ޣައްޒާގެ ރަފަޙުގައި ހާލުގައި ޖެހިފައިވާ ފަލަސްޠީނުގެ ރައްޔިތުންނަށް މިޞްރުގެ ސައިނާގައި ސަރަޙައްދެއް ޚާއްޞަ ކޮށްފައިވާ ކަމަށް ބުނާ ވާހަކަތައް މިޞްރުން ދޮގު ކޮށްފިއެވެ.
ހުޅަނގުގެ ނޫސްތަކުން ބުނެފައި ވަނީ ރަފަޙަށް ޔަހޫދީ ފައުޖުގެ ލާއިންސާނީ ޢުދުވާން ފުޅާ ކުރުމުން, ރަފަޙާއި މިޞްރުގެ ގުޅޭ ސަރަޙައްދީ ރޮނގު ހުރަސްކޮށް އެތަކެއް ހާސް ބަޔަކު މިޞްރަށް ވަދެދާނެ ކަމަށް ބަލައި, އެ މީހުން ބައިތިއްބަން މިޞްރުން ސައިނާގައި ސަރަޙައްދެއް ޚާއްޞަ ކޮށްފައިވާ ކަމުގައެވެ. އެ ފަދަ ވާހަކަތައް ޝާއިޢު ކޮށްފައިވާ ނޫސްތަކުގެ ތެރޭގައި އެމެރިކާގެ ވޯލް ސްޓްރީޓް ޖަރނަލް ވެސް ހިމެނެއެވެ. ނަމަވެސް, މިޞްރުގެ ސްޓޭޓް އިންފޮމޭޝަން ސަރވިސް (އެސްއައިއެސު)ން ވަނީ އެ ވާހަކަތައް ދޮގު ކޮށްފައެވެ.
"މިޞްރުގެ ނިންމުން ވަރަށް ސާފު. ފަލަސްޠީނުގެ މުސްލިމުން ގަދަ ބާރުން އެ މީހުންގެ އަމިއްލަ ވަޒަން ދޫކޮށް މިޞްރަށް ފޮނުވައިލުމުގެ ފުރުޞަތު ޔަހޫދީންނަކަށް ނުދޭނަން. އެ ކަން ކުރުމަށް މަގުފަހުކޮށް ނުދޭނަން،" އެސްއައިއެސްގެ އިސްވެރިޔާ ޟިޔާއު ރިޝްވާން ވިދާޅުވިއެވެ. އޭނާ ވިދާޅުވީ, ޔަހޫދީ ފައުޖަށް އެ ގޮތަށް އަމަލު ކުރުމުގެ ފުރުޞަތު ދިނުމަކީ, ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ގާއިމު ކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅޭނެ އަމަލަކަށް ވާނެ ކަމުގައެވެ. އަދި, އެ ކަމުގެ ސަބަބުން މިޞްރުގެ ސިޔާދަތީ މިިނިވަން ކަމާއި ސަލާމަތަށް ނުރައްކާވާނެ ކަމުގައެވެ.
ރަފަޙްގައި ތިބި ފަލަސްޠީނުގެ 1.4 މިލިޔަނެއްހާ މުސްލިމުން އެ ރަށުން ގަދަ ބާރުން ބޭލުމަށް ޔަހޫދީ ފައުޖުން ކުރަމުންދާ މަސައްކަތްތަކަށް ހުރަސް އެޅުމުގެ ގޮތުން މިޞްރުން ދަނީ ރަފަޙާ ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި ކޮންކުރީޓުން ފާރުތަކެއް ބިނާ ކުރަމުންނެވެ. އެ މަސައްކަތް ހިނގަމުންދާ މަންޒަރު ފެންނަ ފޮޓޯތަކެއް މިޞްރުގެ ސައިނާ ފައުންޑޭޝަން ފޯ ހިޔުމަން ރައިޓްސުން ވަނީ ޢާންމު ކޮށްފައެވެ.
"ރަފަޙާ މިޞްރު ގުޅޭ ސަރަޙައްދީ ރޮނގު ކައިރީގައި މީގެ ކުރިން ވެސް ވާނީ ފާރުތަކެއް ބިނާ ކޮށްފައި. އެއީ, މިހާރު ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގެ މާ ކުރިން ބިނާ ކޮށްފައިވާ ފާރުތަކެއް. އެއީ, މިޞްރުގެ ސަލާމަތާއި ރައްކާތެރި ކަމުގެ އިތުރުން ސިޔާދަތު ހިމާޔަތް ކުރަން ބިނާ ކޮށްފައިވާ ހުރަސްތަކެއް،" ރިޝްވާން ވިދާޅުވިއެވެ. ފަލަސްޠީނުގެ މުސްލިމުން ގަދަ ބާރުން އެ މީހުންގެ ވަޒަނުން ބޭރު ކުރުމަށް ޔަހޫދީ އިސްރާއީލުގެ ބައެއް ސަޔާސީ ޕާޓީތަކުން ވަކާލާތު ކުރަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީން ފަށާފައިވާ ލާއިންސާނީ ޢުދުވާންތަކަށް ނިމުމެއް ގެނައުމަށް ކުރަމުންދާ މަސައްކަތުގައި މިޞްރަކީ މުހިންމު ބައިވެރިއެެކެވެ. މިޞްރުން ދަނީ ޤަޠަރާ ގުޅިގެން މި ކަމުގައި މެދުވެރިއެއްގެ ދައުރު އަދާ ކުރަމުންނެވެ. ޔަހޫދީންނާއި ޙަމާސްގެ މުޖާހިދުންނާ ދެމެދު އެއްބަސްވުމެއް އެކުލަވައިލުމާ ގުޅޭ މަޝްވަރާތައް އެންމެ ފަހުން ބާއްވާފައި ވަނީ ވެސް މިޞްރުގައެވެ.