ޚަބަރު

ލ އަތޮޅުގެ ކައުންސިލަރުން ސީޝެލްސްއަށް ތަޖުރިބާ ދަތުރެއްކޮށްފި


ލ. އަތޮޅުގެ ރަށްރަށުގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމުގައި، ލެކްރެޑް ޕްރޮގްރާމްގެ ދަށުން ސީޝެލްސްއަށް ކުރި ދަތުރުގެ ތަޖުރިބާ ހިމަނުއްވާނެ ކަމަށް މި ދަތުރުގައި ބައިވެރިވި ބައެއް ކައުންސިލްތަކުން ބުނެފިއެވެ.

ލޯ އެމިޝަން ކްލައިމެޓް ރެސިލިއަންޓް ޑިވެލޮޕްމަންޓް ޕްރޮގްރާމް ނުވަތަ ލެކްރެޑް ޕްރޮގްރާމަކީ ޑެންމާކް ސަރުކާރުގެ ހިލޭ އެހީގެ ދަށުން، ދިވެހި ސަރުކާރާ ގުޅިގެން އދ.ގެ ހަތް އެޖެންސީއެއްގެ ބައިވެރިވުމާއެކު ހިންގާ ޕްރޮގްރާމެކެވެ. ޔޫއެންޑީޕީން ހިންގާ މި ޕްރޮގްރާމްގެ ދަށުން ލާމަރުކަޒީ ނިޒާމް ހިންގާ ބައްޓަންކުރުމުގައި ބޭނުންކުރުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށް މީހުން އަހުލުވެރިކުރެވޭނެއެވެ. މީގެއިތުރުން ލެކްރެޑް ޕްރޮގްރާމްގެ މަޤްޞަދުތައް ލާމަރުކަޒީ ނިޒާމްގެ ތެރެއަށް ގެނެވި، ކައުންސިލްތަކާއި ޖަމްޢިއްޔާތަކާއި އަމިއްލަ ފަރާތްތަކުގެ ބައިވެރިވުމާއި ގުޅުން އިތުރުކޮށް، ކަންކަން ރާވައި ހިންގުމުގައި ލެކްރެޑްގެ އަމާޒްތައް ޙާޞިލްކުރުމަށް އެހީތެރިވެދޭނެ ކަމަށް ޔޫއެންޑީޕީން މަޢުލޫމާތުދެއެވެ. މި ޕްރޮގްރާމް ރާއްޖޭގައި ފުރަތަމަ ތަޖުރިބާ ކުރަމުންދަނީ ލ. އަތޮޅުގައެވެ. މިގޮތުން މިޕްރޮގްރާމްގެ ދަށުން ތަޖުރިބާ ހޯދުމުގެ ގޮތުން ލ. އަތޮޅުގެ ބައެއް ކައުންސިލަރުން ވަނީ މިމަހުގެ ދިހައަކުން ސޯޅައަށް ސީޝެލްސްއަށް ދަތުރެއްކޮށްފައެވެ.

ސީޝެލްސްއަށް ކުރި ސްޓަޑީ ޓުއަރ އޮން ލޯކަލް ގަވަރނަރސްގެ ބޭނުމަކީ ދިވެހިރާއްޖެ ފަދަ އެހެން ޖަޒީރާ ޤައުމަކުގައި މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދިމާވާ އެކި އެކި މައްސަލަތަކަށް ހައްލު ހޯދުމަށް ލާމަރުކަޒީ ނިޒާމްގެ ތެރެއިން ރާވާ އަދި ޢަމަލުކުރާ ގޮތުގެ ތަޖުރިބާ ހޯދުންކަމަށް ޔޫއެންޑީޕީން ބުނެއެވެ. މި ދަތުރުގައި ބައިވެރިވި ލ. އަތޮޅު މާބައިދޫ ކައުންސިލްގެ ނައިބް ރައީސް ޢަލީ ފައިސަލް ވިދާޅުވީ، ރަށު ތަރައްޤީގެ ޕްލޭން އެކުލަވާލާއިރު މި ދަތުރުގެ ތަޖުރިބާގެ ބޭނުން ކުރައްވާނެކަމަށެވެ.

ލެކްރެޑްގެ ޔޫއެންޑީޕީ ޕްރޮޖެކްޓް އޮފިސަރ އަޙުމަދު މުޙައްމަދު ޝިހާބް ވިދާޅުވީ، މި ދަތުރުގައި ސީޝެލްސް ހިޔާރުކުރެވުނީ ރާއްޖެއާއި ސީޝެލްސްއާ އެއްގޮތް ކަންތައްތަކެއް ހުރުމުންކަމަށެވެ. އަދި މި ޕްރޮގްރާމްގެ ތަޖުރިބާއަށް ބެލުމަށްފަހު އިތުރު އަތޮޅުތަކުގައިވެސް މި ޕްރޮގްރާމް ހިންގުމަށް ހަމަޖެހިފައިވާކަމަށް ޝިހާބް ވިދާޅުވިއެވެ.

ފަސްދުވަހުގެ މި ދަތުރުގައި ލ. އަތޮޅުގެ އެކި ކައުންސިލްތަކުން ފަނަރަ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.