ޚަބަރު

ޔަހޫދީ ފައުޖުން ލުބްނާނަށް ބޮން އަޅައި ތިން މީހުން ޝަހީދުކޮށްލައިފި


ލުބްނާނުގެ ދެކުނުގައި އޮންނަ ރަށަކަށް ޔަހޫދީ ފައުޖުން ވަރުގަދަ ޙަމަލާތަކެއްދީ ތިން މީހުން ޝަހީދުކޮށްލައިފިއެވެ. ޔަހޫދީންގެ ޙަމަލާތަކުގެ ޝިކާރައަކަށްވެ ޝަހީދުވެފައިވާ މީހުންގެ ތެރޭގައި ދެ ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ. ޝަހީދު ކޮށްލާފައިވާ ތިންވަނަ މީހަކީ ލުބްނާނުގައި ޙަރަކާތްތެރިވާ ހަތިޔާރު އެޅި ޙިޒްބުالله ޖަމާޢަތަށް ނިސްބަތްވާ ހަނގުރާމަވެރިއެކެވެ.

ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ލުބްނާނުގެ ސަރަޙައްދީ ރޮނގު ކައިރީގައި އޮންނަ އަލްބިލީދާ ކިޔާ އަވަށަކަށެވެ. ޔަހޫދީ ފައުޖުން ބުނީ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ ޙިޒްބުاللهގެ އަސްކަރީ މަރުކަޒަކަށް ކަމުގައެވެ. ޙިޒްބުاللهން ބުނީ ޔަހޫދީން ޙަމަލާ ދީފައި ވަނީ ޞިއްޙީ ޚިދުމަތްތައް ފޯރުކޮށްދޭ ޢިމާރާތަކަށް ކަމުގައެވެ. އަދި އެ ޙަމަލާގައި ގިނަ ޢަދަދެއްގެ އެމްބިޔުލާންސްތަކަށް ގެއްލުން ލިބިފައިވާ ކަމުގައެެވެ.

ލުބްނާނުގެ ސަލާމަތީ ޚިދުމަތްތަކުގެ މަސްދަރުތަކުން ބުނީ ޔަހޫދީންގެ ޙަމަލާތައް އަމާޒު ކޮށްފައި ވަނީ އިސްލާމިކް ހެލްތު ކޮމިޓީގެ މަރުކަޒަކަށް ކަމުގައެވެ. އޮކްޓޫބަރު 7 ވަނަ ދުވަހު ޔަހޫދީ ފައުޖުން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ލާއިންސާނީ ޢުދުވާނެއް ހިންގަން ފެށުމަށް ފަހު, ލުބްނާނުގެ ޙިޒްބުاللهއާއި ޔަހޫދީ ފައުޖާ ދެމެދު ކޮންމެ ދުވަހަކު ވެސް ދަނީ ޙަމަލާތައް ބަދަލު ކުރަމުންނެވެ.

އަލްބިލީދާގައި ހުންނަ ޞިއްޙީ މަރުކަޒަކަށް ޔަހޫދީ ފައުޖުން ޙަމަލާ ދިނުމާ ގުޅިގެން ޙިޒްބުاللهން ވަނީ އެ ކަމުގެ ބަދަލު ހިފުމުގެ ގޮތުން ޔަހޫދީންގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ ސިފައިންނަށް އަމާޒުކޮށް ޑްރޯން ޙަމަލާތަކެއް ދީފައެވެ. މީގެ އިތުރުން ޔަހޫދީންގެ އުތުރުގެ ރަށްތަކަށް އަމާޒުކޮށް ރޮކެޓް ޙަމަލާތަކެއް ވެސް ޙިޒްބުاللهން ވަނީ ދީފައެވެ. ނަމަވެސް, އެ ޙަމަލާތަކުގައި އެއްވެސް މީހެއްގެ ފުރާނައަށް ނުރައްކާވި ކަމެއް ސާފެއް ނޫނެވެ.

ހުސްވި ޖަނަވަރީ މަހު ވެސް ޔަހޫދީ ފައުޖުން ވަނީ ލުބްނާނުގެ ޞިއްޙީ މަރުކަޒަކަށް ވައިގެ ޙަމަލާތަކެއްދީ ޞިއްޙީ ޚިދުމަތްތެރިންގެ ގޮތުގައި މަސައްކަތް ކުރާ ދެ މީހުން ޝަހީދުކޮށްލާފައެވެ. އެ ޙަމަލާ ދީފައި ވަނީ ލުބްނާންގެ ދެކުނުގައި އޮންނަ ޙުނަޔިނަށެވެ.

ލުބްނާންގެ ޙިޒްބުاللهއަކީ ޣައްޒާގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތަށް ވާގިވެރިވާ ޖަމާޢަތެކެވެ. ޔަހޫދީ ފައުޖުގެ އަތްދަށުން ޣައްޒާ ހިމާޔަތް ކުރަން ޙަމާސް ޖަމާޢަތުން ކުރަމުންދާ ޖިހާދުގައި ޙިޒްބުاللهން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންނެވެ. އަދި ޔަހޫދީންގެ ޢުދުވާންތަކާ ދެކޮޅަށް ވަރުގަދަ ޙަމަލާތަކެއް ދެމުންނެވެ. އެ ޙަމަލާތަކުގައި ޔަހޫދީންގެ 10 ސިފައިންނާއި ޢާންމުންގެ ހަ މީހުން ވަނީ މަރައިލާފައެވެ.

އަލްބިލީދާއަށް ޙަމަލާދީ ތިން މީހުން ޝަހީދު ކޮށްލުމުން އޮކްޓޫބަރު 7 ވަނަ ދުވަހަށް ފަހު ޔަހޫދީންގެ އެ ފަދަ ޙަމަލާތަކުގައި ލުބްނާނުގައި ޝަހީދުކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 276އަށް އުފުލިފައެވެ. މީގެ ތެރޭގައި ޢާންމުންގެ 44 މީހުން ވެސް ހިމެނެއެވެ.