ޣައްޒާގައި މި ވަގުތު ޚިދުމަތްދެމުންދާ އެންމެ ބޮޑު ހަސްފަތާލު ކަމުގައިވާ ޚާން ޔޫނިސްގައިވާ އަލް-ނާޞިރު ހަސްފަތާލަށް ޔަހޫދީ ސިފައިން ރޭޑު ޖަހައި, އެ ތަނުގެ ތެރޭގައި ޢުދުވާން ހިންގަން ފަށައިފިއެވެ. މި ޢުދުވާނާ އެކު, ހަސްފަތާލުގައި ތިބި ބަލިމީހުންނާއި ޞިއްޙީ ޚިދުމަތްތެރިންގެ އިތުރުން އެ ތަނުގައި ރައްކާތެރިކަން ހޯދަމުންދާ ޢާންމު ރައްޔިތުންގެ ވަނީ ގޮތް ހުސްވެފައެވެ. އަދި, އެ މީހުންގެ ހާލަތާ މެދު ވަނީ ސުވާލު އުފެދިފައެވެ.
އަލް-ނާޞިރް ހަސްފަތާލާ ރޭޑު ޖެހުމަށް ފަހު, ޔަހޫދީ ފައުޖުން ވަނީ އެ ތަނުން ކަރަންޓުގެ ޚިދުމަތް ވެސް ކަނޑައިލާފައެވެ. މިއާ އެކު, ވެންޓިލޭޓަރު ފަދަ އާލާތްތައް ބޭނުން ކޮށްގެން ފަރުވާ ކުރަމުން ދިޔަ ބަލި މީހުންގެ ތެރެއިން ފަސް މީހުން ޝަހީދުވެފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ބުނެއެވެ. އެ މީހުން ޝަހީދުވީ, އޮކްސިޖަން ކަނޑައިލުމުން ކަމުގައި ޞިއްޙީ ވުޒާރާގެ އޮފިޝަލުން ބުނެއެވެ.
"ހަސްފަތާލުގައި ކަރަންޓެއް ނެތް. ފެނެއް ނެތް. ކާބޯތަކެއްޗެއް ނެތް. [ޔަހޫދީ ފައުޖުން ރޭޑުޖެހި ވަގުތު] ހަސްފަތާލުގައި ތިބި ދެ މާބަނޑު މީހަކު ވަނީ ވިހާފައި. އެ މީހުންގެ ދަރިންގެ ފުރާނަ ސަލާމަތް ކޮށްދެވޭނެ ގޮތެއް ނެތް،" ޣައްޒާގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވިއެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވަނީ އަލް-ނާޞިރު ހަސްފަތާލުގައި ތިބި ޑޮކްޓަރުންނާ މުވާސަލާތު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމުގައެވެ. އެ ޖަމުޢިއްޔާގެ ތަރުޖަމާނު ޠާރިޤް ޔަސަރެވިޗް ވިދާޅުވީ, އެ ހަސްފަތާލުގައި ގިނަ ޢަދަދެއްގެ ބަލި މީހުން ތިބި ކަމަަށާއި, އޭގެ ތެރެއިން ގިނަ ޢަަދަދެއްގެ ބަލި މީހުންގެ ހާލަތު ސީރިޔަސް ކަމުގައެވެ. އަދި, އެ ތަނަށް ކަރަންޓުގެ ޚިދުމަތް ދިނުމަށް ބޭނުންވާ ތެޔޮ ހުސްވެފައިވާ ކަމަށާއި, އެ ތަނަށް ތެޔޮ ފޯރުކޮށްދޭން މަސައްކަތް ކުރަމުންދާ ކަމުގައެވެ.
އަލް-ނާޞިރު ހަސްފަތާލަށް ޔަހޫދީ ސިފައިން ރޭޑު ޖަހާފައި ވަނީ, ޙަމާސް ޖަމާޢަތުން ރަހީނު ކޮށްފައިވާ ޔަހޫދީ އަސީރުންގެ ތެރެއިން ބަޔަކު އެ ތަނުގައި ފޮރުވާފައި ތިބި ކަމަށް ބުނެއެވެ. އެ ތަނަށް ވަދެ, 20 މީހަކު ހައްޔަރު ކޮށްގެން ގެންގޮސްފައިވާ ކަމުގައި ޣައްޒާގެ އޮފިޝަލުން ވިދާޅުވިއެވެ. އެ ހަސްފަތާލުގައި ފަލަސްޠީނުގެ ޢާންމުންގެ 10,000 އެއްހާ މީހުން ތިބި ކަމަށް ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ.
ޔަހޫދީ ފައުޖުގެ އެންމެ ވަރުގަދަ ޙަމަލާތައް މި ވަގުތު ދެމުން ދަނީ ޚާން ޔޫނިސަށެވެ. މަންޒަރު ފެނުނު މީހުން ބުނީ, އެ ރަށުގެ ސްކޫލްތަކާއި, ޔުނިވަރސިޓީތަކާއި, ސަރުކާރު ޢިމާރާތްތަކާއި މިސްކިތްތަކަށް ޔަހޫދީ ފައުޖުން މެދުކެނޑުމެއް ނެތި ޙަމަލާ ދެމުންދާ ކަމުގައެވެ. އެ ތަންތަނުގައި އެތަކެއް ހާސް ބަޔަކު ދަނީ ބޯހިިޔާވަހިކަން ހޯދަމުންނެވެ.
ޚާން ޔޫނިސްގެ ދެކުނުން އޮތް ރަފަޙަށް އެއްގަމު މަގުން އަރައި ޢުދުވާންތައް ފުޅާ ކުރަން ޔަހޫދީ ފައުޖުން މިހާރު ދަނީ ތައްޔާރުވަމުންނެވެ. އެ ރަށުގައި ފަލަސްޠީނުގެ ޢާންމުންގެ 1.4 މިލިޔަނަށް ވުރެ ގިނަ މީހުން މި ވަގުތު އެބަތިއްބެވެ. އެ ރަށަށް ޔަހޫދީންގެ ޢުދުވާން ފުޅާކޮށްފި ނަމަ, އެތަކެއް ހާސް ބަޔަކު ޝަހީދުވާނެ ކަމަށް ބުނެ, އދއާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ދަނީ އެ ކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.
ޔަހޫދީ ފައުޖުން މިހާރު ވެސް ދަނީ ރަފަޙަށް ވައިގެ ޙަމަލާތައް އަމާޒު ކުރަމުންނެވެ. ރަފަޙުގައި ޢާންމުން ދިރިއުޅޭ ދެ ގެއަކަށް ޔަހޫދީ ފައުޖުގެ އަސްކަރީ މަތިންދާބޯޓުތަކުން ބޮންއަޅައި, އެ ދެ ޢިމާރާތުގައި ދިރިއުޅެމުން ދިޔަ ޢާއިލާތަކުގެ 10 މެންބަރުން ޝަހީދު ކޮށްލާފައިވާ ކަމުގައި ޣައްޒާގެ ޞިއްޙީ ވުޒާރާއިން ބުނެއެވެ. އެ ޙަމަލާތަކުގައި އިތުރު ބަޔަކު ވަނީ ޒަޚަމު ކޮށްލާފައެވެ.
އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 28,775 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 68,552 އަށް އަރައެވެ.