ޚަބަރު

ޣައްޒާ ޢުދުވާނުގެ ސަބަބުން ޔަހޫދީންގެ އިޤުތިޞާދު %19 ދަށަށް


އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ އިސްތިޢުމާރީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފެށި ލާއިންސާނީ ޢުދުވާނުގެ ސަބަބުން ޔަހޫދީންގެ އިޤުތިޞާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ހާމަވެއްޖެއެވެ. އެންމެ ފަހުގެ ތަފާސްހިސާބުތަކުން ފެންނަނީ ޔަހޫދީންގެ އިޤުތިޞާދު ފުން ވަޅަކަށް ވެއްޓިފައިވާ މަންޒަރެވެ. 2023 ވަނަ އަހަރުގެ ފަހު ކުއާޓަރުގައި ޔަހޫދީންގެ އިޤުތިޞާދު ވަނީ %19.4އަށް ދަށަށް ގޮސްފައެވެ.

މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ފެށި ޢުދުވާނާ އެކު ޔަހޫދީންގެ އިޤުތިޞާދީ ދުވެލި ވަނީ މަޑުޖެހިފައެވެ. ހުއްޓުން އަރާފައެވެ. އެއް ސަބަބަކީ, ޔަހޫދީ ޢާންމުން ޚަރަދުބަރަދު ކުރުން މަދު ކުރުމާއި ބޭރު ޤައުމުތަކަށް ދަތުރު ކުރުން ހުއްޓައިލުމާއި އިންވެސްޓު ކުރުން ހުއްޓައިލުމެވެ. ޢުދުވާނުގައި ބައިވެރި ކުރުމަށް ޔަހޫދީ އެތަކެއް ހާސް ރިޒަރވް ސިފައިން ހަނގުރާމައިގެ މައިދާނަށް ނެރުމަކީ ވެސް އެއް ސަބަބެވެ.

ޔަހޫދީންގެ ސެންޓްރަލް ބިޔުރޯ އޮފް ސްޓެޓިސްޓިކްސުން ނެރުނު ތަފާސްހިސާބުތަކުން ހާމަވީ 2023ގެ ތިންވަނަ ކުއާޓަރަށްވުރެ ޔަހޫދީންގެ 500 ބިލިޔަން އެމެރިކާ ޑޮލަރުގެ ބޮޑު އިޤުތިޞާދަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމެވެ. އަދި %19.4އަށް ދަށަށް ގޮސްފައިވާ ކަމެވެ. ނަމަވެސް މުޅި އަހަރުގައި ޔަހޫދީންގެ އިޤުތިޞާދަށް ބޮޑު ގެއްލުމެއް ލިބިފައި ނުވާ ކަމުގައި މާހިރުން ބުނެއެވެ.

"2023ގެ ފަހު ކުއާޓަރުގައި އިޤުތިޞާދު ދަށަށް ގޮސްފައި ވަނީ އޮކްޓޫބަރު 7 ވަނަ ދުވަހު ފެށި [ލާއިންސާނީ] ޢުދުވާނާ ގުޅިގެން،" ޔަހޫދީންގެ ސްޓެޓިސްޓިކްސް ބިޔުރޯން ބުންޏެވެ. މުޅި 2023 ވަނަ އަހަރުގައި ޔަހޫދީންގެ އިޤުތިޞާދަށް ލިބިފައި ވަނީ އެންމެ %2ގެ ކުރިއެރުމެކެވެ. އޭގެ ކުރީ އަހަރު އެ ޢަދަދު ހުރީ %6.5ގައެވެ. އެހެންކަމުން އެއީ ޔަހޫދީންނަށް ލިބުނު ބޮޑު ގެއްލުމެއް ކަމުގައި ބެލެވެއެވެ.

2023ގެ ފަހު ކުއާޓަރުގެ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ޢާންމުން ޚަރަދު ކުރާ މިންވަރު ވަނީ %26.9އަށް ދަށަށް ގޮސްފައެވެ. އަދި ބޭރުން މުދާ އެތެރެކުރާ މިންވަރު ވަނީ %18.3އަށް ދަށްވެފައެވެ. ޢާންމުން ދިރިއުޅޭ ގެދޮރު ޢިމާރާތް ކުރުމުގެ ސިނާޢަތުގެ އިންވެސްޓްމެންޓުތައް ވެސް ވަނީ %67.8އަށް ވެއްޓިފައެވެ. އަދި ސަރުކާރުގެ ޚަރަދުތައް ވަނީ %88.1އަށް އުފުލިފައެވެ. އެންމެ ބޮޑު ޚަރަދެއް ކޮށްފައި ވަނީ މުސްލިމުންދާ ދެކޮޅަށް ފަށާފައިވާ ޢުދުވާނަށެވެ. ދެން ޚަރަދުތައް ހިނގާފައި ވަނީ ވިޔަފާރިތަކާއި ޢާންމު ރައްޔިތުންގެ ޚަރަދުތައް ބެލެހެއްޓުމަށާއި ބަދަލު ދިނުމަށެވެ. ޖަނަވަރީ މަހު ތަކެތީގެ އަގުތައް ވެސް ވަނީ %2.6އަށް ދަށްވެފައެވެ.

2023 ވަނަ އަހަރު ޔަހޫދީންގެ އިޤުތިޞާދަށް %3.5ގެ ކުރިއެރުމެއް ލިބޭނެ ކަމަށް ކުރިން އަންދާޒާ ކުރެވުނު ނަމަވެސް ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުގެ މުޖާހިދުން އޮކްޓޫބަރު 7 ވަނަ ދުވަހު ހިންގި އަސްކަރީ ޙަރަކާތާ ގުޅިގެން އެ ހުފަވެންތައް ވަނީ ފެންވެފައެވެ. އެމެރިކާ ޑޮލަރަށްވުރެ ޔަހޫދީންގެ ފައިސާގެ އަގު ވެސް ވަނީ %0.6އަށް ވެއްޓިފައެވެ.

މުޖާހިދުންގެ ޙަރަކާތާ އެކު ޔަހޫދީ ޢާންމުންނަށް ވަނީ މާޔޫސްކަން ގެނުވާފައެވެ. ވިޔަފާރި ކުރުމާއި ޚަރަދު ކުރުން ވަނީ ހުއްޓައިލާފައެވެ. މުނިފޫހިފިލުވުމުގެ ޚިދުމަތް ފޯރުކޮށްދޭ ވިޔަފާރިތައް ވަނީ ބަންދު ކޮށްފައެވެ. ބައިސްކޯފުތައް ފަދަ ތަންތަނުގައި ވަނީ ތަޅު އަޅުވާފައެވެ. ޔަހޫދީ ޢާންމުންގެ ބޮޑު އިންސައްތައެއް ވަނީ ސަރުކާރާ މެދު ހިތްހަމަ ނުޖެހިފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ފަށާފައިވާ ލާއިންސާނީ ޢުދުވާން ހުއްޓައިނުލައި ކުރިއަށް ގެންދާނަމަ, ޔަހޫދީންގެ އިޤުތިޞާދަށް މި އަހަރު ވެސް ނޭދެވޭ އަސަރު ކުރާނެއެވެ. މި އަހަރު ޔަހޫދީންގެ އިޤުތިޞާދު ކުރިއަރާނެ ކަމަށް ބެލެވެނީ އެންމެ %2އަށެވެ.