ޚަބަރު

އީރާނުން އެދުމުން އެމެރިކާ ސިފައިންނަށް ޙަމަލާ ދިނުން މެދުކަނޑައިލައިފި


އީރާނުގެ އިސްލާމީ އިންޤިލާބީ ލަޝްކަރުގެ އެންމެ ބާރުގަދަ ގޮފި ކަމުގައިވާ އަލްޤުދްސް ފޯސްގެ އިސް ކޮމާންޑަރު އިސްމާޢީލް ޤާނީ ޢިރާޤުގެ ވެރިރަށް ބަޣްދާދަށް ކުރެއްވި ދަތުރުފުޅަަށްފަހު ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުން އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދެމުންދާ ޙަމަލާތައް މެދުކަނޑައިލައިފިއެވެ.

ޔަހޫދީ އިސްތިޢުމާރީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނާ ގުޅިގެން މެދުއިރުމަތީގައި އިތުރު ހަމަނުޖެހުންތަކެއް ހިނގުމަށް އީރާނުން ބޭނުން ނުވާ ކަން ޤާނީގެ ދަތުރުފުޅުން ހާމަވެއެވެ. ޤާނީ ބަޣްދާދަށް ވަޑައިގަންނަވާފައި ވަނީ ޖަނަވަރީ 29 ވަނަ ދުވަހުއެވެ. އަދި ބަޣްދާދުގެ ވައިގެ ބަނދަރުގައި އޭނާ ވަނީ ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އިސްވެރިންނާ ބައްދަލު ކުރައްވާފައެވެ. އޭނާ އެ ބައްދަލުވުން ބާއްވަވާފައި ވަނީ އުރުދުންގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒަކަށް ޑްރޯން ޙަމަލާއެއްދީ އެމެރިކާ ސިފައިންގެ ތިން މީހުން މަރައިލުމުން ކަމަށް ބެލެވެއެވެ.

ބަޣްދާދުގައި ބޭއްވި ބައްދަލުވުމުގައި އޭނާ ވިދާޅުވީ އެމެރިކާ ސިފައިންނަށް އަމާޒުކޮށް އިތުރު ޙަމަލާތައް ދެމުންދާ ނަމަ, އެމެރިކާގެ އިސްތިޢުމާރީ ސިފައިން މެދުއިރުމަތީގެ ޤައުމުތަކުގައި ހިންގަމުންދާ ހަރަކާތްތައް އިތުރު ކުރާނެ ކަމުގައެވެ. އަދި, ހަތިޔާރު އެޅި ޖަމާޢަތްތަކުގެ އިސް ކޮމާންޑަރުން އަމާޒުކޮށް ޙަމަލާދީ, އެ މީހުން ޝަހީދު ކޮށްލަން އެމެރިކާއިން ބޭނުންވާނެ ކަމުގައެވެ. އެ ފަދަ ޙަމަލާތައް ދޭން ފެށުމުން, ޢާންމު ރައްޔިތުންގެ ފުރާނައަށް ނުރައްކާވެ, ޢުމްރަނީ ގޮތުން ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމުގައި އޭނާ ވިދާޅުވިއެވެ. އަދި, މި ވަގުތަށް އޮތް އެންމެ ރަނގަޅު ގޮތަކީ, އެމެރިކާ ސިފައިންނަށް ޙަމަލާ ދިނުން މެދުކަނޑައިލުން ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

ޤާނީގެ އިރުޝާދަށް އަމަލު ކުރުމުގެ ގޮތުން ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދެމުން ދިޔަ ޙަމަލާތައް މެދުކަނޑައިލާފައެވެ. ޢިރާޤުގައި ހަރަކާތްތެރިވާ އެންމެ ބޮޑު ހަތިޔާރު އެޅި ޖަމާޢަތް ކަމުގައިވާ ކަތާއިބު ޙިޒްބުاللهން ވަނީ އެ ކަން އިޢުލާނު ވެސް ކޮށްފައެވެ.

ޤާނީގެ ދަތުރުފުޅުގެ ދެ ހަފުތާއެއްހާ ދުވަހުގެ ކުރިން ހަތިޔާރު އެޅި ޖަމާޢަތްތަކުން ވަނީ އެމެރިކާ ސިފައިންގެ އަމާޒުތަކަށް 20 ވަރަކަށް ޙަމަލާ ދީފައެވެ. ނަމަވެސް, ފެބުރުވަރީ 4 ވަނަ ދުވަހުން ފެށިގެން, ޢިރާޤާއި ސޫރިޔާގައި ތިބި އެމެރިކާ ސިފައިންނަށް އިތުރު ޙަމަލާއެއް ދީފައެއް ނުވެއެވެ.

"ޤާނީ މި ކަމުގައި އިސް ދައުރެއް އަދާ ނުކުރެއްވި ނަމަ, ކަތާއިބު ޙިޒްބުاللهން އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދެމުން ދިޔަ ޙަމަލާތައް މެދުކަނޑައެއް ނުލީސް،" ޢިރާޤުގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތެއްގެ އިސް ކޮމާންޑަރަކު ވިދާޅުވިއެވެ.

ޢިރާޤާއި ސޫރިޔާގައި ހަރަކާތްތެރިވާ ހަތިޔާރު އެޅި ޖަމާޢަތްތަކަށް އޮތް އީރާނުގެ ބާރާއި ނުފޫޒު ޤާނީގެ ދަތުރުފުޅާ އެކު ހާމަވެގެން ދިޔަ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނެއެވެ. އެމެރިކާ ސިފައިންނަށް އަމާޒުކޮށް ދެމުން ދިޔަ ޙަމަލާތައް މެދުކަނޑައިލި ނަމަވެސް, ޢިރާޤުން އެމެރިކާ ސިފައިން ބާލަން އީރާނުން ބާރުއެޅުމުގައި ދެމި އޮންނާނެއެވެ. އަދި, ޢިރާޤަކީ ހަނގުރާމައިގެ މައިދާނަކަށް އަލުން ބަދަލު ކޮށްލަން އެމެރިކާއިން ކުރަމުންދާ މަސައްކަތްތަކަށް އީރާނުން ބަޣްދާދުގެ ސަރުކާރާ ގުޅިގެން މަސައްކަތް ކުރާނެއެވެ. ޢިރާޤުން އެމެރިކާ ސިފައިން ބޭލުމަށް ބަޣްދާދުގެ ސަރުކާރުން މިހާރު ވެސް ދަނީ އެމެރިކާއާ މަޝްވަރާ ކުރަމުންނެވެ.