ޚަބަރު

ތައިލެންޑުގެ ކުރީގެ ބޮޑުވަަޒީރު ތަކްސިން މިނިވަންކޮށްފި


ތައިލެންޑުގެ ކުރީގެ ބޮޑުވަޒީރު ތަކްސިން ޝިނަވަޓް ޕެރޯލްގެ ދަށުން މިނިވަން ކޮށްފިއެވެ.

މީގެ 15 އަހަރު ކުރިން އަމިއްލައަށް އަރުވައިލެވިގެން ޤައުމު ދޫކޮށް ވަޑައިގެންނެވި ތަކްސިން ފާއިތުވި ހަ މަސް ދުވަސް ހޭދަ ކުރައްވާފައި ވަނީ ހައްޔަރުގައެވެ. އޭނާ ޤައުމު ދޫކޮށް ވަޑައިގަންނަވާފައި ވަނީ އޭނާގެ ސަރުކާރު ވައްޓައިލުމަށް ބަޣާވާތެއް ފެށުމުންނެވެ.

މަހުޖަނެއް ކަމުގައިވާ 74 އަހަރުގެ ތަކްސިންނާ ދެކޮޅަށް ދަޢުލަތުގެ ބާރުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ތުހުމަތު އޮތީ އުފުލިފައެވެ. ނަމަވެސް, އެ ތުހުމަތުތައް ދޮގު ކުރައްވައި އޭނާ ވިދާޅުވެފައި ވަނީ, އެއީ އެނބުރި ވެރިކަމަށް ކުރިމަތިލުން ހުއްޓުވުމުގެ ގޮތުން އޭނާގެ ސިޔާސީ ވާދަވެރިން އުފައްދާފައިވާ ދޮގު ތުހުމަތުތަކެއް ކަމުގައެވެ.

ކޮރަޕްޝަންގެ ތުހުމަތުގައި ތަކްސިންނާ ދެކޮޅަށް އަށް އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވާފައިވީ ނަމަވެސް ހުސްވި އަހަރުގެ އޮގަސްޓު މަހު ތައިލެންޑުގެ ރަސްގެފާނު ވަނީ އެ ޖަލު ޙުކުމް އެއް އަހަރު ދުވަހުގެ މުއްދަތަކަށް ކުރުކޮށްދީފައެވެ. ނަމަވެސް, އޭނާ ޖަލު ބަންދުގައި އެންމެ ދުވަހެއް ވެސް ހޭދަ ކުރައްވާފައެއް ނުވެއެވެ. ޞިއްޙީ ހާލަތާ ގުޅިގެން އޭނާ ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާފައި ވަނީ ހަސްފަތާލެއްގެ ލަގްޜަރީ ބައިގައެވެ.

ތައިލެންޑުގައި ވެރިކަން ކުރަނީ އޭނާގެ ޕުއަ ތާއީ ޕާޓީންނެވެ. އެ ޕާޓީގެ އިސް ލީޑަރަކީ ތަކްސިންގެ އެންމެ ހަގު ދަރިކަނބަލުން ޕޭޓޮންގޓާން ޝިނަވަޓެވެ. ޕެރޯލްގެ ދަށުން މިނިވަން ކަން ލިބިވަޑައިގަތުމުން ތަކްސިން ހަސްފަތާލު ދޫކުރައްވައި ވަޑައިގަންނަވާފައި ވަނީ ޕޭޓޮންގޓާނާ އެކުގައެވެ.

ތަކްސިނަށް މިނިވަންކަން ލިބުމުން ގިނަ ބަޔަކު ދަނީ އޭނާއަށް މަރުޙަބާ ކިޔަމުންނެވެ. މީގެ ތެރޭގައި ސަރުކާރުގެ އިސް މުޝީރެއް ކަމުގައިވާ ޕީޗާއި ނަރިތަޕާން ހިމެނިވަޑައިގަންނަވައެވެ. އޭނާއަކީ ތަކްސިންގެ ވެރިކަމުގައި ހަކަތައާ ބެހޭ ވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެކެވެ.

އަމިއްލައަށް އަރުވައިލެވިގެން ހުންނެވުމަށް ފަހު ތަކްސިން އެނބުރި ޤައުމަށް ވަޑައިގަންނަވާފައި ވަނީ, އޭނާގެ އަރިސް ބޭފުޅެއް ކަމުގައިވާ ސެއްތާ ތަވީސިނަށް ބޮޑުވަަޒީރު ކަމުގެ މަޤާމު ކާމިޔާބު ކުރެއްވުމާ ގުޅިގެންނެވެ. އެއީ, ހުސްވި އަހަރުގެ އޮގަސްޓު މަހުއެވެ. ތަކްސިނަށް މިނިވަން ކަން ލިބުމުން އެ ކަމަށް މަރުޙަބާ ވިދާޅުވެފައިވާ ބޭފުޅުންގެ ތެރޭގައި ސެއްތާ ވެސް ހިމެނެއެވެ.

ތަކްސިން އެނބުރި ވަޑައިގަންނަވާފައި ވަނީ, ތައިލެންޑުގެ ބާރުގަދަ އަސްކަރިއްޔާއާ ދެމެދު ހަދާފައިވާ ސިއްރު އެއްބަސްވުމެއްގެ ދަށުން ކަމަށް ތުހުމަތު ކުރެވެއެވެ. އޭނާގެ ވެރިކަން ބަޣާވާތަކުން ވައްޓައިލުމުގައި އަސްކަރިއްޔާއިން އިސް ދައުރެއް އަދާކޮށްފައިވެއެވެ. ތައިލެންޑުގެ މައި އިދިކޮޅު ޕާޓީ, މޫވް ފޯވަރޑް ޕާޓީން ވަނީ ދަޢުލަތުން ތަކްސިނާ މެދު އަމަލު ކޮށްފައިވާ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށްފައެވެ. އެހެން ކުށްވެރިންނާ ޚިލާފަށް, ދައުލަތުން ތަކްސިނާ މެދު ތަފާތު ކުރުން ގެންގުޅެފައިވާ ކަމަށް އެ ޕާޓީން ތުހުމަތު ކުރެއެވެ.