ފަލަސްޠީނުގެ ޣައްޒާގެ ޚާން ޔޫނިސްގައި ހުންނަ އަލްނާޞިރު ހަސްފަތާލަށް ޔަހޫދީ ފައުޖުގެ ސިފައިން ސްނައިޕަރ ބަޑި ބޭނުން ކޮށްގެން ދިން ޙަމަލާތަކެއްގައި ފަލަސްޠީނުގެ ޢާންމުންގެ ތިން މީހުން ޝަހީދު ކޮށްލައިފިއެވެ.
ފަލަސްޠީނުގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނީ ސްނައިޕަރ ބަޑިން ޔަހޫދީ ފައުޖުން ދީފައިވާ ޙަމަލާތަކުގައި އިތުރު 10 މީހުން ޒަޚަމު ކޮށްލާފައިވާ ކަމުގައެވެ. ޔަހޫދީ ސިފައިން އެ މީހުން ޙަމަލާ ދީފައި ވަނީ ހަސްފަތާލުގެ ގޯތިތެރޭގައި ތިއްބައެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ޣައްޒާގައި ފެށި ޢުދުވާނުގެ ދަށުން މިހާރު އެންމެ ވަރުގަދަ ޙަމަލާތަކެއް ދެމުން ދަނީ ޚާން ޔޫނިސަށެވެ. އެ ރަށުގައި ޔަހޫދީ ފައުޖުގެ ސިފައިން ދަނީ ބަރު ހަތިޔާރާ އެކު ޙަރަކާތްތެރިވަމުންނެވެ. އަދި, އެ މީހުން ވަނީ އަލްނާޞިރު ހަސްފަތާލު ވަށައިލައި އެ ތަނުން ވަދެނިކުމެވާ ޢާންމުންނަށް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ.
އަލްނާޞިރު ހަސްފަތާލަށް ޔަހޫދީން ދެމުންދާ ޙަމަލާތަކާ ގުޅިގެން, އެ ތަނުން ހިމާޔަތް ހޯދަމުންދާ 10,000އަށްވުރެ ގިނަ ޢާންމުންނަށް ވަނީ އެ ތަން ދޫކޮށް އެހެން ސަރަޙައްދަކަށް ބަދަލުވުމަށް މަޖުބޫރުވެފައެވެ. އެއީ, ޣައްޒާގެ އުތުރަށް ދެމުންދާ ޙަމަލާތަކުން ސަލާމަތް ވާން ޚާން ޔޫނިސަށް ދަތުރުކުރި މީހުންނެވެ. އަލްނާޞިރު ހަސްފަތާލަށް ޔަހޫދީ ފައުޖުން ވަރުގަދަ ޙަމަލާތަކެއް އަމާޒު ކުރަނީ ޚާން ޔޫނިސްގެ ދެކުނުން އޮންނަ ރަފަޙަށް އަރައި ޢުދުވާންތައް ފުޅާ ކުރަން ތައްޔާރު ވަމުންދާ ދަނޑިވަޅެއްގައެވެ.
ރަފަޙްގައި މިހާރު 1.4 މިލިޔަނަށްވުރެ ގިނަ މީހުން ރެފިއުޖީންގެ ގޮތުގައި ދިރިއުޅެމުން ދެއެވެ. އެ މީހުން ދިރިއުޅެމުން ދަނީ ޓެންޓުތަކާއި ވަގުތީ ހިޔާތަކުގައި ވަރަށް ނިކަމެތި ހާލުގައެވެ. ރަފަޙަށް އަރައި ޢުދުވާންތައް ފުޅާކޮށްފި ނަމަ, އެތަކެއް ހާސް ބަޔަކު ޝަހީދުވާނެ ކަމުގައި އދގެ އިތުރުން އެހީދޭ ޖަމާޢަތްތަކުން ވެސް ދަނީ ބުނަމުންނެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 28,576 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 68,291 އަށް އަރައެވެ.