ޚަބަރު

އީރާނުން ރަޝިޔާއަށް ގިނަ ޢަދަދެއްގެ ބެލިސްޓިކް މިސައިލް ފޯރުކޮށްދީފި


އީރާނުގެ އަސްކަރިއްޔާއިން ރަޝިޔާއަށް ގިނަ ޢަދަދެއްގެ ބެލިސްޓިކް މިސައިލް ފޯރުކޮށްދީފިއެވެ.

އީރާނުން ރަޝިޔާއަށް ފޯރުކޮށްދީފައި ވަނީ ވައިގެ އަމާޒުތަކަށް ޙަމަލާދޭން ބޭނުން ކުރެވޭ ބެލިސްޓިކް މިސައިލްތަކެކެވެ. އޭގެ ތެރޭގައި ފަތްޙް-110 މަރުކާއާއި ޛުވަލްފިޤާރު މަރުކާގެ މިސައިލް ހިމެނެއެވެ.

އެއީ ކުރު ރާސްތާގެ ބެލިސްޓިކް މިސައިލްތަކެކެވެ. އެ މަރުކާގެ 400 މިސައިލް އީރާނުން ރަޝިޔާއަށް ފޯރުކޮށްދީފައިވާ ކަމުގައި މަސްދަރުތަކާ ހަވާލާދީ ހުޅަނގުގެ މީޑިޔާއިން ރިޕޯޓު ކުރެއެވެ. އެއީ 300އާއި 700 ކިލޯމީޓަރު ދުރުގައިވާ އަމާޒުތަކަށް ޙަމަލާދިނުމުގެ ގާބިލުކަން ހުރި މިސައިލެކެވެ. އީރާނުގައި އުފައްދާ ޝާހިދު މަރުކާގެ ޑްރޯންތަކެއް ވެސް އެ ޤައުމުން ރަޝިޔާއަށް ފޯރުކޮށްދީފައިވެއެވެ.

ރަޝިޔާއަށް މިސައިލްތަކެއް ފޯރުކޮށްދީފައިވާކަން އީރާނުން ރަސްމީ ސިފައެއްގައި ކަށަވަރު ކޮށްދީފައެއް ނުވެއެވެ. އެ ކަމާ ގުޅޭ ގޮތުން ރަޝިޔާގެ ދިފާޢީ ވުޒާރާއިން ވެސް ބަހެއް ބުނެފައެއް ނެތެއެވެ. އީރާނުން ރަޝިޔާއަށް 400 މިސައިލް ފޯރުކޮށްދީފައި ވަނީ ޖަނަވަރީ މަހު ދެ ޤައުމުގެ ދެމެދުގައި ހަދާފައިވާ އެއްބަސްވުމެއްގެ ދަށުންނެވެ.

އިރާނުން ރަޝިޔާއަށް މިސައިލްތަކެއް ފޯރުކޮށްދީފައި ވަނީ ޔޫކްރެއިނަށް އަރައި ރަޝިޔާގެ އިސްތިޢުމާރީ ސިފައިން ހަނގުރާމަ ފަށާފައިވާ ދަނޑިވަޅެއްގައެވެ. އެ ހަނގުރާމައިގައި އެމެރިކާއާއި ހުޅަނގުގެ ބާރުތަކުން ދަނީ ޔޫކްރެއިނަށް ހަތިޔާރު ފޯރުކޮށްދެމުންނެވެ. އެމެރިކާއާއި ހުޅަނގުން ޔޫކްރެއިނަށް ފޮނުވާފައިވާ ހަތިޔާރުގެ އަގު އެތަކެއް ބިލިޔަން އެމެރިކާ ޑޮލަރަކަށް އަރައެވެ. ރަޝިޔާއިން ދަނީ އުތުރު ކޮރެޔާއިން ވެސް ހަތިޔާރު ގަންނަމުންނެވެ.

އީރާނުގެ އަސްކަރީ އުފެއްދުންތަކުގެ ތެރޭގައި ހިމެނޭ މިސައިލާއި ޑްރޯންގެ އިތުރުން އެހެން އާލާތްތައް އެހެން ޤައުމުތަކަށް ވިއްކުން އދގެ ސަލާމަތީ މަޖިލީހުން އޮތީ ޤަރާރެއްގެ ދަށުން މަނާކޮށްފައެވެ. ނަމަވެސް, އެ ޤަރާރާ ޚިލާފަށް އީރާނުން އެކި ޤައުމުތަކަށް މިސައިލާއި ޑްރޯން ފަދަ ހަތިޔާރު ފޯރުކޮށްދެމުންދާ ކަމުގައި އެމެރިކާއާއި ވިލާތުގެ އިއްތިހާދުން ތުހުމަތު ކުރެއެވެ. އެ ކަމާ ގުޅުވައި އެމެރިކާއިން ވަނީ އީރާނާ ދެކޮޅަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުތައް އިތުރަށް ހަރުކަށި ކޮށްފައެވެ.

ރަޝިޔާއިން ހަތިޔާރު ގަނެ އެ ޤައުމުގެ އަސްކަރިއްޔާގެ ބާރުވެރި ކަން އިތުރު ކުރަމުންދާ ދަނޑިވަޅުގައި ޔޫކްރެއިނުން ވަނީ އެ ޤައުމުން ހަތިޔާރާއި ވަޒަނާއި ބޮން ހުސްވަމުންދާ ކަމަށް ބުނެފައެވެ. ޔޫކްރެއިނަށް އެންމެ ގިނައިން ހަތިޔާރު ފޯރުކޮށްދޭ އެމެރިކާގެ ސަރުކާރުން އިތުރު އަސްކަރީ ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސްގައި އޮތީ ހުރަސް އެޅިފައެވެ. އެ ކަމަށް ހުރަސް އަޅަމުން ދަނީ އިދިކޮޅު ރިޕަބްލިކަން ޕާޓީންނެވެ. އެ ޕާޓީން ދަނީ ޔޫކްރެއިނަށް އިތުރު ހަތިޔާރު ފޮނުވުމުގެ ހުއްދަ ހޯދުމަށް އެދި ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ ބިލާ ދެކޮޅު ހަދަމުންނެވެ.