ޚަބަރު

ރަޝިޔާ-ޔޫކްރެއިން ހަނގުރާމައަށް 2 އަހަރު, މަރުވި ޢާންމުންގެ ޢަދަދު 10,000އަށް


2022 ވަނަ އަހަރުގެ ފެބުރުވަރީ މަހުގެ 24 ވަނަ ދުވަހު ރަޝިޔާ ސިފައިން ޔޫކްރެއިނަށް އަރައި ފެށި ހަނގުރާމައިގައި މިހާތަނަށް ޢާންމުންގެ 10,378 މީހުންގެ ފުރާނަ ގެއްލިފައިވާ ކަމުގައި އދގެ ތަފާސްހިސާބުތަކުން ހާމަވެއްޖެއެވެ.

ހަނގުރާމައިގައި ރަޝިޔާގެ އިސްތިޢުމާރީ ފައުޖުން ވަނީ ޔޫކްރެއިންގެ ބައެއް ސަރަޙައްދުތަކަށް އަތްގަދަ ކޮށްފައެވެ. އޭގެ ތެރޭގައި ޔޫކްރެއިންގެ އިރުމަތީގައި އޮންނަ ދޮންބާސްގެ ދެ ސަރަޙައްދެއް ކަމުގައިވާ ލުހާންސްކާއި ދޮންޏެސްކުގެ އިތުރުން ދެކުނުގައި އޮންނަ ޒަޕޮރީޜިޔާގެ ބައެއް ސަރަޙައްދުތައް ހިމެނެއެވެ.

އދން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ފެންނަ ގޮތުގައި ހަނގުރާމައިގައި މަރުވެފައިވާ 10,378 މީހުންގެ ތެރެއިން 8,095 މީހުން މަރުވެފައި ވަނީ ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުންނެވެ. ބާކީ 2,283 މީހުންނަކީ ޔޫކްރެއިންގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގައި މަރުވެފައިވާ މީހުންނެވެ. ނަމަވެސް ޔޫކްރެއިންގެ ސަރުކާރުން ބުނީ ރަޝިޔާގެ ޙަމަލާތަކުގައި މަރުވެފައިވާ ޢާންމުންގެ ޢަދަދު 50,000އަށް އުފުލިފައިވާ ކަމުގައެވެ.

ހަނގުރާމައިގައި މިހާތަނަށް ޢާންމުންގެ 19,632 މީހުން ޒަޚަމުވެފައިވާ ކަމަށް އދން އަންދާޒާ ކުރެއެވެ. އޭގެ ތެރެއިން 16,257 މީހުންނަކީ ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ސަރަޙައްދުތަކުގެ ރައްޔިތުންނެވެ. ހަނގުރާމައިގައި ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމަށް ރިޕޯޓު ކޮށްފައިވާ މީހުންގެ ޢަދަދު 23,000އަށް އަރާ ކަމުގައި ވެސް އދން ބުނެއެވެ. އެއީ ޖަނަވަރީ މަހުގެ 31 ވަނަ ދުވަހާ ހަމައަށް މަރުވެފައިވާ އަދި ޒަޚަމުވެފައިވާ ޢާންމުންގެ ތަފާސްހިސާބެވެ.

ތިންވަނަ އަހަރަކަށް ހަނގުރާމަ ދިގުދެމިގެން ގޮސްފައިވާ ދަނޑިވަޅުގައި ޔޫކްރެއިނުގެ ފައުޖުތައް ބަލިކަށިވެފައިވާ ކަމަށް އެ ޤައުމުން ބުނެއެވެ. ޔޫކްރެއިންގެ ސިޔާދަތީ މިނިވަން ކަމުގެ ދިފާޢުގައި ހަނގުރާމަ ކުރަމުންދާ ފައުޖުތަކަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ހަތިޔާރު މަދުވުމެވެ. އެ ގޮތުން އާޓިލަރީ ބަޑިއަށް ބޭނުންވާ ބޮން ހުސްވަމުންދާ ކަން ޔޫކްރެއިނުން ވަނީ ފާހަގަކޮށްފައެވެ. އަދި އެ ފަދަ ހަތިޔާރު ހޯދުމަށް ޔޫކްރެއިނުން ދަނީ ހުޅަނގުގެ ޤައުމުތަކުގައި އާދޭސް ކުރަމުންނެވެ.

2022 ވަނަ އަހަރު ޚާއްޞަ އަސްކަރީ ޙަރަކާތެއްގެ ނަމުގައި ރަޝިޔާ ސިފައިން ޔޫކްރެއިނަށް އެރުމުން މުޅި ދުނިޔެ ވެސް ގަބޫލު ކުރީ މަދު ދުވަސްކޮޅެއްގެ ތެރޭގައި ރަޝިޔާ ސިފައިން ކާމިޔާބީ ހޯދާނެ ކަމުގައެވެ. އަދި, ރަޝިޔާއިން ވެސް ހީކުރެވިފައި އޮތީ ކުރު މުއްދަތެއްގެ ތެރޭގައި އެ ޤައުމުގެ އަސްކަރީ އަމާޒުތައް ޙާޞިލް ކުރެވޭނެ ކަމުގައެވެ. ނަމަވެސް ޔޫކްރެއިިންގެ ފައުޖުތަކުން ވަނީ ރަޝިޔާގެ އިސްތިޢުމާރީ ސިފައިންނާ ކުރިމަތިލައި އެ ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ހިމާޔަތް ކުރުމަށް ދިފާޢުގައި ހަނގުރާމަ ކުރަން ފަށާފައެވެ.

ރަޝިޔާގެ އިސްތިޢުމާރީ ސިފައިން އަތްގަދަ ކޮށްފައިވާ ސަރަޙައްދުތައް މިނިވަން ކުރުމަށް ޔޫކްރެއިނުން ވަނީ 2023 ވަނަ އަހަރުގެ ފަހުކޮޅު ރައްދު ޙަމަލާގެ އަސްކަރީ ޙަރަކާތެއް ފަށާފައެވެ. ނަމަވެސް އެ ޙަރަކާތުގައި ބޮޑެތި ކުރިއެރުންތަކެއް ހޯދިފައެއް ނުވެއެވެ. ޔޫކްރެއިންގެ ރައީސް ވޮލޮޑޮމީރް ޒެލެންސްކީ ވިދާޅުވީ އެ ކަމަށް އޮތް އެންމެ ބޮޑު ހުރަހަކީ އެމެރިކާއާއި ހުޅަނގުން ހަތިޔާރު ލިބުން ލަސްވުން ކަމުގައެވެ.

ހަނގުރާމައިގައި ޔޫކްރެއިނަށް އެންމެ ބޮޑު އަސްކަރީ އެހީތެރިކަމެއް ފޯރުކޮށްދެމުން ދަނީ އެމެރިކާއިންނެވެ. އެމެރިކާއިން މިހާރު ވެސް ދަނީ 60 ބިލިޔަން އެމެރިކާ ޑޮލަރުގެ އަސްކަރީ ސާމާނު ޔޫކްރެއިނަށް ފޮނުވަން ތައްޔާރުވަމުންނެވެ. ނަމަވެސް އެމެރިކާގެ ޤާނޫނު ހަދާ މަޖިލިސް ކޮންގްރެސްގައި އެ ކަމަށް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ. އެ ގޮތުން އިދިކޮޅު ރިޕަބްލިކަން ޕާޓީގެ މެންބަރުން ގެންދަވަނީ ރައީސް ޖޯ ބައިޑަން ހުށަހަޅުއްވާފައިވާ ބިލާ ދެކޮޅަށް މަސައްކަތް ކުރައްވަމުންނެވެ.

ނަމަވެސް އިނގިރޭސިވިލާތުން ދާދިފަހުން ވަނީ ޔޫކްރެއިންގެ ފައުޖުތަކަށް ތަސައްލީއެއް ހޯދައިދޭނެ ކަން އިޢުލާނު ކޮށްފައެވެ. އަދި ޔޫކްރެއިނަށް ބޭނުންވާ އާޓިލަރީ ބޮން ފޯރުކޮށްދޭން މި އަހަރުގެ ތެރޭގައި 311 މިލިޔަން އެމެރިކާ ޑޮލަރު ހޭދަ ކުރާނެ ކަން އިޢުލާނު ކޮށްފައެވެ.

ހަނގުރާމައިގެ މައިދާނުގައި ރަޝިޔާގެ އިސްތިޢުމާރީ ފައުޖުން ވަނީ ފެބުރުވަރީ 17 ވަނަ ދުވަހު ދޮންޏެސްކުގެ ރަށެއް ކަމުގައިވާ އަވްދީވްކާއަށް އަތްގަދަ ކޮށްފައެވެ. އެ ކަން ކާމިޔާބު ކުރެވުނީ އެ ރަށް ދިފާޢު ކުރަން ހަނގުރާމަ ކުރަމުން ދިޔަ ޔޫކްރެއިން ފައުޖަށް ބޭނުންވާ މިންވަރަށް ހަތިޔާރު ނުލިބުމުން ކަމުގައި ޒެލެންސްކީ ވިދާޅުވިއެވެ. ރަޝިޔާގެ ފައުޖުން މިހާރު މަސައްކަތް ކުރަނީ އަވްދީވްކާ ކައިރީގައި އޮތް މަރިޔިންކާއަށް އަތްގަދަ ކުރުމަށެވެ. މަރިޔިންކާއަށް ދީފައިވާ ޙަމަލާތަކުގައި އެ ރަށުގެ ބޮޑު ބައެއް މިހާރު ވެސް އޮތީ ސުންނާފަތިވެފައެވެ.

ހަނގުރާމައިގައި މަރުވެފައިވާ ސިފައިންގެ ޢަދަދުތައް ހާމަ ކުރަން ޔޫކްރެއިނާއި ރަޝިޔާއިން ވެސް ދަނީ ދެކޮޅު ހަދަމުންނެވެ. ނަމަވެސް, 2023 ވަނަ އޮގަސްޓު މަހާ ހަމައަށް މަރުވެފައިވާ ރަޝިޔާ ސިފައިންގެ ޢަދަދު 70,000 އަރާ ކަމުގައި އެމެރިކާއިން އަންދާޒާ ކުރެއެވެ. އަދި, 100,000އާއި 120,000އާ ދެމެދުގެ ޢަދަދެއްގެ ރަޝިޔާ ސިފައިން ޒަޚަމުވެފައިވާ ކަމުގައި ވެސް އެމެރިކާއިން ޤަބޫލު ކުރެއެވެ. ލީކު ކޮށްލާފައިވާ އެމެރިކާގެ ޖާސޫސީ އިދާރާގެ ލިޔެކިޔުންތަކެއްގައި ފަހުން ބުނެފައި ވަނީ ރަޝިޔާގެ 315,000 އެއްހާ ސިފައިން މަރުވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމުގައެވެ.