ފަލަސްޠީނުގެ ޣައްޒާގައި ހުންނަ ދެވަނައަށް އެންމެ ބޮޑު ހަސްފަތާލު ޔަހޫދީންގެ ޢުދުވާންތަކާ ގުޅިގެން ބަންދު ކުރަން މަޖުބޫރުވެފައިވާ ކަން އދއިން ހާމަކޮށްފިއެވެ. ޚާން ޔޫނިސްގައި ހުންނަ އަލް-ނާޞިރު ހަސްފަތާލުން ދެމުން ދިޔަ ޞިއްޙީ ޚިދުމަތްތައް މެދުކަނޑައިލަން މަރުބޫރުވީ, ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެންނެވެ. ހަސްފަތާލަށް ދެމުންދާ ޙަމަލާތަކުގެ ސަބަބުންނެވެ. އަދި, އެ ތަނުގެ ތެރެއަށް ވަދެ ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާ ގުޅިގެންނެވެ.
ފެބުރުވަރީ 15 ވަނަ ދުވަހުން ފެށިގެން އަލް-ނާޞިރު ހަސްފަތާލުގައި ކަރަންޓުގެ ޚިދުމަތެއް ނެތެވެ. އެ ދުވަހުން ފެށިގެން ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ދަނީ ހަސްފަތާލު ތެރޭގައި ހަރަކާތްތެރިވަމުންނެވެ. ބަލި މީހުންނާއި ޞިއްޙީ ޚިދުމަތްތެރިންނަށް ބިރު ދައްކަމުންނެވެ. އެ މީހުން ހައްުޔަރު ކުރަމުންނެވެ. އަދި, އަނިޔާކޮށް, ޝަހީދު ކުރަމުންނެވެ. މިހާތަނަށް 100 މީހުން ހައްޔަރު ކޮށްފައިވާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. އެ ތަނުން ކަރަންޓުގެ ޚިދުމަތް ކަނޑައިލުމާ ގުޅިގެން, ވެންޓިލޭޓަރު ފަދަ އާލާތްތައް ބޭނުން ކޮށްގެން ފަރުވާ ދެމުން ދިޔަ ހަތް މީހަކު ޝަހީދުވިއެވެ.
ޣައްޒާގެ ޞިއްޙީ ވުޒާރާގެ ތަރުޖަމާނު އަޝްރަފް އަލް-ޤުދްރާ ވިދާޅުވީ, އެ ހަސްފަތާލުން ފޯރުކޮށްދެމުން ދިޔަ ޞިއްޙީ ޚިދުމަތްތައް މެދުކެނޑިފައިވާ ކަމުގައެވެ. ނަމަވެސް, އެ ތަނުގައި އަދިވެސް ގިނަ ޢަދަދެއްގެ ބަލިމީހުންނާއި, ޢާންމުން ތިބި ކަމުގައި އޭނާ ވިދާޅުވިއެވެ. ޔަހޫދީ ފައުޖުން ޣައްޒާއަށް ދެމުންދާ ރަޙުމު ކުޑަ ޙަމަލާތަކުން ސަލާމަތްވުމަށް, ޢާންމުންގެ 10,000 އެއްހާ މީހުން އެ ހަސްފަތާލުގައި ރައްކާތެރި ކަން ހޯދަމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ.
"އެ ތަނުން ހުރިހާ ޚިދުމަތްތަކެއް މެދުކަނޑައިލަން މަޖުބޫރުވެއްޖެ. އެ ތަނުގައި މި ވަގުތު ތިބީ އެންމެ 25 ޞިއްޙީ ޚިދުމަތްތެރިން. އެ މީހުން އަދިވެސް ދަނީ ބަލި މީހުންނަށް ފަރުވާ ދެވޭތޯ މަސައްކަތް ކުރަމުން،" ޤުދްރާ ވިދާޅުވިއެވެ. އަދި, ހަސްފަތާލުން ފެނުގެ ޚިދުމަތް ކަނޑައިލާފައިވާ ކަމަށާއި, ނަރުދަމާ ނިޒާމަށް މައްސަލައެއް ކުރިމަތިވެ, ހަސްފަތާލުގެ އެމަރޖެންސީ ކޮޓަރިތަކަށް ނަޖިސް ފެން ބޭރުވަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އެ ހަސްފަތާލުގައި ތިބި ބަލި މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ވެސް ދަނީ މަސައްކަތް ކުރަމުންނެވެ. ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާއިން ވަނީ, އެ ޖަމުޢިއްޔާގެ ޞިއްޙީ ޚިދުމަތްތެރިންނަށް އެ ހަސްފަތާލަށް ވަނުމުގެ ފުރުޞަތު ދިނުމަށް ޔަހޫދީ ފައުޖަށް ގޮވައިލާފައެވެ.
"އިއްޔެ ވެސް, އޭގެ ކުރީ ދުވަހު ވެސް, [ޔަހޫދީ ސިފައިން] ވަނީ އެ ހަސްފަތާލަށް ވަނުމަށް މަސައްކަތް ކުރި ޑަބްލިޔުއެޗްއޯގެ މުވައްޒަފުންނަށް ހުރަސް އަޅާފައި. އެ ތަނުގެ ޖަނަރޭޓަރުތަކަށް ބޭނުންވާ ތެޔޮ ފޯރު ކޮށްދޭން ވެސް [ޔަހޫދީ ސިފައިން] ދަނީ ހުރަސް އަޅަމުން،" ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގެ ޑިރެކްޓަރ-ޖެނެރަލް ޓެޑްރޯސް އަދަނޮމް ގެބްރިއޭސޮސް ވިދާޅުވިއެވެ.
ޚާން ޔޫނިސަށް ފަހު ޔަހޫދީ ފައުޖުން ދެން އަރާނީ އެ ރަށުގެ ދެކުނުން އޮތް ރަފަޙަށެވެ. އެ ރަށުގައި, ފަލަސްޠީނުގެ 1.4 މިލިޔަނެއްހާ މީހުން ހާލުގައި ޖެހިފައި އެބަތިއްބެވެ. އެ ރަށަށް ޔަހޫދީ ފައުޖުގެ ޢުދުވާންތައް ފުޅާކޮށްފި ނަމަ, އެތަކެއް ހާސް ބަޔަކު ޝަހީދުވާނެ ކަމުގައި އދއާއި އެހީދޭ ޖަމުޢިއްޔާތަކުން ދަނީ ބުނަމުންނެވެ. އަދި, ރަފަޙަށް ނޭރުމަށް ޔަހޫދީ ފައުޖަށް ގޮވައިލަމުންނެވެ.
އޮކްޓޫބަރު 7 ވަނަ ފަހުން ފެށިގެން ހިންގަމުންދާ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ ފަލަސްޠީނުގެ ރައްޔިތުންގެ ޢަދަދު ވަނީ 28,985 އަށް އުފުލިފައެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި މައުސޫމު ކުޑަކުދިންނެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު 68,883 އަށް އަރައެވެ.