ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ދޮންޏެސްކުގެ ރަށެއް ކަމުގައިވާ އަވްދީވްކާއަށް ރަޝިޔާގެ އިސްތިޢުމާރީ ސިފައިން އަތްގަދަ ކޮށްފިއެވެ.
ރަޝިޔާގެ ރައީސް ވްލަޑިމިޔަރ ޕުޓިން ވަނީ އެއީ ރަޝިޔާ ސިފައިންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިފަ ކުރައްވާފައެވެ. ޔޫކްރެއިންގެ އަސްކަރިއްޔާއިން ބުނީ އަވްދީވްކާގައި ތިބި އެ ޤައުމުގެ ފައުޖުތަކުން އެ ރަށުން ފައިބާފައިވާ ކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް, އެ ރަށުގެ ބައެއް ސަރަޙައްދުތަކުގައި އަދިވެސް ޔޫކްރެއިންގެ ސިފައިން ހަރަކާތްތެރިވަމުންދާ ކަމުގައި ރަޝިޔާގެ ދިފާޢީ ވުޒާރާއިން ބުނެއެވެ.
ރަޝިޔާއަށް ޔޫކްރެއިންގެ ރަށެއް އެންމެ ފަހުން ހިފިފައި ވަނީ ހުސްވި އަހަރުގެ މޭ މަހުއެވެ. ރަޝިޔާ ސިފައިންނަށް ޔޫކްރެއިންގެ އިރުމަތީގައި އޮތް ބަޚްމުތަށް އަތްގަދަ ކުރެވުނީ, އެތަކެއް މަހެއްގެ ދިގު ހަނގުރާމައަކަށް ފަހުއެވެ. ބަޚްމުތެކޭ އެއް ފަދައިން, އަވްދީވްކާ ވެސް އޮތީ ރަޝިޔާގެ ޙަމަލާތަކުގައި ސުންނާފަތި ކޮށްލާފައެވެ.
ރަޝިޔާގެ ފައުޖުން އަވްދީވްކާއަށް އަރާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ފެށި ހަނގުރާމައަށް ދެ އަހަރު ފުރުމާ ގާތްވެފައިވާ ދަނޑިވަޅެއްގައެވެ. ރަޝިޔާ ސިފައިންގެ ކިބައިން ޔޫކްރެއިންގެ ރަށްތައް ދިފާޢު ކުރަން ހަނގުރާމަ ކުރަމުންދާ ފައުޖަށް މި ވަގުތު ވަނީ ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައެވެ. އެއް ކަމަކީ, ހަތިޔާރަށް ބޭނުންވާ ވަޒަނާއި ބޮން ހުސްވުމެވެ.
ޔޫކްރެއިނަށް އެންމެ ގިނަ ހަތިޔާރު ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. ނަމަވެސް, ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޯރުކޮށްދޭން އެމެރިކާގެ ރައީސް ޖޯ ބައިޑަން ކުރައްވަމުން ގެންދަވާ މަސައްކަތްތައް ވަނީ މަޑުޖެހިފައެވެ. އެންމެ ބޮޑު ސަބަބަކީ, ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމާ ގުޅޭ ގޮތުން އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސްއަށް ހުށަހަޅާފައިވާ ބިލު ތާށިވެފައި އޮތުމެވެ. އެމެރިކާގެ މައި އިދިކޮޅު ޕާޓީ, ރިޕަބްލިކަނުން ދަނީ ބައިޑަންގެ ބިލަށް ހުރަސް އަޅަމުންނެވެ.
ނަމަވެސް, ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމެރިކާއިން ދެމިއޮންނާނެ ކަމުގެ ޔަގީން ކަން ބައިޑަން ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއަށް އަރުވާފައެވެ. އަދި, ކޮންގްރެސްގައި ތާށިވެފައިވާ އޮތް ބިލު ފާސްކޮށްދިނުމަށް އޭނާ ވަނީ އިދިކޮޅު މެންބަރުންނަށް ގޮވައިލައްވާފައެވެ. ވައިޓް ހައުސްސުން ވެސް ބުނީ, އަވްދީވްކާ ރަޝިޔާގެ އަތްދަށަށް ވެއްޓިފައި ވަނީ, އެ ރަށް ދިފާޢު ކުރަން ޔޫކްރެއިންގެ ފައުޖުތަކަށް ބޭނުންވާ މިންވަރަށް ހަތިޔާރު ލިބުން ލަސްވުމުގެ ސަބަބުން ކަމުގައެވެ.
އަންނަ މާރިޗު މަހު ރަޝިޔާގެ ރިިޔާސީ އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވާއިރު, އަވްދީވްކާގައި ކުރިއެރުން ލިބުމަކީ ޕުޓިންއަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ. މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކޭ ގޮތުގައި, ޕުޓިން ފަސޭހަކަމާ އެކު ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވާނެއެވެ.
ރަޝިޔާ ސިފައިން އަތްގަދަ ކޮށްފައިވާ ބައެއް ސަރަޙައްދުތަކުގެ ތެރޭގައި ދޮންބާސްގެ ދޮންޏެސްކުގެ އިތުރުން ލުހާންސްގެ ސަރަޙައްދުތައް ވެސް ހިމެނެއެވެ. އަދި, ދެކުނުގައި އޮތް ޒަޕޮރީޜިޔާގެ ބޮޑު ސަރަޙައްދަކަށް ވެސް ރަޝިޔާ ސިފައިން ވަނީ އަތްގަދަ ކޮށްފައެވެ. އެ ޤައުމުގެ އިސްތިޢުމާރީ ސިފައިންނާ ދެކޮޅަށް ޔޫކްރެއިންގެ ފައުޖުން ކައުންޓަރއޮފެންސިވެއް ނުވަތަ ރައްދު ޙަމަލާގެ އަސްކަރީ ކެމްޕޭނެއް ފެށި ނަމަވެސް, ބޮޑެތި ކުރިއެރުންތަކެއް ހޯދިފައެއް ނުވެއެވެ.