ތިމާވެއްޓާއި ރަށްޓެހި ނުވަތަ އީކޯ ޓޫއަރިޒަމްގެ ބިޔަ މަޝްރޫޢެއް ހއ.ބާރަށުގައި ސަރުކާރުން ކުރިއަށް ގެންގޮސްދެއްވާނެކަަމށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙާއްމަދު މުޢިއްޒު މިހެން ވިދާޅުވީ ރާއްޖޭގެ އުތުރަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހއ.ބާރަށަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ބާރަށު ރައްޔިތުންނާއި ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެ ރަށުގެ ތަރައްޤީއަށް ސަރުކާރުން ކުރިއަށްގެންދެވުމަށް ނިންމަވާފައިވާ މަސައްކަތްތަކާއި ގުޅޭ ތަފްސީލްތައް ޙިއްސާކުރައްވާފައެވެ. އެގޮތުން ބާރަށަކީ ގުދުރަތީ ވެށީގެ ތަނަވަސްކަން އޮތް ރަށެއްކަމަށާއި އެހެންކަމުން ރަށުގެ ވެށީގެ ބޭނުން ހިފޭގޮތަށް އިކޯ ޓުއަރިޒަމް ބޮޑު މަޝްރޫޢުއެއް ހިންގަވައިދެއްވުމަށް ސަރުކާރުން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
"އިޤްތިޞާދު ރަނގަޅުކުރުމަށް މިރަށުގައި ކުރިއަށްގެންދާނެ އެންމެ ބޮޑު މަސައްކަތަކީ އިކޯ ޓުއަރިޒަމްގެ ބޮޑު މަޝްރޫޢު. މި މަސައްކަތަށް އިންޓަނޭޝަނަލް ބިޑިންއަކަށް ހުޅުވާލާނަން. މިއީ ރަށަށް ފައިދާ ބޮޑުވާނެ މަޝްރޫޢުއެއް." ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެގައެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ބައިނަލްއަޤްވާމީ ބިޑިންއަކަށް ހުޅުވާލައިގެން އިކޯ ޓުއަރިޒަމް މަޝްރޫޢު ކުރިއަށްގެންދަވާނީ ޕްރައިވެޓް ސެކްޓަރއަށް ފުރުޞަތު އިތުރުކުރުންކަމަށެވެ. އަދި މި މަޝްރޫޢުގެ ސަބަބުން ރަށުގައި ވަޒީފާގެ ފުރުޞަތުތަކާއި އާމްދަނީ އިތުރުވެ، އާއި ރަށުގެ އާއްމު ޙަލަތުވެސް ރަނގަޅުވެގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިކޯ ޓުއަރިޒަމް މަޝްރޫޢު ކުރިއަށްގެންދާއިރު ރަށުގެ ވަށަ މަގު ނުވަތަ "ރިންގް ރޯޑް" ޒަމާނީ ފެންވަރަށް ތާރުއަޅައިގެން ތަރައްޤީކުރައްވާނެކަމަށެވެ. އަދި ރަށުގެ ޖެޓީ މަރާމާތުކޮށް ތަރައްޤީކޮށް، މިހާރަށްވުރެ ފަސޭހައިން ރަށަށް އަރާފޭބޭނެ ގޮތް ހަމަޖައްސަވައިދެއްވާނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
މީގެއިތުރުން ރަށުގައި މުޅިން އަލަށް ބޮޑު މިސްކިތެއް ބިނާކުރުމުގެ މަސައްކަތް ކުރިއަށްދާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. މީގެއިތުރުންވެސް ކައުންސިލް ބައްދަލުވުމުގައި ކައުންސިލުން ޙިއްސާކުރި މަސައްކަތްތައްވެސް އިސްކަންދޭ ތަރުތީބުން ކުރިއަށްގެންދަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ،