ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޣައްޒާގެ އަލްނާޞިރު ހަސްފަތާލަށް ދެމުންދާ މެދުކެނޑުމެއް ނެތް ޙަމަލާތަކާ ގުޅިގެން އެ ތަން ހުސްކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އަލްނާޞިރު ހަސްފަތާލަކީ ޣައްޒާގެ ދެކުނުގައި އޮންނަ ޚާން ޔޫނިސްގައި ހުންނަ މައި ހަސްފަތާލެވެ. ޔަހޫދީ ފައުޖުން ވަނީ ބަރު ހަތިޔާރާ އެކު އެ ހަސްފަތާލު ވަށައިލާފައެވެ. އަދި, އެ ތަން ވަނީ އެކަހެރި ކޮށްލާފައެވެ.
ޔަހޫދީންގެ ޙަމަލާތަކާ ގުޅިގެން ފުރާނައަށް ނުރައްކާވެފައިވާތީ, އަލްނާޞިރު ހަސްފަތާލުގައި ހިމާޔަތް ހޯދަމުން ދިޔަ ފަލަސްޠީނުގެ ޢާންމުންގެ ގިނަ ޢަދަދެއްގެ ބަޔަކު އެ ތަން ދޫކޮށް ދާން ފަށާފައިވާ ކަމުގައި, އެ ތަނުގައި މަސައްކަތް ކުރާ ޞިއްޙީ ޚިދުމަތްތެރިން ބުނެއެވެ. ދައުރުވަމުންދާ ވީޑިޔޯތަކުން ވެސް ފެންނަނީ, ޔަހޫދީންގެ ޙަމަލާތައް މެދުކަނޑައިލާ ވަގުތުތަކުގައި, ގިނަ ޢަދަދެއްގެ ބަޔަކު ހަސްފަތާލު ދޫކޮށް ދާން މަސައްކަތް ކުރާ މަންޒަރެވެ. އޭގެ ތެރެއިން ގިނަ މީހުން ފެންނަނީ އަމާންދިދަ ހިފައިގެން ތިބި މަންޒަރެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޢުދުވާނުގައި އެ ސަހަރުގެ ޞިއްޙީ ނިޒާމު ވަނީ ނެތިކޮށްލާފައެވެ. މިހާރު ޞިއްޙީ ފަރުވާ ފޯރުކޮށްދެމުން ދަނީ މަދު ޢަދަދެއްގެ ހަސްފަތާލެއްގައެވެ. ޔަހޫދީންގެ ރަޙުމު ކުޑަ ޙަމަލާތަކުގައި ގެއްލުންވެ, ގިނަ ހަސްފަތާލުތައް ވަނީ ބަންދު ކޮށްފައެވެ. މިހާރު ޚިދުމަތްދޭ ހަސްފަތާލުތަކުން ވެސް ޞިއްޙީ ފަރުވާއަށް ބޭނުންވާ ސާމާނު ވަނީ ހުސްވެފައެވެ. ބައެއް ހަސްފަތާލުތަކުގެ ތެރެއަށް ޔަހޫދީ ފައުޖުން ވަދެ, ޢުދުވާން ހިންގައި, ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަން ފާހަގަ ކުރަން ޖެހެއެވެ.
މިހާރު ޔަހޫދީ ފައުޖުގެ ޙަމަލާތައް އެންމެ ވަރުގަދަ ކޮށްފައި ވަނީ ޚާން ޔޫނިސްގައެވެ. އެ ރަށުގައި ޔަހޫދީ ފައުޖުން ދަނީ އަސްކަރީ ޓޭންކުފަހަރު ފަދަ ބަރު ހަތިޔާރާ އެކު ޙަރަކާތްތެރިވަމުންނެވެ. ޚާން ޔޫނިސަށް ފަހު, އެ ރަށުގެ ދެކުނުން އޮތް ރަފަޙަށް އަރައި, ޢުދުވާންތައް ފުޅާ ކުރާނެ ކަމުގެ އިންޒާރު ޔަހޫދީ ފައުޖުން ވަނީ ދީފައެވެ. ރަފަޙްގައި މިހާރު 1.4 މިލިޔަނަށް ވުރެ ގިނަ ރެފިއުޖީން އެބަތިއްބެއެވެ.
ޚާން ޔޫނިސްގެ އަލްނާޞިރު ހަސްފަތާލު ދޫކޮށް ގިނަ ޢަދަދެއްގެ ބަޔަކު އެހެން ސަރަޙައްދުތަކަށް ދަތުރު ކުރަން ފަށާފައި ވަނީ, އެ ހަސްފަތާލު ހުސް ކުރަން ޔަހޫދީ ފައުޖުން ޢަމުރެއް ނެރުނުތާ މަހެއްހާ ދުވަސް ފަހުންނެވެ. ނަމަވެސް, އެ ތަން ހުސް ކުރުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމުގައި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން އެހީދޭ ޖަމުޢިއްޔާތަކުން ވެސް ވަނީ ބުނެފައެވެ. ސަބަބަކީ, އެ ތަނުގައި ތިބި ބަލިމީހުން އެހެން ތަނަކަށް ގެންދެވެން ނެތުމާއި, އެ ތަނުގެ ތެރޭގައި އެތަކެއް ހާސް ޢާންމު ރައްޔިތުން ތިބުމެވެ.
ޔަހޫދީ ފައުޖުން މިހާރު ދަނީ އަލްނާޞިރު ހަސްފަތާލު ދޫކޮށް ނުކުންނަ މީހުންނަށް ސްނައިޕަރ ބަޑީގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ, ހުސްވި ހަފުތާއެއްހާ ދުވަހުގެ ތެރޭގައި އަލްނާޞިރު ހަސްފަތާލު ކައިރީގައި ސްނައިޕަަރ ބަޑިން ޙަމަލާދީ 10 މީހުން ޝަހީދު ކޮށްލާފައިވާ ކަމުގައެވެ. އެ އެންމެން ވެސް ޝަހީދު ކޮށްލާފައި ވަނީ ހަސްފަތާލުގެ ގޯތިތެރޭގައި ތިއްބައެވެ.
އަލް-ނާޞިރު ހަަސްފަތާލުގައި ތިބި 450 އަށްވުރެ ގިނަ ބަލި މީހުންނަށް ފަރުވާ ދިނުމަށް 300 އެއްހާ ޞިއްޙީ ޚިދުމަތްތެރިން ދަނީ މަސައްކަތް ކުރަމުންނެވެ. އަދި, އެ ތަނުގައި 10,000 އަށްވުރެ ގިނަ ޢާންމު ރައްޔިތުން ދަނީ ދިރިއުޅެމުންނެވެ. އެއީ, ޣައްޒާގެ އުތުރުގެ ރަށްތަކަށް ޔަހޫދީ ފައުޖުން ދިން ޙަމަލާތަކުން ސަލާމަތްވުމަށް, ޚާން ޔޫނިސަށް ދަތުރު ކުރި މީހުންނެވެ.