ފާއިތުވި ދޮޅުމަހެއްހާ ދުވަހު ކުރެވުނު މަސައްކަތުން 47.5 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖޭގެ މަގުތަކަށް ދިޔުމުގެ ކުރިން ހުއްޓުވާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އައްޑޫ ސިޓީއަށް ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން އައްޑޫ ސިޓީ ފޭދޫގައި ބޭއްވެވި ޖަލްސާގައި ދެއްކެވި ވަޒީރު އަލީ އިޙްސާން ވާހަކަފުޅުގައެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ ރާއްޖެއިން މަސްތުވާތަކެތީގެ ވަބާ ފިލުވާލުވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ޚާއްސަ އިރުޝާދުގެ ދަށުން މަސައްކަތްކުރައްވަމުންދާ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ކުދިން އަލުން އަނބުރާ މުޖުތަމަޢަށް ނެރުމުގެ މަސައްކަތްވެސް ބާރަށް ކުރިއަށްގެންދަވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، ސަރުކާރާއި ހަވާލުވިއިރު މަސްތުވާތަކެތީގެ ވަބާގައި ޖެހުމުން ފަރުވާއަށް ޙުކުމްކޮށް ފަރުވާ ނުދެވި ތިބި ގާތްގަނޑަކަށް 700 އެއްހާ މީހުން ތިބިކަމަށާއި، އޭގެތެރެއިން 300 އެއްހާ މީހުންނަށް ފަރުވާ ދޭން މިހާރު ފަށާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ސަރުކާރާ ހަވާލުވިއިރު، މަސްތުވާތަކެތީގެ ވަބާގައި ޖެހިފައިވާ ގާތްގަނޑަކަށް 700ހާ މީހުންނަށް ފަރުވާ ދިނުމަށް ޙުކުމްކޮށް، ފަރުވާ ނުދެވި ތިބި. މީގެ ތެރެއިން 300 އެތައް މީހުންނަށް ފަރުވާ ދޭން ފެށިފައި، ބާކީ ތިބި މީހުންގެ ފަރުވާގެ ކަންތައްތައް ހަމަޖައްސަމުން މިހާރު އަޅުގަނޑުމެން މިދަނީ." ވަޒީރު ވިދާޅުވިއެވެ.
މީގެއިތުރުން މަސްތުވާތަކެތި އެތެރެކުރުން ހުއްޓުވުމަށް ކުރާ މަސައްކަތުގެ ދަށުން 44 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ރާއްޖޭގެ މަގުތަކަށް ނެރެމުގެ ކުރިން ހުއްޓުވާފައިވާކަންވެސް މިނިސްޓަރ ފާހަގަކުރެއްވިއެވެ.
މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުލުހުންނާއި ސަރުކާރުން ގުޅިގެން މުހިންމު ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ ޑްރަގް އެންފޯސްމަންޓާއި މެރިން ޕޮލިސް ގުޅިގެން ހުޅުމާލޭގެ ފަޅުތެރެ 24 ގަޑިއިރު މެދުނުކެނޑި ޕެޓްރޯލްކޮށް ބެލެހެއްޓުމަށް ވަނީ ނިންމާފައެވެ.
މީގެ އިތުރުން މަސްތުވާތަކެތީގެ ވިޔަފާރި ހުއްޓުވުމަށް ބޭރުގެ އިންޓެލިޖެންސް އެޖެންސީތަކާ ގުޅިގެން މަސައްކަތް ކުރަމުން އަންނަ ކަމަށާއި ރާއްޖޭގައި ޑްރަގް ވިއްކައި، ޑްރަގް ނެޓްވަރކް ހިންގާ ފަރާތްތަކާ ދޭތެރޭ ހިންގާ ތަހުގީގުވެސް ހަލުވި ކަމާއެކު މިހާރު ކުރިއަށްގެންދާކަމަށް މީގެ ކުރިން ދާޚިލީ ވަޒީރު ވަނީ ވިދާޅުވެފައެވެ.
ފުލުހުންގެ މިދިޔަ އަހަރުގެ 4 ވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުން މަސްތުވާތަކެތީގެ މައްސަލަތަކުގައި 180 މައްސަލައެއް ދަޢުވާކުރުމަށް ޕްރޮސިކިޔުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވެއެވެ. އަދި މަސްތުވާތަކެތީގެ 490 މައްސަލައެއް ނިންމާފައިވާއިރު، 298 ފަރާތެއް ވަނީ ހައްޔަރުކޮށްފައެވެ.