ފަލަސްޠީނުގެ ޣައްޒާގެ އެންމެ ދެކުނުން އޮންނަ ރަފަޙަށް ޔަހޫދީ ފައުޖުން އަރައި ލާއިންސާނީ ޢުދުވާންތައް ފުޅާކޮށްފި ނަމަ, ފަލަސްޠީނުގެ އެތަކެއް ހާސް ބަޔަކު ޝަހީދުވެގެން ދާނެ ކަމަށް ބުނެ, އދން ޔަހޫދީ އިސްރާއީލަށް އިންޒާރު ކޮށްފިއެވެ. އޮކްޓޫބަރު 7ން ފެށިގެން ޔަހޫދީ ފައުޖުން ދެމުންދާ ޙަމަލާތަކުން ސަލާމަތްވުމަށް, ޣައްޒާގެ އުތުރާއި މެދުތެރޭ ރަށްތަކުގައި ދިރިއުޅޭ 1.4 މިލިޔަނެއްހާ މީހުން ވަނީ ރަފަޙަށް ދަތުރު ކޮށްފައެވެ.
ނަމަވެސް, ޔަހޫދީ ފައުޖުން މިހާރު ދަނީ އެއްގަމު މަގުން ރަފަޙަށް އަރަން ތައްޔާރުވަމުންނެވެ. އަދި, އަސްކަރީ ޓޭންކުފަހަރު ބޭނުން ކޮށްގެން ޔަހޫދީ ފައުޖުން މިހާރު ވެސް ވަނީ ރަފަޙަށް ދެމުންދާ ޙަމަލާތައް އިތުރު ކޮށްފައެވެ. ޣައްޒާގައި ތިބި ޢާންމު ރައްޔިތުން އެހެން ސަރަޙައްދުތަކަށް ބަދަލު ކުރުމަށް ޔަހޫދީ ފައުޖުން ވަނީ އެހީދޭ ޖަމާޢަތްތަކަށް ގޮވައިލާފައެވެ. މި ކަމާ ދެކޮޅަށް އަޑު އުފުއްލަވާފައި ވަނީ އދގެ އިންސާނީ އެހީއާ ބެހޭ އިދާރާގެ އިސްވެރިޔާ މާޓިން ގްރިފިތްސްސެވެ.
"ރަފަޙަށް [ޔަހޫދީ ފައުޖުގެ] އަސްކަރީ އޮޕަރޭޝަން ފުޅާކޮށްފި ނަމަ, އެތަކެއް ހާސް ބަޔެއްގެ ފުރާނަ ގެއްލިގެން ދާނެ. ރަފަޙުގައި ތިބި ރައްޔިތުން ތިބީ ވަރަށް ނިކަމެތި ހާލަތެއްގައި. ޢުދުވާންތައް ރަފަޙަށް ފުޅާ ކުރުމާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުމަތަޢުން ދަނީ އަޑު އުފުލަމުން. [ޒަޔަނިސްޓު] އިސްރާޢީލުގެ ސަރުކާރުން އެ ގޮވައިލުންތަކަށް ބީރު ކަންފަތެއް ދީގެން ނުވާނެ،" ގްރިފިތްސް ވިދާޅުވިއެވެ.
ޣައްޒާގައި ހިންގަމުންދާ ޢުދުވާންތަކާ އެކު ޔަހޫދީން ވަނީ އެ ސަހަރަށް ކާބޯތަކެއްޗާއި ބޯފެނުގެ އިތުރުން ޒަރޫރީ ސާމާނު އެތެރެ ކުރުމަށް ވެސް ހުރަސް އަޅާފައެވެ. މިއާ އެކު, ޣައްޒާގެ ރައްޔިތުންނަށް ވަނީ ހައިހޫނު ކަމާ ކުރިމަތިލާން ޖެހިފައެވެ. މި ކަމުގެ އަސަރު އެންމެ ބޮޑަށް ކުރަމުން ދަނީ ޣައްޒާގެ މައުސޫމު ކުޑަކުދިންނަށެވެ.
"ރަފަޙްގައި ތިބި ރައްޔިތުންގެ ކުރިމަތީގައި މަރު ނޫން އެހެން އެއްޗެއް ނެތް. ބަނޑުފުރާނަ މުއްތި ކުރަން ހުރީ މަދު ކާއެތިކޮޅެއް. ޞިއްޙީ ފަރުވާ ހޯދޭން މަގެއް ނެތް. ނިދާނެ ތަނެއް ނެތް. ރައްކާތެރި އެއްވެސް ގޮތެއް ވެސް ތަނެއް ވެސް ނެތް. ޣައްޒާގައި އިންސާނިއްޔަތަށް ޓަކައި އަޅުގަނޑުމެން ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައި،" ގްރިފިތްސް ވިދާޅުވިއެވެ.
ފާއިތުވި 24 ވަރަކަށް ގަޑިއިރުގެ ތެރޭގައި ޔަހޫދީ ފައުޖުން ޣައްޒާއަށް ދީފައިވާ ޙަމަލާތަކުގައި 133 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. މިއާ އެކު, އޮކްޓޫބަރު 7ގެ ފަހުން ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 28,473 އަށް އުފުލިފައެވެ. މީގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 68,000 އަށް އަރައެވެ.