ޚަބަރު

އަލްނާޞިރު ހަސްފަތާލުން ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރުކޮށްފި


ޔަހޫދީ އިސްތިޢުމާރީ ފައުޖުގެ ސިފައިން ފަލަސްޠީނުގެ ޣައްޒާގެ ޚާން ޔޫނިސްގައި ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި އެ ރަށުގައި ހުންނަ މައި ހަސްފަތާލު ކަމުގައިވާ އަލްނާޞިރު ހަސްފަތާލަށް ވަދެގަނެ, ގިނަ ޢަދަދެއްގެ ބަޔަކު ހައްޔަރު ކޮށްފިއެވެ. އެ ހަސްފަތާލުގައި ޢުދުވާންތައް ހިންގަމުން ދިޔަ ވަގުތު, ޔަހޫދީ ފައުޖުން ވަނީ ޣައްޒާގެ އެކި ސަރަޙައްދުތަކަށް ރަޙުމު ކުޑަ ވައިގެ ޙަމަލާތަކެއް ވެސް އަމާޒުކޮށްފައެވެ.

ޔަހޫދީ ފައުޖުގެ ސިފައިން އަލް-ނާޞިރު ހަސްފަތާލަށް ވަދެގަނެ, އެ ތަނުގެ ތެރޭގައި ޢުދުވާން ހިންގަން ފަށާފައި ވަނީ ފެބުރުވަރީ 15 ވަނަ ދުވަހުއެވެ. ޣައްޒާގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވީ ހަސްފަތާލުގައި ތިބި ގިނަ ޢަދަދެއްގެ ޞިއްޙީ ޚިދުމަތްތެއިން ޔަހޫދީ ފައުޖުގެ ހައްޔަރަށް ގެންގޮސްފައިވާ ކަމުގައެވެ. އަދި ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒަކަށް އެ ތަން ބަދަލު ކޮށްލާފައިވާ ކަމުގައެވެ. އެއީ އެ ތަނުން ފޯރުކޮށްދެމުންދާ ޞިއްޙީ ޚިދުމަތްތަކަށް ހުރަސް އެޅުމުގެ ގޮތުން ކޮށްފައިވާ ކަމެކެވެ.

އަލްނާޞިރު ހަސްފަތާލުގެ ތެރޭގައި ހިންގަމުންދާ ޢުދުވާނުގެ ދަށުން 100އަށްވުރެ ގިނަ މީހުން ހައްޔަރު ކޮށްފައިވާކަން ޔަހޫދީ ފައުޖުން ވެސް ކަށަވަރު ކޮށްދެއެވެ. އަދި އެ ތަނުގައި ތިބި ގިނަ ޢަދަދެއްގެ ބަޔަކު ޝަހީދު ކޮށްލާފައިވާ ކަން ވެސް ކަށަވަރު ކޮށްދެއެވެ. އެއީ, ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން ކަމަށް ޔަހޫދީ ތުހުމަތު ކުރި ނަމަވެސް, ޣައްޒާގެ އޮފިޝަލުން އެ ކަން ދޮގު ކުރެއެވެ. ޔަހޫދީން ޝަހީދު ކޮށްލާފައި ވަނީ ބަލިމީހުންނާއި ހަސްފަތާލުން ހިމާޔަތް ހޯދަމުން ދިޔަ ޢާންމު ރައްޔިތުންނެވެ.

ޔަހޫދީންގެ ޢުދުވާނާ އެކު ހަސްފަތާލުގައި ޞިއްޙީ ފަރުވާ ދެމުންދާ ބަލިމީހުންގެ ހާލަތާ މެދު ވަނީ ކަންބޮޑުވުން އުފެދިފައެވެ. އެ ތަނަށް ރޭޑު ޖެހުމަށް ފަހު ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ވަނީ އެ ތަނުން ކަރަންޓުގެ ޚިދުމަތް ވެސް ކަނޑައިލާފައެވެ. އެ ކަމާ ގުޅިގެން, ވެންޓިލޭޓަރު ފަދަ އާލަތްތައް ބޭނުން ކޮށްގެން ފަރުވާ ދެމުން ދިޔަ ފަސް ވަރަކަށް މީހުން ޝަހީދުވި. ކަމުގައި ޤުދްރާ ވިދާޅުވިއެވެ. އެ ހަސްފަތާލުގައި ޢާންމުންގެ 10,000 އެއްހާ މީހުން ދަނީ ރައްކާތެރިކަން ހޯދަމުންނެވެ.

ޔަހޫދީ ފައުޖުން މިހާރު ވަނީ ޚާން ޔޫނިސްގެ ދެކުނުން އޮތް ރަފަޙަށް އެއްގަމު މަގުން އަރައި, ޢުދުވާން ފުޅާ ކުރަން ތައްޔާރުވަމުންނެވެ. ނަމަވެސް, އދއާއި އެހީދޭ ޖަމުޢިއްޔާތަކުން ދަނީ އެ ރަށަށް ނޭރުމަށް ޔަހޫދީ ފައުޖަށް ގޮވައިލަމުންނެވެ. އެ ރަށުގައި ޢުދުވާން ހިންގަން ފަށައިފިނަމަ, އެތައް ހާސް ބަޔެއްގެ ފުރާނަ ގެއްލިގެންދާނެ ކަމަށް ބުނެ, އދއާއި އެހީދޭ ޖަމުޢިއްޔާތަކުން ދަނީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ޔަހޫދީ ފައުޖުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާންތައް ހުއްޓުވުމާ ގުޅޭ ގޮތުން ޤަޠަރާއި މިޞްރުން ގުޅިގެން ދަނީ މަސައްކަތް ކުރަމުންނެވެ. ޙަމާސް ޖަމާޢަތުގެ އިސްވެރިޔާ އިސްމާޢީލް ހަނިއްޔާ ވިދާޅުވީ, މަޝްވަރާތައް މެދުކެނޑިފައި ވަނީ ޔަހޫދީންގެ ސަބަބުން ކަމުގައެވެ. އަދި, ޔަހޫދީންގެ ޢުދުވާންތައް އެއްކޮށް ހުއްޓައިނުލާ ނަމަ, ޔަހޫދީންނާ އެކު އެއްބަސްވުމެއް އެކުލަވައިނުލާނެ ކަމުގައެވެ.

އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޔަހޫދީން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 28,858އަށް އުފުލިފައެވެ. ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 68,667އަށް އަރައެވެ.