އިންޑިޔާގެ ސަރުކާރަށް ބާރުއެޅުމުގެ ގޮތުން މުޒާހަރާ ކުރަމުންދާ ދަނޑުވެރިންނާއި ފުލުހުންނާ ދެމެދު ވަރުގަދަ ކުރިމަތިލުންތަކެއް ހިނގައިފިއެވެ.
ޤާނޫނެއްގެ ދަށުން ދަނޑުވެރިކަމުގެ އުފެއްދުންތަކަށް އެކަށީގެންވާ އަގުތަކެއް ކަނޑައަޅައިދިނުމަށް ގޮވައިލާ މުޒާހަރާ ކުރަމުންދާ ދަނޑުވެރިން ވަނީ ވެރިރަށް ނިއު ދިއްލީއަށް އަރަން މަސައްކަތް ކޮށްފައެވެ. އެ މުޒާހަރާތައް ހުއްޓުވަން ފުލުހުން ވަނީ ނިއު ދިއްލީއަށް އަރަން އޮންނަ ހަލިމަގުތަކުގައި ބެރިކޭޑު ޖަހައި ބަންދުކޮށް, މުޒާހަރާގެ ބައިވެރިން ހުއްޓުވަން ބާރުގެ ބޭނުން ކޮށްފައެވެ.
މުޒާހަރާތަކުގައި އިސްކޮށް ހަރަކާތްތެރި ވަނީ އިންޑިޔާގެ އުތުރުގައިވާ ޕަންޖާބް ސްޓޭޓަށް ނިސްބަތްވާ ދަނޑުވެރިންނެވެ. ޕަންޖާބްގެ ގިނަ ޢަދަދެއްގެ ދަނޑުވެރިން ވެރިރަށް ނިއު ދިއްލީއަށް އަރަން މަސައްކަތް ކޮށްފައި ވަނީ ކެރޭނުތަކާއި އެކްސްކަވޭޓަރު ފަދަ އުޅަނދުތަކާ އެކުގައެވެ. އެ މީހުންގެ ބޭނުމަކަށްވީ ހައިވޭތަކާއި ނިއު ދިއްލީގެ އެހެން މަގުތައް ބަންދު ކުރުމެވެ.
މުޒާހަރާތައް ރޫޅައިލުމަށް ފުލުހުން ވަނީ ކަރުނަ ގޭސް ޖަހައި ފެން ބަޑި ބޭނުން ކޮށްފައެވެ. ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މުޒާހަރާގެ ބައިވެރިންގެ ތެރެއިން އެކަކު މަރުވި ކަމަށާއި ތިން މީހަކު ޒަޚަމުވި ކަމުގައި މުޒާހަރާ އިންތިޒާމު ކުރި ފަރާތްތަކުން ބުންޏެވެ.
އެތަކެއް ހާސް ދަނޑުވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކާ ގުޅިގެން އިންޑިޔާގެ ސަރުކާރުން ވަނީ މަޝްވަރާ ކުރުމަށް މުޒާހަރާގެ ބައިވެރިންނަށް ދަޢުވަތު ދީފައެވެ. އަދި މުޒާހަރާ ރޭވުމުގައި އިސްކޮށް ޙަރަކާތްތެރިވި ފަރާތްތަކުން ވަނީ އެ ކަމަށް އެއްބަސްވެ, ދެ ދުވަހުގެ މުއްދަތަކަށް މުޒާހަރާތައް މެދުކަނޑައިލާފައިވާ ކަން އިޢުލާނު ކޮށްފައެވެ.
"ސަރުކާރުން އޮތީ ދަނޑުވެރިންނާ އެކު މަޝްވަރާތައް ބާއްވަން ތައްޔާރަށް. މި މަޝްވަރާތަކަށް ދަނޑުވެރިންނަށް ދަޢުވަތު އަރުވަން. ސުލްޙަމަސަލަސް ކަން ދެމެހެއްޓުމަކީ ވަރަށް މުހިންމު ކަމެއް،" އިންޑިޔާގެ ދަނޑުވެރިކަމާ ބެހޭ ވަޒީރު އަރްޖުން މުންޑާ ވިދާޅުވިއެވެ.
ޕަންޖާބްގެ ދަނޑުވެރިންގެ ތާޢީދު ހޯދުމަކީ ކުރިއަށް އޮތް މެއި މަހު އިންޑިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ ޢާންމު އިންތިޚާބުގެ ކުރިން ބޮޑުވަޒީރު ނަރެންދްރަ މޯދީއަށް މުހިންމު ފިޔަވަޅަކަށް ވާނެއެވެ. މުޒާހަރާ ކުރަމުންދާ ދަނޑުވެރިންގެ އެދުމަކީ ޤާނޫނެއްގެ ދަށުން އެ މީހުންގެ އުފެއްދުންތަކަށް އެކަށީގެންވާ އަގުތަކެއް ކަނޑައަޅައިދިނުމެވެ.
"އަޅުގަނޑުމެންނަށް ހުރަސް އަޅަން ހަލިމަގުތަކުގައި ބޮޑެތި ބެރިކޭޑުތައް ޖެހުމަކީ ރަނގަޅު ކަމެއް ނޫން. އަޅުގަނޑުމެން މަސައްކަތް ކުރަމުން މި ދަނީ ސުލްޙަވެރި ހިނގައިލުމެއް ބާއްވަން. އެ ފުރުޞަތު ދޭން ދެކޮޅު ހަދާ ނަމަ, އަޅުގަނޑުމެންގެ ޑިމާންޑުތަކަށް އެއްބަސްވާން ޖެހޭނެ،" މުޒާހަރާ ރޭވުމުގައި އިސްކޮށް ހަރަކާތްތެރިވާ ދަނޑުވެރިއަކު ބުންޏެވެ.
މުޒާހަރާތަކުގައި 10,000 އަށްވުރެ ގިނަ ދަނޑުވެރިން ބައިވެރިވެއެވެ. އަދި އެ މީހުން ނިއު ދިއްލީއަށް ދަތުރު ކޮށްފައި ވަނީ 1,200 އެއްހާ ޓްރެކްޓަރާއި އެ ފަދަ އުޅަނދުފަހަރާ އެކުގައެވެ. އެ މީހުން ނިއު ދިއްލީއަށް އަރައިފި ނަމަ, 20 މިލިޔަނަށް ވުރެ މީހުން ދިިރިއުޅޭ އެ ރަށް ހުއްޓުމަކަށް އަންނާނެ ކަމަށް ބެލެވެއެވެ. އެ ކަމާ ގުޅިގެން, ނިއު ދިއްލީއަށް އެރެން އޮންނަ މަގުތަކުގައި ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރުގަދަ ކޮށްފައެވެ.
މީގެ ދެ އަހަރު ކުރިން ވެސް ދަނޑުވެރިން ވަނީ އެ ފަދަ މުޒާހަރާތަކެއް ބާއްވައި ނިއު ދިއްލީއަށް އަރަން މަސައްކަތް ކޮށްފައެވެ. އެ ފަހަރު މޯދީގެ ސަރުކާރުން ވަނީ ދަނޑުވެރިން ބޭނުންވި ގޮތަށް, ޤާނޫނުތަކެއް އިސްލާޙު ކޮށްފައެވެ.