ޚަބަރު

ޖަލުގައި ހުންނެވި ރަޝިޔާގެ އިދިކޮޅު ލީޑަރު އަވަހާރަވެއްޖެ


ދިގު މުއްދަތުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށް ރަޝިޔާގެ އިދިކޮޅު ލީޑަރު އަލެކްސީ ނަވާލްނީ އަވަހާރަވެއްޖެއެވެ. އޭނާ އަވަހާރަވީ, 'ޕޯލާ ވުލްފް'ގެ ނަން ދީފައިވާ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށެވެ. 47 އަހަރުގެ ނަވާލްނީ ކުއްލި ގޮތަކަށް އަވަހަރާވެފައިވާ ކަން ހާމަކޮށްފައި ވަނީ ރަޝިޔާގެ ޖަލުތަކާ ބެހޭ އިދާރާއިންނެވެ.

ކުރިން ޤާނޫނީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވާފައިވާ ނަވާލްނީއަކީ ރައީސް ވްލަޑިމިޔަރ ޕުޓިންއާ ދެކޮޅު, އަދި ޕުޓިންގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވާ ބޭފުޅެކެވެ. އޭނާ ތުހުމަތު ކުރައްވާ ގޮތުގައި, ޕުޓިންގެ ސަރުކާރަކީ ކޮރަޕްޝަންގެ އަމަލުތައް ހިންގާ ވަގުންނާއި ކުށްވެރިންނަށް ވާގިވެރިވާ ސަރުކާރެކެވެ.

ރަޝިޔާގެ ޖަލުތަކާ ބެހޭ އިދާރާއިން ބުނީ, ނަވާލްނީ އަވަހާރަވީ ހިނގައިލަން އުޅުއްވި ވަގުތެއްގައި ކުއްލި ގޮތަކަށް ބަލިވެގެން ކަމުގައެވެ. އަދި, ޚަބަރު ހުސްވެގެން ވެއްޓުމުން, އޭނާގެ ފުރާނަ ސަލާމަތް ކުރަން މަސައްކަތް ކޮށްފައިވާ ކަމަށާއި, ނަމަވެސް އޭނާ އަވަހާރަވެފައިވާ ކަމުގައި އެ އިދާރާއިން ނެރުނު ބަޔާނެއްގައި ބުންޏެވެ. އޭނާ އަވަހާރަވެފައި ވަނީ ކޮން ސަބަބަކާ ގުޅިގެން ކަން އަދި ސާފެއް ނޫނެވެ.

ކްރެމްލިނުން ބުނީ, ނަވާލްނީ އަވަހާރަވެފައިވާ ކަން ޕުޓިންއަށް އަންގާފައިވާ ކަމުގައެވެ. އޭނާގެ މަރާ ގުޅިގެން, ހުޅަނގުން ވަނީ އެއްވެސް ހެއްކަކާ ނުލައި ޕުޓިންއަށް ތުހުމަތުގެ އިނގިލި ދިއްކުރަން ފަށާފައެވެ. ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި, ނަވާލްނީގެ މަރުގެ ޒިންމާ ޕުޓިން އުފުއްލަަވަން ޖެހިވަޑައިގަންނަވާނެއެވެ. މި ތުހުމަތުއް ފެތުރުމުގެ އަޑީގައި އޮތީ އެމެރިކާއެވެ.

ނަވާލްނީއަށް ތާޢީދު ކުރާ މީހުން ބުނީ, އޭނާ އަވަހާރަވެފައިވާ ކަން ކަށަވަރު ކުރެވިފައި ނުވާ ކަމުގައެވެ. އަދި, އޭނާ އަވަހާރަ ކޮށްލާފައިވާ ކަމަށް ބެލެވޭ ކަމުގައި ވެސް އޭނާއަށް ތާޢީދު ކުރާ މީހުން ބުނެއެވެ. ނަވާލްނީގެ ތަރުޖަމާނު ކީރާ ޔަރްމުޝް ވެސް ވިދާޅުވީ, އޭނާ އަވަހާރަވެފައިވާ ކަން ކަށަވަރު ކުރެވިފައި ނުވާ ކަމަށާއި, އެ ކަން ކަށަވަރު ކުރުމަށް ނާވަލްނީގެ ޤާނޫނީ ވަކީލު އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދެވި ޖަލަށް ވަޑައިގަންނަވާނެ ކަމުގައެވެ.

"އަޅުގަނޑަށް ގަބޫލު ކުރެވޭ ގޮތުގައި ނަވާލްނީ އަވަހާރަވީ, ޖަލުގައި ތަޙައްމުލު ކުރަން ޖެހިވަޑައިގަތް ހާލަތާ ގުޅިގެން،" ނޮބެލް ސުލްޙައިގެ އިނާމު ހާސިލު ކުރައްވާފައިވާ ރަޝިޔާގެ ނޫހެއްގެ އެޑިޓަރެއް ކަމުގައިވާ ދްމިތްރީ މުރާތޮފް ވިދާޅުވިއެވެ. ނަވާލްނީގެ އިސް މުޝީރު, ލިއޮނިދް ވޯލްކޮފް ވިދާޅުވީ, އޭނާ އަވަހާރަ ކޮށްލާފައިވާ ކަމަށް އެއްބަސްވެ, ރަޝިޔާގެ އިދާރާތަކުން ބަޔާނެއް ނެރެފައިވާ ކަމުގައެވެ. ނަވާލްނީ އަވަހާރަވެފައި ވަނީ 30 އަހަރު ދުވަހުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވަނިކޮށެވެ.

ނަވާލްނީ އަވަހާރަ ކޮށްލަން މީގެ ކުރިން ވެސް މަސައްކަތް ކޮށްފައިވެއެވެ. 2021 ވަނަ އަހަރު ޒަހަރު ދީގެން އޭނާ އަވަހާރަ ކޮށްލަން މަސައްކަތް ކޮށްފައިވާއިރު, ޖަރުމަނު ވިލާތުން ފަރުވާ ހޯއްދެވުމަށް ފަހު އޭނާ ވަނީ ރަޝިޔާއަށް އެނބުރި ވަޑައިގަންނަވާފައެވެ. އޭނާއަށް ޒަހަރު ދީފައި ވަނީ 2020 ވަނަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. ނަމަވެސް, އޭނާ އަވަހާރަ ކޮށްލަން މަސައްކަތް ކޮށްފައިވާ ކަމަށް ކުރެވުނު ތުހުމަތުތައް ކްރެމްލިނުން ވަނީ ދޮގު ކޮށްފައެވެ.

ޕުޓިންގެ މައްޗަށް ނަވާލްނީ ކުރައްވާ ކޮރަޕްޝަންގެ ތުހުމަތުތައް ވެސް ކްރެމްލިނުން ދޮގު ކުރެއެވެ. ޖަލު ހުކުމް އިއްވުމުގެ ކުރިން, ނަވާލްނީ ހުންނެވީ ގޭބަންދުގައެވެ. އަދި, އޭނާއަށް ތާޢީދު ކުރާ ގިނަ ޢަދަދެއްގެ ބަޔަކު ވަނީ އަމިއްލަ އަރުވައިލެވިގެން ރަޝިޔާ ދޫކޮށް ވިލާތުގެ ޤައުމުތަކަށް ހިޖުރަ ކޮށްފައެވެ.

ރަޝިޔާގެ ސަރުކާރުން ގަބޫލު ކުރާ ގޮތުގައި, ނާވަލްނީއަކީ އެމެރިކާގެ ޖާސޫސީ އިދާރާ, ސެންޓްރަލް އިންޓެލިޖެންސް އޭޖެންސީ (ސީއައިއޭ)ން ރަޝިޔާގެ ސަރުކާރާ ދެކޮޅަށް ނެރެފައިވާ މީހެކެވެ. އަދި, އޭނާ ރަޝިޔާގެ ސަރުކާރާ ދެކޮޅަށް ތެދު ކުރުމުގެ ބޭނުމަކީ, ސަރުކާރަށް ޢާންމު ރައްޔިތުންގެ މެދުގައި އޮތް ތާޢީދާއި އިތުބާރު ގެއްލުވައިލުން ކަމުގައި ރަޝިޔާ ސަރުކާރުން ތުހުމަތު ކުރެއެވެ.