ޚަބަރު

ދިއްދޫގެ އައު ހޮސްޕިޓަލާއި އެއަރޕޯޓް ޙަޤީޤަތަކަށްވާނެ: ރައީސް


  • ރައީސް ވިދާޅުވި ޚާއްސަ އިސްކަން ދެއްވައިގެން ހޮސްޕުޓަލް ތަރައްޤީކޮށްދެއްވާނެކަމަށް

  • ވަޢުދުވެވަޑައިގެންގޮތަށް އެއަރޕޯޓް މަޝްރޫޢު ކުރިއަށްގެންދަވާނެ

  • ދިއްދޫ ބިން ހިއްކުންވެސް ކުރިއަށްދާނެ

ރިޔާސީ ކެމްޕޭންގެ ތެރެއިން ވަޢުދުވަޑައިގެންނެވިގޮތަށް ހއ.ދިއްދޫ ޑޮމެސްޓިކް އެއަރޕޯޓްގެ މަސައްކަތް ޙަޤީގަތަކަށް ހައްދަވައިދެއްވާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ އުތުރަށް މިހާރު ކުރައްވަމުންގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ. ދިއްދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ހއ. ދިއްދޫއަށް ވަޑައިގަތީ ރޭގެ ވަގުތެއްގައެވެ. މި ދަތުރުފުޅުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ދިއްދޫގެ ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރައްވާ ކޮމިޓީއާއި ބައްދަލުކުރައްވާފައެވެ. އަދި އެއަށްފަހު ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާފައެވެ. ރައްޔިތުންނާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު ކުރިއެރުވުމަށް، ރާއްޖެ މިހާރު އޮތްގޮތަށް ބޮޑެތި ބަދަލުތަކެއް އަންނަންޖެހޭކަމަށެވެ.

ރައީސް ވިދާޅުވީ، ރާއްޖެ އުފެދިފައި އޮތްގޮތުން ރާއްޖޭގެ ކުރިއެރުމާއި އިޤްތިޞާދަށް، ރަނގަޅު ދަތުރުފަތުރުގެ ނިޒާމަކީ އެންމެ މުހިންމު މަސައްކަތްކަމަށެވެ. އެމަނިކުފާނު ވިދާޅުވީ ރާއްޖޭގައި ގިނަ އެއަރޕޯޓްތަކެއް އެޅުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާތީ އެކަމަށް މީހުންގެ ފާޑުކިޔުންވެސް ވަރަށް ބޮޑަށް އަމާޒުވާކަމަށެވެ.

މިކަމަށް ރައްދު ދެއްވައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރަނގަޅު ދަތުރުފަތުރުގެ ނިޒާމެއްނެތި ރާއްޖެ މިހާރު އޮތް ހިސާބުން ދެން ކުރިއަށް ދެވެން ނެތްކަމަށެވެ. ސަރުކާރުން މިހާތަނަށް ވަނީ ރާއްޖޭގެ ދެކުނުގައި ދެ އިންޓަރނޭޝަނަލް އެއަރޕޯޓެއް ތަރައްޤީކުރަން ބޭރުގެ ދެ ކުންފުންފުންޏަކާއި ޙަވާލުކުރައްވާފައެވެ.

މީގެއިތުރުން ރައީސްގެ ކެމްޕެއިންގައި ވަނީ ދިއްދޫގައި އެތެރޭގެ އުދުހުންތަކަށް ޚާއްސަ އެއަރޕޯޓެއް ތަރައްޤީކުރެއްވުމަށް ވަޢުދުގެވަޑައިގެންފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ވަޢުދުވެވަޑައިގެންނެވިގޮތަށް، މި މަޝްރޫޢު ހަޤީގަތަކަށް ހައްދަވައިދެއްވާނެކަމަށެވެ. މިއާއެކުއެކީގައި ދިއްދޫގެ ބިން ހިއްކުމުގެ މަޝްރޫޢުވެސް ހިންގަވައިދެއްވާނެކަމަށް، ދިއްދޫގެ ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސް ވަނީ ވިދާޅުވެފައެވެ.

"ރާއްޖޭގެ ތަރައްޤީއަށް ކޮންމެހެން ބޭނުންކަމެއް އެއަރޕޯޓަކީ. ބައެއް ތަންތަނުގައި އިންޓަރނޭޝަނަލް އެއަރޕޯޓް އަދި ޑޮމެސްޓިކް އެބަހިމެނޭ. ވަރަށް ފާޑުކިޔުންވެސް އަމާޒުވޭ. އެއަރޕޯޓް ވާހަކައަކީ ރައްޔިތުން ހިތްހަމަޖައްސާލަން ބުނާ އެއްޗެއް ނޫން. މިއާއެކު އެރަށް އިންވެސްޓްމަންޓްތަކެއް އަންނާނެ." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ދިއްދުއާއި މި ސަރަޙައްދަށް އެންމެ އިސްކަން ދެއްވާ މަޝްރޫޢުގެ ގޮތުގައި ސަރަޙައްދުގެ ސިއްޙީ ޚިދުމަތް ރަނގަޅުކުރުމަށް ބޮޑު ޕްރޮޖެކްޓެއް ހިންގަވައިދެއްވާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެގޮތުން ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު އައު ހޮސްޕިޓަލެއް ތަރައްޤީކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

ރައީސް ވިދާޅުވީ، ރާއްޖޭގެ އިޤްތިޞާދު އޮތްގޮތުން ސަރުކާރުގެ ބަޖެޓުން ބޮޑެތި މަޝްރޫޢުތައް ހިންގުމަކީ މިހާރު ބަޖެޓަށް ބުރަ ކަމެއްކަމަށެވެ. އެހެންކަމުން މިފަދަ ބޮޑެތި މަޝްރޫޢުތައް ހިންގުމުގައި ކޮންޓްރެކްޓަރ ފައިނޭންސް އުޞޫލުން އިންވެސްޓްމަންޓް ހޯއްދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެގައެވެ.

"ސީޓީ ސްކޭންގެ ޚިދުމަތްވެސް މިހާރު ނެތް. އެމްބިއުލާންސްވެސް އިތުރަށް ބޭނުންވޭ. ފަންޑިން ހަމަޖެހުނުހާ އަވަހަށް އާ ހޮސްޕިޓަލްގެ މަސައްކަތް ފަށާނަން. މިއީ ސަރުކާރުން މިރަށަށް އެންމެ ޚާއްސަ އިސްކަން ދޭނެ މަސައްކަތް." ރައީސުލްޖުހޫރިއްޔާ ވިދާޅުވިއެވެ.

މީގެއިތުރުން ދިއްދޫގެ ބިން ހިއްކުމާއި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގައިދިނުމާއި ކުޅިވަރު ކުރެވޭނެ ފެސިލިޓީތައް ޤާއިމުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ. ދިއްދޫއަކީ އަތޮޅުގެ ވެރިކަންކުރާ ރަށަށް ވުމާއެކު ޚިދުމަތްތައް ހޯދުމަށްވެސް ގިނަ ޢަދަދެއްގެ ބަޔަކު ކޮންމެ ދުވަހަކުވެސް ރަށަށް އަރާ ފައިބައެވެ. ދިއްދޫގެ އާބާދީވެސް އުޅެނީ 3000 އިން މަތީގައެވެ.