ޚަބަރު

ރަފަޙާ ގުޅޭ އައު ޢަމުރެއް ނެރުމުގެ ބޭނުމެއް ނެތް: ދުނިޔޭގެ ކޯޓު


ޔަހޫދީ އިސްތިޢުމާރީ ފައުޖުން ޣައްޒާގެ ރަފަޙަށް އެއްގަމު މަގުން އަރައި ލާއިންސާނީ ޢުދުވާންތައް ފުޅާ ކުރުން ހުއްޓައިލުމަށް ގޮވައިލާ އަމުރެއް ނެރެދިނުމަށް ދެކުނު އެފްރިކާއިން އެދިފައިވާ އެދުމާ އެއްގޮތަށް އަމުރެއް ނެރުމުގެ ބޭނުމެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމަށް އދގެ އެންމެ މަތީ ކޯޓު, އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ)ން ނިންމައިފިއެވެ.

ދެކުނު އެފްރިކާއިން އައިސީޖޭ, ނުވަތަ ދުނިޔޭގެ ކޯޓުގައި އެދިފައި ވަނީ, ރަފަޙަށް އަރައި ފަލަސްޠީނުގެ އެތަކެއް ހާސް ބަޔަކު ޝަހީދު ކޮށްލުމުގެ ފުރުޞަތު ޔަހޫދީންނަށް ނުދިނުމަށެވެ. އެ ކަމާ ދެކޮޅަށް ބައިނަލްއަޤުވާމީ މުޖުތަމަޢުން ވެސް ދަނީ އަޑު އުފުލަމުންނެވެ. ނަމަވެސް, ރަފަޙުގައި ޢުދުވާންތައް ފުޅާ ކުރަން ޔަހޫދީން ދަނީ ތައްޔާރުވަމުންނެވެ. ޔަހޫދީ ފައުޖުން ރަފަޙަށް އަރައިގަނެފި ނަމަ, ފަލަސްޠީނުގެ އެތަކެއް ހާސް ބަޔަކު ޝަހީދުވެގެންދާނެ ކަމަށް ބުނެ, އދއާއި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ދަނީ އެ ކަމާ ދެކޮޅަށް އަޑު އުފުލަމުންނެވެ.

ދެކުނު އެފްރިކާގެ އެދުމާ ގުޅޭ ގޮތުން ދުނިޔޭގެ ކޯޓުން ބުނީ, ޖަނަވަރީ 26 ވަނަ ދުވަހު އެ ކޯޓުން ނެރެފައިވާ އަމުރުގައި, ޢައްޒާގެ ރައްޔިތުން, އަދި ޚާއްޞަކޮށް ރަފަޙުގައި ތިބި ރައްޔިތުން, ތަޙައްމުލު ކުރަމުންދާ ނިކަމެތި އަދި ބިރުވެރި ހާލަތުން އެ މީހުން ސަލާމަތް ކުރުމަށް ބާރު އަޅާފައިވާނެ ކަމުގައެވެ. އަދި, އެ ކަމާ ގުޅޭ ގޮތުން އައު އަމުރެއް ނެރުނުގެ އިތުރު ބޭނުމެއް އޮތް ކަމަށް ގަބޫލު ނުކުރާ ކަމުގައެވެ.

ޖަނަވަރީ މަހު އައިސީޖޭން ނެރުނު އަމުރުގައި, ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ގަތުލުއާންމުތައް ހިންގަމުންދާ ކަމަށް ކަނޑައަޅައި, އެ ފަދަ އަމަލުތައް ހިންގުން ހުއްޓައިލުމަށް އަމުރު ކުރިއެވެ. ނަމަވެސް, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާން ހުއްޓައިލަން އަމުރު ކޮށްފައެއް ނުވެއެވެ. އެ ކަމާ ގުޅިގެން ޣައްޒާގެ ރައްޔިތުންނަށް އިތުރު މާޔޫސްކަމާ ކުރިމަތިލާން ޖެހުނެވެ.

ރަފަޙްގައި މި ވަގުތު ފަލަސްޠީނުގެ 1.4 މިލިޔަނެއްހާ މީހުން ދަނީ ދިރިއުޅެމުންނެވެ. އޭގެ ތެރޭގައި ގިނައީ, ޣައްޒާގެ އުތުރުގައިވާ ރަށްތަކަށް ޔަހޫދީ ފައުޖުން ދެމުން ދިޔަ ޙަމަލާތަކުން ސަލާމަތްވާން ރަފަޙަށް ދަތުރު ކުރި މީހުންނެވެ. އެ މީހުން މި ވަގުތު ދިރިއުޅެމުން ދަނީ ވަގުތީ ހިޔާތަކާއި ޓެންޓުތަކުގައި ވަރަށް ނިކަމެތި ހާލުގައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 28,775އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 68,552އަށް އަރައެވެ.