަމުގައި އެ އިދާރާއިން ބުނެއެވެ.

"އަޅުގަނޑުމެންގެ ކުރިމަތީގައި އޮތީ ވަރަށް ބިރުވެރި, އަދި ނުރައްކާތެރި ހާލަތެއް. އަޅުގަނޑުމެން އިންސާނިއްޔަތަށް ޓަކައި ކުރަމުން މި ދާ މަސައްކަތްތައް ހުއްޓައިލަން ޖެހުމަކީ ބިރުވެރި ހުވަފެނެއްގެ ގޮތުގައި ވެސް ސިފަ ކުރެވިދާނެ. ޣައްޒާއިން އެކަންޏެއް ނޫން. އެހެން ހުރިހާ ސަރަޙައްދެއްގައި ވެސް މަސައްކަތްތައް ހުއްޓައިލަން ޖެހުމުގެ ފުރުޞަތު ބޮޑު،" އެ އިދާރާގެ ތަރުޖަމާނު ކާޛިމް އަބޫ ޚަލަފް ވިދާޅުވިއެވެ.