ޚަބަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް 2 އަހަރު, ހުޅަނގުގެ ބައެއް ވެރިން ކީވަށް


ރަޝިޔާގެ އިސްތިޢުމާރީ ސިފައިން ޔޫކްރެއިނަށް އަރައި ހަނގުރާމަ ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހުއެވެ.

ހަނގުރާމައަށް ދެ އަހަރު ފުރިފައިވާއިރު, ޔޫކްރެއިނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަން ހާމަ ކުރުމުގެ ގޮތުން ހުޅަނގުގެ ބައެއް ޤައުމުތަކުގެ އިސްވެރިން ވަނީ ޔޫކްރެއިންގެ ވެރިރަށް ކީވަށް ވަޑައިގަންނަވާފައެވެ. އެ ބޭފުޅުންގެ ތެރޭގައި ކެނެޑާގެ ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯއާއި ބެލްޖިޔަމްގެ ބޮޑުވަޒީރު އަލެކްސާންޑަރ ޑެ ކްރޯއާއި އިޓަލީވިލާތުގެ ބޮޑުވަޒީރު ޖޯރްޖިޔާ މިލޯނީގެ އިތުރުން ވިލާތުގެ އިއްތިހާދު (އީޔޫ) ކޮމިޝަނުގެ ރައީސާ އުރްސުލާ ފޮން ޑެ ލަޔަން ހިމެނި ވަޑައިގަންނަވައެވެ. އެ ބޭފުޅުން ވަނީ ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީއާ ބައްދަލު ކުރައްވައި, ޔޫކްރެއިނަށް އަސްކަރީ އަދި މާލީ ގޮތުން އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިއޮންނާނެ ކަމުގެ ޔަގީން ކަން އަރުވާފައެވެ.

ރަޝިޔާގެ އިސްތިޢުމާރީ ސިފައިންގެ އަތްދަށުން މިނިވަން ކަން ހޯދަން ޔޫކްރެއިނުން ކުރަމުންދާ ހަނގުރާމައިގައި އެ ޤައުމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ބައެއް ބާވަތްތަކުގެ ހަތިޔާރު މަދުވުމެވެ. ޚާއްޞަ ގޮތެއްގައި އާޓިލަރީ ބަޑިއަށް ބޭނުންވާ ބޮން މަދުވެފައިވާ ކަން ޔޫކްރެއިނުން ފާހަގަ ކުރެއެވެ. އެ ކަން ހައްލު ކޮށްދޭން އިނގިރޭސިވިލާތުން ވަނީ ވަޢުދުވެފައެވެ.

އިނގިރޭސިވިލާތުގެ ދިފާޢީ ވުޒާރާއިން ބުނީ ޔޫކްރެއިނަށް ފައުޖުތަކަށް ބޭނުންވާ ބޮން ފޯރުކޮށްދިނުމަށް އެ ޤައުމުން މި އަހަރުގެ ތެރޭގައި 311 މިލިޔަން ޑޮލަރު ހޭދަ ކުރާނެ ކަމުގައެވެ. އެ ކަން އިޢުލާނު ކުރައްވާފައި ވަނީ އިނގިރޭސި ދިފާޢީ ވަޒީރު ގްރޭންޓް ޝެޕްސެވެ. އެ ކަން އިޢުލާނު ކޮށްފައި މި ވަނީ ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް ދެ އަހަރު ފުރުމާ ދިމާކޮށެވެ.

"ބައިނަލްއަޤުވާމީ މުޖުތަމަޢުގެ އެހީތެރިކަމާ ނުލައި ޔޫކްރެއިނަށް މި ހަނގުރާމަ ކާމިޔާބެއް ނުކުރެވޭނެ. ޔޫކްރެއިނަށް އަސްކަރީ ސާމާނާއި ހަތިޔާރު ފޯރުކޮށްދިނުމުގައި އިނގިރޭސިވިލާތުން ދެމިއޮންނާނެ ސަބަބަކީ މިއީ،" ޝެޕްސް ވިދާޅުވިއެވެ. ރަޝިޔާ-ޔޫކްރެއިން ހަނގުރާމަ ފެށި ފަހުން އިނގިރޭސިވިލާތުން ވަނީ 8.8 ބިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ފޯރުކޮށްދޭން ވަޢުދުވެފައެވެ.

ހަތިޔާރުގެ ޢަަދަދު މަދުވެފައިވާ ކަމަށް ބުނެ, ޔޫކްރެއިނުން ވަނީ އެ ކަން ހުޅަނގުގެ ޤައުމުތަކުގެ ސަމާލުކަމަށް ގެނެސްފައެވެ. ރަޝިޔާގެ ފައުޖުތަކާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ޔޫކްރެއިނަށް އަސްކަރީ ގޮތުން އެންމެ ބޮޑަށް އެހީތެރިކަން ފޯރުކޮށްދެމުން ދަނީ އެމެރިކާއާއި ނޭޓޯގެ މެންބަރު ޤައުމުތަކުންނެވެ.

ނަމަވެސް, އެމެރިކާއިން އިތުރު އެހީ ހޯދުމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. ޔޫކްރެއިނަށް ހަތިޔާރު ފޮނުވަން ބޭނުންވާ ބަޖެޓު ފާސްކޮށްދިނުމަށް އެ ޤައުމުގެ ޤާނޫނު ހަދާ މަޖިލިސް, ކޮންގްރެސްގައި ރިޕަބްލިކަން ޕާޓީން ދަނީ ހުރަސް އަޅަމުންނެވެ. އެމެރިކާއިން ޔޫކްރެއިނަށް މިހާތަނަށް 44 ބިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީތެރިކަން ފޯރުކޮށްދީފައިވާއިރު, ރައީސް ޖޯ ބައިޑަން ވަނީ މި ކަމަށް އިތުރު 60 ބިލިޔަން އެމެރިކާ ޑޮލަރު ހޯދުމަށް އެދި ކޮންގްރެސަށް ހުށަހަޅުއްވާފައެވެ.

ޔޫކްރެއިނަށް ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ ހަތިޔާރު ފޯރުކޮށްދެމުން ދަނީ ޖަރުމަނުވިލާތުންނެވެ. ހަނގުރާމަ ފެށި ފަހުން ޖަރުމަނުން ވަނީ 30.2 ބިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ފޮނުވާފައެވެ. އަދި ވިލާތުގެ އިއްތިޙާދުން ވަނީ 6.5 ބިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީތެރިކަން ޔޫކްރެއިނަށް ފޯރުކޮށްދީފައެވެ. ކެނެޑާއިން ވަނީ 2.4 ބިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ އެހީ ވަޢުދުވެފައެވެ.