ޚަބަރު

އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެއްހެއްޓުމަށް ރައީސް ޚާއްސަ އިސްކަމެއްދެއްވާ: ޣައްސާން


  • އިންޑިއާ ކަނޑުގައި ޓްރޭޑް ރޫޓުތައް ގިނުވުމާއެކު ކަނޑުގައި ހިންގާ ކުށްތައް ގިނަ

  • އިންޑިއާ ކަނޑުގެ ސަލާމަތަށް ސަރަހައްދީ ޤައުމުތައް ގުޅިގެން މަސައްކަތް ކުރަންޖެހޭ

އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެއްހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްސަ އިސްކަމެއްދެއްވާކަމަށް ދިފާޢީ ވަޒީރު އަޙްމަދު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ އިންޑިޔާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޑިއާއާއި ރާއްޖެއާއި ސްރިލަންކާގެ ކޯސްޓްގާޑް ގުޅިގެން ކުރިއަށްގެންދާ މިއަހަރުގެ "ދޯސްތީ އެކްސަޒައިސް" އިފްތިތާޙުކޮށްދެއްވުމަށްފަހު ދެއްކެވި ވާހަކަފުޅުގައެވެ.

ވަޒީރު ވިދާޅުވީ އިންޑިއާ ކަނޑުގައި ޓްރޭޑް ރޫޓުތައް ގިނައިރު، ސަރަހައްދީ ޤައުމުތައް ގުޅިގެން ކަނޑުގެ ސަލާމަތީ ކަންކަން ބަލަހައްޓަންޖެހޭ ކަމަށެވެ. އެގޮތުން، ކަނޑުމަތީ ހިންގާ ޓެރަރިޒަމްގެ ޢަމަލުތަކާއި މޫސުމަށް އަންނަ ބަދަލުތަކުން ކަނޑުމަތީ ލިބިދާނެ ގެއްލުމަކުން ރައްކާތެރިވުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރަންޖެހޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ޣައްސާން ވިދާޅުވީ އިންޑިއާ ކަނޑުގައި އަމާންކަމާއި ސަލާމަތްތެރިކަން ދެމެހެއްޓުމަށް ރާއްޖޭގެ ދިފާޢީ ބާރު ވަރުގަދަކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޚާއްސަ އިސްކަމެއްދެއްވާކަމެއް ކަމަށެވެ.

"މެރިޓައިމް ޓެރަރިޒަމް، ޓްރާންސްނޭޝަނަލް ގްރާންޓްސް، އެކްސްޓްރީމް ވެދަރއަކީ އިންޑިއާ ކަނޑުގެ ސަލާމަތަށްޓަކާ އަޅުގަނޑުމެން ވިސްނަންޖެހޭ ކަންކަން. ސަލާމަތްތެރިކަން ދެމެހެއްޓުމަށް ސަރަޙައްދީ ޤައުމުތަކުގެ އެހީތެރިކަން ބޭނުންވާނެ. ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގެ ދިފާޢީ ބާރާއި ކޯސްޓްގާޑް ވަރުގަދަކުރުމަށް ރައީސް ޚާއްސަ އިސްކަމެއް ދެއްވާ." ޣައްސާން ވިދާޅުވިއެވެ.

އެކްސަސައިޒް ދޯސްތީއަކީ އިންޑިއާ ކަނޑުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަށް އިންޑިޔާއާއި ރާއްޖެއާ ގުޅިގެން 1991 ވަނަ އަހަރު ފެށި ޕްރޮގުރާމެކެވެ. މި ޕްރޮގުރާމާއި ސްރީލަންކާއިން ގުޅުނީ 2012 ވަނަ އަހަރުއެވެ.

އެކްސަސައިޒް ދޯސްތީގެ މަޤުސަދަކީ ޤައުމުތައް ގުޅިގެން އިންޑިއާ ކަނޑުގައި ސާޗް އެންޑް ރެސްކިޔު ނުވަތަ މީހުން ހޯދާ ސަލާމަތްކުރުމާއި ސިއްޙީ ކަންކަމުގައި މީހުން އުފުލުމާއި ކަނޑުމަތީ ފޭރުމުގެ ކަންކަން ހުއްޓުވުމާއި ކަނޑުމަތީ ދިމާވާ އެކި ކަންކަމުގައި އިންސާނީ އެހީ ފޯރުކޮށްދިނުންފަދަ ކަންކަން ކުރިއަށް ގެންދިޔުމެވެ.