ރަތް ކަނޑުން ދަތުރު ކުރަމުން ދިޔަ އިނގިރޭސިވިލާތުގެ އާގުބޯޓަކަށް ވަރުގަދަ ޙަމަލާތަކެއް ދީފިއެވެ.
އާގުބޯޓަފަހަރުގެ ސަލާމަތީ ކަންކަން ބަލަހައްޓާ އިނގިރޭސިވިލާތުގެ ކުންފުންޏެއް ކަމުގައިވާ އެމްބްރީން ބުނީ ޙަމަލާ ދީފައި ވަނީ ބެލީޒްގެ ދިދަ ޖަހައިިގެން ދަތުރުކުރާ އިނގިރޭސިވިލާތުގެ އުޅަނދަކަށް ކަމުގައެވެ. ބޯޓަށް ޙަމަލާ ދީފައި ވަނީ ބާބް އަލްމަންދަބީ ކަނޑު ހުރަސްކޮށް ދަތުރު ކުރަމުން ދަނިކޮށެވެ.
އިނގިރޭސިވިލާތުގެ ކަނޑު ދަތުރުފަތުރާ ބެހޭ އިދާރާ މެރިޓައިމް ޓްރޭޑް އޮޕަރޭޝަންސް (ޔޫކޭއެމްޓީއޯ)ން ބުނީ އުޅަނދަށް ޙަމަލާ ދިނުމާ އެކު އޭގައި ބާރުގަދަ އެއްޗެއް ގޮވާފައިވާ ކަމުގައެވެ. އަދި, ފަޅުވެރިން އުޅަނދު ދޫކޮށް ފައިބާފައިވާ ކަމުގެ ރިޕޯޓުތައް ލިބިފައިވާ ކަމުގައެވެ.
ބޯޓަށް ޙަމަލާ ދީފައި ވަނީ ޔަމަނުގެ އަލް-މައްޚާގެ އައްސޭރިފަށުން 35 ނޯޓިކަލް މޭރު ބޭރުން ދަތުރު ކުރަމުން ދަނިކޮށް ކަމުގައި ޔޫކޭއެމްޓީއޯން ބުނެއެވެ. އެއީ, އެކުވެރި ޢަރަބި އިމާރާތް (ޔޫއޭއީ)ގެ ޚޫރް ފިކާކުން ފުރައިގެން ބަލްގޭރިޔާގެ ވަރްނާއަށް ދަތުރު ކުރަމުން ދިޔަ އުޅަނދެކެވެ. ޔޫކޭއެމްޓީއޯން އުޅަނދުގެ ނަން ހާމަކޮށްފައި ނުވި ނަމަވެސް, ޙަމަލާތަކުގައި އުޅަނދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.
މިއީ ޔަމަނުގައި ހަރަކާތްތެރިވާ ޙޫޘީ ޖަމާޢަތުން ދީފައިވާ ޙަމަލާތަކެއް ކަމަށް ބެލެވެއެވެ. އެ ޖަމާޢަތުން ދަނީ, ރަތް ކަނޑު ހުރަސްކޮށް ދަތުރުކުރާ ޔަހޫދީންނާ ގުޅުން އޮންނަ އުޅަނދުފަހަރަށް ޑްރޯނާއި މިސައިލް ބޭނުން ކޮށްގެން ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. އެ ޙަމަލާތައް ފަށާފައި ވަނީ, ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ.
ޙޫޘީންގެ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންނާ ގުޅުން އޮންނަ އަދި އެ ޤައުމަށް މުދާ ގެންދާ އުޅަނދުފަހަރަށެވެ. އެ ކަން ހުއްޓުވުމުގެ ނަމުގައި އެމެރިކާއާއި އިނގިރޭސިވިލާތުން ގުޅިގެން ޔަމަނަށް ބޮން އަޅަން ފެށުމުން, ޙޫޘީން ވަނީ އެ ދެ ޤައުމުގެ އުޅަނދުފަހަރަށް ވެސް ޙަމަލާތައް އަމާޒު ކުރަން ފަށާފައެވެ. ޙޫޘީންގެ ބޭނުމަކީ, ޔަހޫދީންގެ ޢުދުވާންތައް ހުއްޓައިލަން ބާރު އެޅުމެވެ. ބާބް އަލްމަންދަބީގައި ދަތުރު ކުރަމުން ދިޔަ އިނގިރޭސިވިލާތުގެ އުޅަނދަށް ޙަމަލާ ދީފައިވާ ކަން ޙޫޘީން ކަށަވަރު ކޮށްދީފައެއް ނުވެއެވެ.