ޔަހޫދީ ފައުޖުން ޣައްޒާގެ ރަފަޙަށް އެއްގަމު މަގުން އަރައި ލާއިންސާނީ ޢުދުވާންތައް ފުޅާ ކުރުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ދެކުނު އެފްރިކާއިން އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ގައި އެދުމުން, އެ ފަދަ އަމުރެއް ނެރެދިނުމާ ދެކޮޅަށް ޔަހޫދީން ވަކާލާތު ކުރަން ފަށައިފިއެވެ. މި ކަން ހާމަވެފައި ވަނީ, އައިސީޖޭ ނުވަތަ ދުނިޔޭގެ ކޯޓުން ޢާންމު ކޮށްފައިވާ ލިޔެކިޔުންތަކުންނެވެ.
އައިސީޖޭއަށް ޔަހޫދީން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި ބުނެފައި ވަނީ އެ ކޯޓުން މީގެ ތިން ހަފުތާ ކުރިން ނެރެފައިވާ އަމުރުގައި ޣައްޒާގެ މައްސަލައަށް އަލިއަޅުވައިލާފައިވާ ކަމުގައެވެ. އަދި, ރަފަޙާ ގުޅޭ ގޮތުން އިތުރު އަމުރެއް ނެރުމުގެ ބޭނުމެއް އޮތް ކަމަށް ނުފެންނަ ކަމަށް ބުނެ, ދެކުނު އެފްރީކާގެ ހުށަހެޅުން ބަލައިނުގަތުމަށް ޔަހޫދީން ވަނީ ވަކާލާތު ކޮށްފައެވެ.
އައިސީޖޭން ހުސްވި މަހު ނެރުނު އަމުރުގައި, ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގަމުންދާ ކަމަށް ކަނޑައަޅައި, އެ ފަދަ އަމަލުތައް ހިންގުން ހުއްޓައިލުމަށް އަމުރު ކުރިއެވެ. ނަމަވެސް, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލަން އަމުރު ކޮށްފައެއް ނުވެއެވެ. ދެކުނު އެފްރިކާއިން ދުނިޔޭގެ ކޯޓަށް އައު މައްސަލައެއް ހުށަހަޅާފައި މި ވަނީ, ރަފަޙަށް ޔަހޫދީ ސިފައިން އަރައި އެތައް ހާސް ބަޔަކު ޝަހީދު ކުރުން ހުއްޓުވުމުގެ ބޭނުމުގައެވެ.
ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް ދަނީ, ރަފަޙަށް އެއްގަމު އަރައި ޢުދުވާންތައް ފުޅާ ކުރުމާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އދއާއި އެހީދޭ ޖަމުޢިއްޔާތަކުން ވެސް ބުނަމުން ދަނީ, ޔަހޫދީ ފައުޖުން ރަފަޙަށް އަރައިފި ނަމަ, ފަލަސްޠީނުގެ ޢާންމު ރައްޔިތުންގެ ތެރެއިން އެތަކެއް ހާސް ބަޔަކު ޝަހީދުވާނެ ކަމުގައެވެ. ނަމަވެސް, މި ގޮވައިލުންތަކަށް ޔަހޫދީ ފައުޖުން ދަނީ ބީރުކަންފަތެއް ދެމުންނެވެ.
ރަފަޙްގައި މި ވަގުތު ފަލަސްޠީނުގެ 1.4 މިލިޔަނެއްހާ މީހުން ދަނީ ދިރިއުޅެމުންނެވެ. އޭގެ ތެރޭގައި ގިނައީ, ޣައްޒާގެ އުތުރުގައިވާ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުން ދިޔަ ޙަމަލާތަކުން ސަލާމަތްވާން ރަފަޙަށް ދަތުރު ކުރި މީހުންނެވެ. އެ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކާއި ޓެންޓުތަކުގައި ވަރަށް ނިކަމެތި ހާލުގައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 28,775 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 68,552 އަށް އަރައެވެ.