ޚަބަރު

150 އަހަރަށް ފަހު އެމެރިކާގައި ފުރަތަމަ ފަހަރަށް ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފި


އެމެރިކާގެ ހޯމްލޭންޑް ސެކިޔުރިޓީ ވަޒީރު އަލެހަންދްރޯ މަޔޮރްކަސަށް އިތުބާރު ނެތް ކަމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސްގެ ތިރިގެ, ހައުސް އޮފް ރެޕްރެޒެންޓެޓިވްސުން ފާސްކޮށްފިއެވެ.

އެމެރިކާގެ މައި އިދިކޮޅު ޕާޓީ, ރިޕަބްލިކަންސްގެ އަޢުލަބިއްޔަތު އޮތް ހައުސްގައި ނެގި ވޯޓުން މަޔޮރްކަސަށް އިތުބާރު ނެތް ކަމަށް ފާސް ކުރެވުނީ އެންމެ ވޯޓެއްގެ ތަފާތުންނެވެ. މަޔޮރްކަސްގެ އިތުބާރު ނެތް ކަމަށް ހައުސްގެ 214 މެންބަރުން ތާޢީދު ކުރިއެވެ. ނަމަވެެސް, އޭނާ މަޤާމުގައި ބަހައްޓަން 213 މެންބަރުން ވޯޓުލިއެވެ. އަދި, ރިޕަބްލިކަން ޕާޓީގެ ތިން މެންބަރަކު ޕާޓީގެ ނިންމުމާ ދެކޮޅަށް ވޯޓު ލާފައިވެއެވެ.

މަޔޮރްކަސްގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފައި ވަނީ, އިމިގްރޭޝަނާ ގުޅޭ ޤާނޫނުތައް ތަންފީޒު ކުރުމަށް އޭނާ ނުކުޅެދިފައިވާ ކަމަށް ބުނެއެވެ. އެ ކަމާ ގުޅިގެން އެމެރިކާއަށް ނުޤަވާޢިދުން އެތެރެވާ މީހުންގެ ޢަދަދު އިތުރުވެފައިވާ ކަމަށް ރިޕަބްލިކަން ޕާޓީން ގަބޫލު ކުރެއެވެ. އަދި, ކޮންގްރެސްގައި އިތުރުފުޅު ހެއްދެވި ކަމަށް ވެސް އޭނާގެ މައްޗަށް ވަނީ ތުހުމަތު ކުރެވިފައެެވެ.

އެއީ ފާއިތުވި 150 އަހަރުގެ ތެރޭގައި އެމެރިކާ ސަރުކާރުގެ ވަޒީރެއްގެ އިތުބާރު ނެތް ކަމަށް ހައުސުން ފާސްކޮށްފައިވާ ފުރަތަމަ ފަހަރެވެ. މަޔޮރްކަސްގެ އިތުބާރު ނެތް ކަަމަށް ހައުސުން ފާސްކުރި ނަމަވެސް, ކޮންގްރެސްގެ މަތިގެ, ސެނެޓުން މި ކަން ފާސްކުރާނެ ކަމަކަށް ނުބެލެވެއެވެ. ސެނެޓުގައި ރައީސް ޖޯ ބައިޑަންގެ ޑިމޮކްރެޓިކް ޕާޓީ ތަމްސީލު ކުރައްވާ މެޖޯރިޓީ ލީޑަރު ޗަކް ޝޫމަރ ވިދާޅުވީ, ފެބުރުވަރީ 26ގައި ސެނެޓު ޗުއްޓީއިން އެނބުރި އައުމުން އެ ކަމާ މެދު ގޮތެއް ނިންމާނެ ކަމުގައެވެ. ސެނެޓުގެ މެޖޯރިޓީ އޮތީ ޑިމޮކްރެޓިކް ޕާޓީއަށެވެ.

2021 ވަނަ އަހަރު ރައީސް ކަމުގެ މަޤާމާ ބައިޑަން ހަވާލުވެ ވަޑައިގަތް ފަހުން, އެމެރިކާގެ ސަރަޙައްދީ ރޮނގު ހުރަސްކޮށް މެކްސިކޯގެ ގިނަ ޢަދަދެއްގެ ބަޔަކު ނުޤަވާޢިދުން އެ ޤައުމަށް އެތެރެވެފައިވެއެވެ. މި އަހަރު އެމެރިކާގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަން އިޢުލާނު ކުރައްވާފައިވާ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް ގެންދަވަނީ އެ ކަމާ ދެކޮޅަށް އަޑު އުފުއްލަވަމުންނެވެ. ރިޕަބްލިކަން ޕާޓީގެ ކެނޑިޑެސީ ހޯއްދެވުމަށް ޓްރަމްޕް ކުރައްވަމުން ގެންދަވާ ކެމްޕޭންގެ މައި އެއް ތަނބަށް އޭނާ ވަނީ އެ މައްސަލަ ހައްދަވާފައެވެ.

ނުޤަވާޢިދުން އެމެރިކާއަށް އެތެރެވާ މީހުންގެ މައްސަލައަކީ, އެ ޤައުމުގެ ރައްޔިތުން މިހާރު ދެވަނައަށް އެންމެ ކަންބޮޑުވާ މައްސަލަ ކަމުގައި ޚިޔާލު ހޯދުމުގެ ޕޯލްތަކުން ދައްކައެވެ. ރޮއިޓަރސް އަދި އިޕްސޮސް ގުޅިގެން ހުސްވި ޖަނަވަރީ މަހު ނެގި ޕޯލެއްގެ ބައިވެރިންގެ ތެރެއިން އެންމެ ގިނަ ޢަދަދެއްގެ ބަޔަކު އެންމެ ބޮޑަށް ކަންބޮޑުވާ މައްސަލައަކީ އެ ޤައުމުގެ އިޤުތިޞާދީ ހާލަތެވެ.