ޚަބަރު

ޕާކިސްތާނުގެ ޝަރީފާއި ޒަރްދާރީ ގުޅިގެން ސަރުކާރެއް އެކުލަވައިލަނީ


ޕާކިސްތާނުގެ ބޮޑު ދެ ސިޔާސީ ޕާޓީ ކަމުގައިވާ ޕާކިސްތާން މުސްލިމް ލީގް-ނަވާޒް (ޕީއެމްއެލްއެނާ)އި ޕާކިސްތާން ޕީޕަލްސް ޕާޓީ (ޕީޕީޕީ) ގުޅިގެން އައު ސަރުކާރެއް އެކުލަވައިލަން އެއްބަސްވެފައިވާ ކަން ހާމަކޮށްފިއެވެ. ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމަށް ދެ ޕާޓީން އެއްބަސްވެފައި ވަނީ ފެބުރުވަރީ 8 ވަނަ ދުވަހު ބޭއްވި ޢާންމު އިންތިޚާބަށް ފަހު ދިގު ދެމިގެންދިޔަ މަޝްވަރާތަކެއް ބޭއްވުމަށް ފަހުއެވެ.

ގުޅިފައިވާ ސަރުކާރެއް އެކުލަވައިލަން އެއްބަސްވެފައިވާ ޕީއެމްއެލް-އެނަކީ ތިން ދައުރެއްގައި ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ ނަވާޒް ޝަރީފްގެ ޕާޓީއެވެ. އަދި ޕީޕީޕީއަކީ ބިލާވަލް ބުއްޓޫ ޒަރްދާރީގެ ޕާޓީއެވެ. ޒަރްދާރީއަކީ އަވަހާރަ ކޮށްލާފައިވާ ބޮޑުވަޒީރު ބޭނަޒީރް ބުއްޓޫގެ ދަރިކަލުންނެެވެ. ޕީއެމްއެލްއެނާއި ޕީޕީޕީ ގުޅިގެން އައު ސަރުކާރެއް އެކުލަވައިލަން އެއްބަސްވެފައި ވަނީ އިންތިޚާބުގައި ވާދަކުރި ބައެއް ކުދި ޕާޓީތަކުގެ އެއްބާރުލުމާ އެކުގައެވެ.

ޕާކިސްތާނުގެ ޢާންމު އިންތިޚާބުގައި އެއްވެސް ސިޔާސީ ޕާޓީއަކަށް މަޖިލީހުގެ އަޢުލަބިއްޔަތު ލިބިފައެއް ނުވެއެވެ. އެންމެ ގިނަ ގޮނޑި ކާމިޔާބު ކޮށްފައި ވަނީ މިނިވަން ކެނޑިޑޭޓުންގެ ގޮތުގައި ވާދަ ކުރެއްވި ކެނޑިޑޭޓުންނެވެ. އެއީ ޖަލަށް ލާފައިވާ ކުރީގެ ބޮޑުވަޒީރު އިމްރާން ޚާނަށް ތާޢީދު ކުރާ ކެނޑިޑޭޓުންނެވެ. ޚާންގެ ޕާކިސްތާން ތަހްރީކް އިންސާފް ޕާޓީ (ޕީޓީއައި)ން ވެސް ގުޅިފައިވާ ސަރުކާރެއް އެކުލަވައިލުމުގެ މަސައްކަތް ކުރަމުންދާ ކަން ކުރިން އިޢުލާނު ކޮށްފައިވެއެވެ.

ނަމަވެސް, ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ބުއްޓޫ ޒަރްދާރީ ވިދާޅުވީ އައު ސަރުކާރެއް އެކުލަވައިލުމަށް އޭނާގެ ޕީޕީޕީއާއި ޕީއެމްއެލްއެނުން އެއްބަސްވެފައިވާ ކަމަށާއި ބޮޑުވަޒީރު ކަމުގެ މަޤާމަށް ވަޤުތީ ބޮޑުވަޒީރު ކަމުގެ މަޤާމު ފުރުއްވާފައިވާ ޝެހްބާޒް ޝަރީފްގެ ނަން ހުށަހަޅާފައިވާ ކަމުގައެވެ. އެއީ ނަވާޒް ޝަރީފްގެ ކޮއްކޯފުޅެވެ. އަދި ރައީސް ކަމުގެ މަޤާމަށް ބުއްޓޫ ޒަރްދާރީގެ ބައްޕާފުޅު އާސިފް ޢަލީ ޒަރްދާރީގެ ނަން ހުށަހަޅާފައިވާ ކަމުގައެވެ.

ޢާންމު އިންތިޚާބުގައި ޕީއެމްއެލްއެނުން ވަނީ 79 ގޮނޑި ކާމިޔާބު ކޮށްފައެވެ. ޕީޕީޕީއަށް ލިބުނީ 54 ގޮނޑިއެވެ. އެ ދެ ޕާޓީން އެކުލަވައިލާ ސަރުކާރުގައި އިތުރު ހަތަރު ކުދި ސިޔާސީ ޕާޓީއަކުން ބައިވެރިވާނެއެވެ. 241 މިލިޔަން މީހުން ވޯޓުލާފައިވާ ޢާންމު އިންތިޚާބު ޕާކިސްތާނުގައި ބާއްވާފައި ވަނީ އެ ޤައުމުގެ އިޤުތިޞާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ. އަދި ހަތިޔާރު އެޅި ޖަމާޢަތްތަކުގެ ނުރައްކާ އިހުނަށްވުރެ އިތުރުވެފައިވާ ވަޤުތެއްގައެވެ.